ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަތޯ ބަލަން ފާސްކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަތޯ ބަލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތިން ހުށަހެޅުމަަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. ފުރަތަމަ ހުށަހެޅުމަކީ ސުޕްރީމް ކޯޓުން މަޖިލީހާ ގުޅޭ ގޮތުން މިދިޔަ ހޯމަ ދުވަހާއި އިއްޔެ ނެރުނު އަމުރުން މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލަ ބަލުމަށެވެ. އެ އިސްލާހު ވޯޓުގައި ބައިވެރިވެވަޑައިގަތް 69 މެންބަރުންގެ އިއްތިފާގުން ފާސްވި އެވެ.

އާޒިމްގެ ދެވަނަ ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ޝަރުތުތައް ހަމަވޭތޯ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށެވެ. އެ އިސްލާހު 66 މެންބަރުންގެ ވޯޓުން ފާސްވި އެވެ. އަދި އެއް މެންބަރަކު އެ ހުށަހެޅުން ބަލައި ގަންނަން ނުފެންނަ ކަމަށް ވެސް ވޯޓު ދެއްވި އެވެ.

ތިން ވަނަ ހުށަހެޅުމަކީ އެ ފަނޑިޔާރުންގެ ކޮރޮޕްޝަންގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅާފައިވާ ނަމަ އެ މައްސަލައެއް އެ ކޮމިޝަނުން ލަސްނުކޮށް ބެލުމަށެވެ. ތިން ވަނަ ވޯޓު ވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 69 މެންބަރުންގެ އިއްތިފާގުންނެވެ.