ދުނިޔެ

ވެކްސިނަށް އިތުބާރު ނުކުރާތީ ދުނިޔެއަށް ނުރައްކާ!

ވެކްސިން ދިނުމާމެދު އާންމުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ނުރައްކާތެރި ބަލިތަކުން ރައްކާތެރިވެ ތިބުމަށް ބައިނަލް އަގުވާމީ ފެންވަރުގައި ކުރާ މަސައްކަތަށް ހުރަސް އެޅެމުންދާ ކަމަށް ދުނިޔޭގެ ސިއްހީ މާހިރުން ވިދާޅުވެއްޖެ އެވެ.

ވެކްސިން ދިނުމާއި ގުޅޭގޮތުން މީހުން ދެކޭ ގޮތް ދެނެގަތުމަށް މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު ދިރާސާއިން ދައްކާ ގޮތުގައި ވެކްސިން ދިނުމާމެދު މީހުންގެ ތެރޭގައި އޮންނަ އިތުބާރު ދަށަށް ދާކަމަށް ވަނީ ފާހަގަ ވެފަ އެވެ.

"ވެލްކަމް ޓްރަސްޓް" ޖަމިއްޔާއިން ކޮށްފައިވާ ދިރާސާގައި 140 ގައުމަކުން 140،000 އަށްވުރެ ގިނަ މީހުންގެ ހިޔާލު ހޯދާފައި ވެއެވެ. އެ ދިރާސާގައި ވެކްސިން ދިނުމަކީ ރައްކާތެރި ކަމެއްތޯ ސުވާލު ކުރެވުމުން 79 ޕަސެންޓް މީހުން ބުނެފައިވަނީ އެއީ ރައްކާތެރިކަމެއްގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ. އަދި ހަތް ޕަސެންޓް މީހުން އެއީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫންކަމަށް ބުނާއިރު 14 ޕަސެންޓް މީހުން ވަކި ގޮތަކަށް ނިންމަން ޖެހިލުން ވިއެވެ.

ވެކްސިން ދިނުމުން ފައިދާއެއް ކުރާކަން ގަބޫލު ކުރަންތޯ އެހުމުން 84 ޕަސެންޓް މީހުން ވެކްސިން ދިނުމުން ފައިދާ ކުރާ ކަމަށް ގަބޫލު ކުރެއެވެ. އަދި ފަސް ޕަސެންޓް މީހުން ވެކްސިން ދިނުމުން އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ބުނާއިރު 12 ޕަސެންޓް މީހުނަށް ވަކި ގޮތަކަށް ނިންމާކަށް ނޭނގުނެވެ.

ޑަބްލިއުއެޗްއޯއިން ނެރެެފައިވާ ރިޕޯޓުގައިވާ ގޮތުން ސިއްހީ ދުޅަހެޔޮ ކަމަށް އޮތް އެންމެ ބޮޑު ބިރަކީ ވެސް ވެކްސިން ދިނުމަށް ޖެހިލުމެވެ.

ވެކްސިން ދިނުމުން މީހާ ބަލިކަށިކޮށްލާ ފާނަބަސަންދު ފަދަ ނުރައްކާތެރި ބަލިތަކުން ދިފާއު ކޮށްދޭ ކަމުގެ ސައިންޓިފިކް ހެކި ލިބިފައިވާއިރު ވެކްސިންގެ ސަބަބުން ހިމަބިހި މިހާރު ވަނީ ދުނިޔެއިން ނައްތާލެވިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕޯލިއޯ ފަދަ ނުރައްކާތެރި ބަލިތައް ނައްތާލުމުގައި ވެކްސިންގެ ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވަނީ ހޯދާފަ އެވެ.

ނަމަވެސް ވެކްސިން ދިނުމަށް ޖެހިލުންވެ ވެކްސިން ދިނުމާމެދު އިތުބާރު ނެތުމުގެ ސަބަބުން ނައްތާލަން ގާތްވެފައިވާ ބައެއް ބަލިތައް އަލުން އިޔާދަ ވަމުންދާތީ ޑަބްލިއުއެޗްއޯ އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.