ހަބަރު

ޒީނާގެ މައްސަލަ ކޮމިޓީން ބަލަން ފަށައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ޒީނާ ޒާހިރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލު ވެފައިވާ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަބް ކޮމިޓީއަކުން ބަލަން ފަށައިފި އެވެ.

ނަވާރަވަނަ މަޖިލިސް ފެށިއިރު ބްރޯޑްކޮމްގައި ތިއްބެވި ވަކިވަކި މެންބަރުންގެ މައްސަލަތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށި އެވެ. އެކަމަށް ސަބް ކޮމިޓީއެއް ވެސް ނެގި އެވެ. އެ ކޮމިޓީގައި ތިއްބަވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.

ސަބް ކޮމިޓީން ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަން ފެށުމާއެކު އޭރު ކޮމިޝަންގައި ތިއްބެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ކޮމިޝަނުން އިސްތިއުފާ ދެއްވި އެވެ. ބްރޯޑްކޮމްގެ އޭރު ރައީސް މުހައްމަދު ޝަހީބް ވަކި ކުރަން ތަޅުމަށް ފޮނުވުމާއެކު އޭނާ ވެސް އިސްތިއުފާ ދެއްވީ އެވެ. ފާތުމަތު ޒައިނާ ވަކިކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރީ އެވެ.

ދުވަސްތަކަކަށް ފަހު މިއަދު އެ ސަބް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ކޮމިޓީން ބަލަން ފެށި މައްސަލަތަކުގައި ހިމެނޭ ބްރޯޑްކޮމްގެ މެންބަރު ޒީނާ ޒާހިރުގެ މައްސަލަ ދިރާސާ ކުރުމެވެ. ކުރިން ޒީނާ ކޮމިޓީއަށް ހާޒިރު ނުކުރެވުނީ އޭނާ މެޓާނިޓީ ލީވްއެއްގައި ހުރުމުންނެވެ.

ކޮމިޓީގައި އިންނަވާ މެންބަރު ވިސާމު "އަވަސް" އަށް ވިދާޅުވީ، ކުރިން ޒީނާ ހާޒިރު ނުކުރެވިފައިވާތީ މިއަދު ސަބް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އެ މައްސަލަ އެޖެންޑާ ކުރީ ކަމަށެވެ. އަދި ޒީނާ ހާޒިރުވުމަށް، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުގެ މަތިން ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވަން ކޮމިޓީން ނިންމާފައިވާ ކަމަށް ވިސާމް ވިދާޅުވި އެވެ.

"ކޮމިޓީން ނިންމީ ޒީނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގަވާއިދު ބުނާ ގޮތަށް ފަސް ދުވަސް ފަހުން ކޮމިޓީއަށް ހާޒިރުވާން އަންގަން،" ވިސާމް ވިދާޅުވި އެވެ.

ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތަކެއް ސަބް ކޮމިޓީން ބަލަން ފެށިއިރު، އެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި މިހާރު ތިއްބެވީ ޒީނާގެ އިތުރުން މެންބަރު އައިމިނަތު ސަހާރަތު އިއްޒަތާއި، މެންބަރު އަމްޖަދު ވަހީދެވެ.

ބްރޯޑްކޮމްގެ އެ މެންބަރުންތައް ވަކިކުރަން ކޮމިޓީގެ ގިނަ މެންބަރުން ތާއީދު ކުރެއްވި ނަމަވެސް ހުރިހާ މެންބަރުން އެއް ފަހަރާ ވަކިކުރަން ކޮމިޓީން އޭރު ނުނިންމި ސަބަބަކީ ގާނޫނީ ހުސްކަމަށް ކޮމިޝަން ގޮސްދާނެތީ އެވެ. އެހެންކަމުން އާ މެންބަރުންތަކެއް ކޮމިޝަނަށް ލަމުން ކުރިން ތިބި މެންބަރުންގެ މައްސަލަތައް ބަލަން އޭރު ނިންމީ އެވެ.

އެގޭ ފަހުން ބްރޯޑްކޮމަށް އައްޔަން ކުރަން ހަތަރު މީހަކަށް މި މަޖިލީހުން ރުހުން ދިނެވެ. އެއީ، ބްރޯކޮމްގެ ރައީސް ކަމުގައި މިހާރު ހުންނެވި މަރިޔަމް ވަހީދާ އާއި، ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް އާއި، މެންބަރު އަލީ ޔޫސުފުގެ އިތުރުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރުހުން ދިން އައިމިނަތު އަމީނާ އެވެ.