ހަބަރު

ދިވެހި ޓެކް ޒުވާނުންނަށް ބޭރުގެ ޖަމިއްޔާއަކުން ރަނުގެ ފުރުސަތެއް!

Jun 19, 2019

މާލީ ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ މަޝްހޫރު ޖަމިއްޔާއެއް ކަމަށްވާ އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން (އަފީ) އިން މާލީ ޓެކްނޮލޮޖީ ހައްލު ގެނެސްދޭ އުފެއްދުންތައް ތައްޔާރު ކުރުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލި ޖަމިއްޔާއަކީ ފުދުންތެރިކަން ކުޑަ އާބާދީ ތަކަށް މާލީ ގޮތުން ކުރެވިދާނެ މަސައްކަތްތައް ހޯދައިދީ، ފައިނޭންޝަލް އިންކްލޫޝަންއާ ގުޅޭ ޕޮލިސީ އާއި ރެގިއުލޭޝަން ތައްޔާރު ކުރުމުގައި ހަރަކާތްތެރިވާ ބައެކެވެ.

އަފީ ޖަމިއްޔާއަކީ ވޯލްޑް ބޭންކް އާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އިން ދިވެހި ޒުވާނުންނަށް ހުޅުވާލާފައިވަނީ ފައިނޭންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ސޮލިއުޝަން އީޖާދުކުރުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތެވެ.

ރާއްޖޭން އެ ޖަމިއްޔާ ތަމްސީލް ކުރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އަފީ ޖަމިއްޔާ އިން މާލީ ޓެކްނޮލޮޖީ ސޮލިއުޝަން އުފައްދާ ފަރާތްތަކަށް ހާއްސަ ދާއިރާތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

އަފީ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ފައިނޭންޝަލް ޓެކްނޮލޮޖީ އިން ހޮވޭ 14 ސޮލިއުޝަނެއް، މި އަހަރުގެ ސެޕްޓެމްބަރު މަހު ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮންނަ އަފީ ގްލޯބަލް ޕޮލިސީ ފޯރަމް އަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެމްއެމްއޭ އިން ވަނީ އަފީގެ މި ފުރުސަތާ ބެހޭ މައުލޫމާތު އެ އޮތޯރިޓީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާ ކޮށްފަ އެވެ. އަދި ޒުވާނުންނަށް މި ފުރުސަތު ބޭނުން ހިފަށް ވަނީ އެދިފަ އެވެ.