މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވަން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.
ބްރޯޑްކޮމްގެ މެންބަރުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެންފަ އެވެ. އިއްޔެގެ އެ ބައްދަލުވުމަށް ބްރޯޑްކޮމް އިން ހާޒިރުވެވަޑައިނުގަންނަވާ ހުންނެވީ ކޮމިޝަންގެ މެންބަރު އިސްމާއީލް ސޮފްވާން އެކަންޏެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވަނީ ކުރިން އޮތް ހިޔާލު ފާޅު ކުރުމާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ވަކި ޓީވީ ސްޓޭޝަނަކަށް އަމާޒު ކޮށްގެން ފިޔަވަޅު އަޅަން ކޮމިޝަން އިންސާފުން ބޭރުން މަސައްކަތް ކޮށްފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓު ނުދެއްވޭތީ ޝަހީބު ވަނީ އެ ކަމުގައި އޭނާގެ ދައުރެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ޝަހީބާއި ބްރޯޑްކޮމްގެ އެހެން މެންބަރުންގެ ވާހަކަތަކަށް ފާޑުވިދާޅުވަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގަމު ދާއިރާގެ މެންބަރު ވިސާމް ވަނީ ބްރޯޑްކޮމްގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން ވަކި ޓީވީ ސްޓޭޝަނަކަށް އަމާޒުކޮށްގެން ބްރޯޑްކޮމް އިން ބައެއް ނިންމުންތައް ނިންމާފައިވާ ވާހަކައަށް އިޝާރާތް ކުރައްވައި އެ ސްޓޭޝަނަކީ ރާއްޖެ ޓީވީތޯ ވިސާމް ކުރެއްވި އެވެ.
ވިސާމްގެ އެ ޖަވާބުގައި ޝަހީބު ވިދާޅުވީ އެއިރު ސަރުކާރުގެ އިދިކޮޅު ފިކުރުތަކުގެ ވާހަކަތައް ގެނެސްދޭ ޓީވީ ސްޓޭޝަންތައް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ސަންގު ޓީވީއާއި ވީޓީވީގެ އިތުރަށް ވިސާމް މަސައްކަތް ކުރެއްވި ރާއްޖެ ޓީވީ ވެސް ހިމެނެ އެވެ.
ޝަހީބު ވަނީ އެއިރުގެ ރައީސް އަބްދުﷲ ޔާމީން އެންގެވި ކަމަށް ބުނެ ކޮމިޝަންގެ މެންބަރު ސޮފްވާން ރާއްޖެ ޓީވީ ބަންދު ކުރަން އުޅުއްވި ކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ. ވިސާމް ވަނީ ސޮފްވާން އެ ގޮތަށް އަމަލު ކުރެއްވިނަމަ އަދި ރައީސް ޔާމީން އެފަދަ މެސެޖެއް ދެއްވި ނަމަ އެ ވާހަކަތައް މީޑިއާތަކަށާއި ރައްޔިތުންނާ ހިއްސާ ނުކުރެއްވީ ކީއްވެތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.
"ތިޔަ ހުރިހާ ބޭފުޅުންގެ [ބްރޯޑްކޮމްގެ މެންބަރުން] ވާހަކަތައް އަޑުއައްސަވާފައި އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވަން." ވިސާމް ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ މެންބަރު ސޮފްވާންގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސާ ފާތިމަތު ޒައިނާ މެންބަރު ކަމުން ވަކި ކުރެއްވުމަށް އެ ބައްދަލުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ތައީދު ކުރެއްވި އެވެ. ނަމަވެސް އެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ކޮމިޓީން އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.