ހަބަރު

ބޭރު ދަރަނީގެ ބުރައަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް: މާރިޔާ

Jun 19, 2019
4

ބޭރު ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ގޮތުގައި އުފުލަންޖެހޭ ބުރައިގެ ސަބަބުން، އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ހުރަސްއެޅި، ގައުމީ ސަލާމަތަށް ނުރައްކާތައް ކުރިމަތިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިންގް އޮފިޝަލްސް ރެސްޕޮންސިބަލް ފޮ ސެކިޔުރިޓީގައި ތަގުރީރު ކުރައްވަމުން މާރިޔާ ވަނީ "ހައިބްރިޑް ތްރެޓްސް" ނޫނީ ޒަމާނީ ބަދަލުތަކާއެކު ކުރިމަތިވާ ތަފާތު ނުރައްކާތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ދެމެހެއްޓެނިވި ތަރައްގީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލައްވައިފަ އެވެ.

އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުފޭރުން ފަދަ ކަންކަމުގެ އިތުރުން ބޭރު ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ބުރައިގެ ސަބަބުން ގައުމުގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ހުރަސް އެޅޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ގައުމީ ސަލަމާތާއި އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއާ ހުރި ގުޅުން ފާހަގަ ކުރައްވާ އެކަމަނާ ވިދާޅުވީ ގައުމީ ސަލަމާތަށް އޮތް ކޮންމެ ގޮންޖެހުމަކީ ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

"ކުޑަ ގައުމެއްގެ ހައިސިއްޔަތުން ނާޒުކު ކަމުގެ މާނަ ދިވެހިންނަށް އިހުސާސް ކުރެވޭ. އަދި ނާޒުކު ވުމުގެ ސަބަބުން ދައްކަންޖެހޭ އަގުވެސް އެންމެ ރަނގަޅަށް އިހުސާސް ކުރެވޭ އެއްބަޔަކީ ދިވެހިން،" 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމުގައި މާރިޔާ ވިދާޅުވި އެވެ.

ސަލާމަތީ ގޮތުން ކުރިމަތިވާ އާ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެ ބައްދަލުވުމުގައި މާރިޔާ ގޮވާލެއްވި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ބައްދަލުވުމުގެ ހަވާސާގައި، ރަޝިއާގެ ސެކިޔުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލާއި ޕަޓްރޫޝޭވް އާ ވެސް މާރިޔާ ވަނީ މިއަދު ބައްދަލުކުރައްވާފަ އެވެ.