ވިޔަފާރި

ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ!

Jun 19, 2019

ކަސްޓަމަރުންނަށް ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަން މަސައްކަތް ކުރާތީ އެކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަނެއްކާ ވެސް އިލްތިމާސް ކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އެހެން ކުންފުނިތަކާއި އިދާރާތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދި، ކާޑުގެ މައުލޫމާތާއި ސެކިޔުރިޓީ ކޯޑު އަދި ޕިން ހޯދަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެމުންދާ ކަމަށެވެ. އަދި ފަހަކަށް އައިސް މި ފަދަ ހާދިސާތައް އިތުރުވަމުންދާ ކަމަށެވެ.

ގައުމީ ބޭންކުން ބުނީ މި ފަދަ އަމަލުތައް ހިންގާ ފަރާތްތަކުން ކުރަމުންދާ މަސައްކަތާއި އަޅާބަލާއިރު ނިސްބަތުން މަދު ބަޔަކަށް ގެއްލުން ލިބުނުނަމަވެސް، ބޭންކުގެ އިލްތިމާސަކީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވެ، ހުރިހާ ވަގުތެއްގައި ވެސް މިފަދަ ކަންކަމުން ރައްކާތެރިވެގެން ތިބުމަށެވެ. އަދި ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ވާހަކަ ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.

"ހަމަ އެހެންމެ ބޭންކުން ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކޮށް ދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މައުލޫމާތުތައް ހިއްސާކޮށްދިނުމަށް ބޭންކުން އެއް ގޮތަކަށް ވެސް ނޭދޭނެ އެވެ. އަދި އެ ފަދަ ކޯލް ތަކަށް ކަސްޓަމަރުން ޖަވާބު ނުދީ އިތުރަށް ސަމާލުވުމަށް އެދެމެވެ،" ބޭންކުން ބުނެފައިވެ އެވެ.

ބޭންކުން ވަނީ އާއްމުން ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަން ހައިލައިޓް ކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ:

  • އެއްވެސް ފަރާތަކަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުން
  • ކަސްޓަމަރުންނަށް އަންނަ މި ފަދަ ފޯން ކޯލްތަކަށް އިތުރަށް ސަމާލުވެ، އެ ފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމާއި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުން
  • އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ދެވިފައިވާނަމަ ނުވަތަ އެކައުންޓުން ގޮތްނޭނގޭ މުއާމަލާތެއްކޮށްފައިވާކަން އެނގިއްޖެނަމަ ވަގުތުން ބޭންކަށް އަންގައި ކާޑު ބްލޮކް ކޮށް، އައު ކާޑެއް ހެއްދުން

ކާޑުގެ މައުލޫމާތު ހޯދުމަށާއި އެހެން ގޮތްގޮތުން ވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކަށް ސަމާލުވާން ބީއެމްއެލް އިން އަބަދުވެސް އިލްތިމާސް ކުރެ އެވެ.

ބޭންކުން ތަކުރާރުކޮށް ބުނަމުން ގެންދަނީ އީމެއިލް އާއި އެސްއެމްއެސް ނުވަތަ ފޯނު ކޯލު މެދުވެރިކޮށް ކާޑު ނަމްބަރު ނުވަތަ ކާޑުގެ ސީވީސީ ކޯޑު ނުވަތަ ކާޑުގެ މުއްދަތު ހަމަވާ ތާރީހުއެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫޒާ ނަމާއި ޕާސްވޯޑް ހޯދުމަށް ފޮނުވާ އީމެއިލް ތަކަށް ޖަވާބު ނުދޭން ވެސް ބޭންކުން އެދެ އެވެ.