މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ރައީސް ޔާމީން އެންގެވި ކަމަށް ބުނެ ރާއްޖެ ޓީވީ ބަންދުކުރަން އުޅުނު: ޝަހީބު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި މި ދިޔަ އަހަރު ރާއްޖެ ޓީވީ ބަންދު ކުރަން އެމަނިކުފާނު އެންގެވި ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު އިސްމާއީލް ސޮފްވާން އެ މަސައްކަތް ކުރައްވަން އުޅުއްވި ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ބްރޯޑްކޮމްގެ މެންބަރުން ވަނީ ހާޒިރުވެވެޑައިގެންފަ އެވެ. ކޮމިޓީ ބައްދަލުވުމަށް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ވެސް މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން ފިޔަވައި ހުރިހާ މެންބަރުން ވަޑައިގެންނެވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބްރޯޑްކޮމްގެ ރައީސް ޝަހީބު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އަދި އެހެން ސިޔާސީ ބޭފުޅެއްގެ ފަރާތުން ވެސް އޭނާގެ މައްޗަށް ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަސްވަރު ހިނގައިދިޔަ ކަމެއް ޝަހީބު ވަނީ ކޮމިޓީއާ ހިއްސާ ކުރެއްވި އެވެ. އެ ގޮތުން އެއް ދުވަހެއްގެ ހެނދުނު ސޮފްވާން ޝަހީބަށް ގުޅުއްވައި ރައީސް އޮފީހުގައި ރައީސް ޔާމީނާ ބައްދަލު ކުރައްވަން ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ރަސްމީ ގޮތުން ދައުވަތު ލިބިވަޑައިނުގަންނަވީސް ރައީސް އޮފީހަށް ވަޑައިގެން ރައީސްއާ ބައްދަލު ނުކުރައްވާނެ ކަމަށް ސޮފްވާނަށް ދެންނެވި ކަމަށެވެ.

"އަޅުގަނޑު ދެންނެވި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވަން ބޭނުންވާ ކަމަށް ވާނަމަ ރައީސް އޮފީހުން ގުޅާނެ ކަމަށް. އަދި ސޮފްވާން ވިދާޅުވީ ރައީސް ބައްދަލު ކުރައްވަން ބޭނުންފުޅުވީ އަޅުގަނޑާއި ސޮފްވާނާ އެކަނި ކަމަށް. ދެން އަޅުގަނޑު ދެންނެވިން ބައްދަލު ކުރެއްވިޔަސް ކުރައްވާނީ ކޮމިޝަންގެ އެ އިރުގެ ނައިބު ރައީސް [އަސްލަމް] އާއެކުއޭ. އެހެން ނޫނީ ހުރިހާ މެންބަރުން އެކުގައި ކަމަށް." ޝަހީބު ވިދާޅުވި އެވެ.

އޭގެ ފަހުން އެ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ސޮފްވާން އަލުން ގުޅުއްވި ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސޮފްވާން އެ ވަގުތު ހުންނެވީ ރައީސް އޮފީހުގަ އެވެ. އަދި ރައީސް އޮފީހަށް ވަޑައިގަތުމަށް އަލުން އެދިވަޑައިގަތް ކަމަށާއި ނަމަވެސް އެ ކަމަށް އިންކާރު ކުރެއްވި ކަމަށެވެ.

ޝަހީބު ވިދާޅުވި ގޮތުގައި، އޭގެ ފަހުން މަގުމަތިން އޭނާއާ ސޮފްވާން ބައްދަލުވެވަޑައިގެންނެވި އެވެ. އަދި ރައީސް ޔާމީނާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވުމަށްފަހު ރައީސްގެ މެސެޖެއް ކަމަށް ވިދާޅުވެ، އެ މެސެޖްގައި ހަފުތާއަކަށް ރާއްޖެ ޓީވީ ބަންދު ކުރަން އޮތް ކަމަށް ސޮފްވާން ވިދާޅުވި ކަމަށެވެ.

"އޭގެ ކޮންޓެކްޓްގައި އޮތީ ޕްރެސިޑެންޓް ކަމަށް ވިދާޅުވީ އެ ދެން ކާކު ކަމެއް ނޭނގޭ... އަޅުގަނޑު ދެންނެވިން އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫނޭ. އެކަން ކުރެވޭނީ ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައިގެނޭ. އަޅުގަނޑު އެ ކަން ހަމަޖައްސައިދީފާނަމޭ. ނަމަވެސް ކަން ދިމާ ކުރި ގޮތުން އެ ބައްދަލުވުން އެޖެންޑާ ކުރި ދުވަހު އަޅުގަނޑުގެ ބައްޕަ ބަލިވެގެން ބައްދަލުވުމަށް ހާޒިރެއް ނުވެވުނު." ޝަހީބު އިތުރަށް ތަފުސީލު ކޮށްދެވި އެވެ.

ފެބްރުއަރީ މަހު ބޭއްވި ބްރޯޑްކޮމްގެ އެ ބައްދަލުވުމުގައި ރިޔާސަތު އެންމެ ފުރަތަމަ ބެލެހެއްޓެވީ ކޮމިޝަންގެ ނައިބު ރައީސް އަސްލަމެވެ. ނަމަވެސް ކޮމިޝަންގެ ބައްދަލުވުމުގައި އެޖެންޑާގައި އޮތީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވިދާޅުވެ އަސްލަމް ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފަ އެވެ. އެއަށްފަހު ދެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ނައިބު ރައީސް ކަމަށް ސޮފްވާން ހަމަޖެއްސީ އެވެ.

މިިދިޔަ ފަސް އަހަރުގެ ތެރޭގައި ބްރޯޑްކޮމް އިން އިންސާފުން ބޭރުން ބައެއް ކަންކަން ނިންމާފައިވާ ކަމަށް ވެސް ޝަހީބު އެއްބަސްވެވަޑައިގެންނެވި އެވެ. ނަމަވެސް ކޮމިޝަންގެ ރައީސަށް ހުރިހާ ކަމެއް ނިންމުމުގެ ބާރު ނޯންނަ ކަމަށާއި ރިޔާސަތުގައި އިންނަވާ މެންބަރަކަށް ވޯޓުގައި ވެސް ބައިވެރިވެވަޑައިނުގަނެވޭ ކަމަށް ޝަހީބު ވިދާޅުވި އެވެ.