ރާއްޖެއާ ރަޝިއާއާ ދެމެދު އަސްކަރީ އަދި ސަލާމަތީ ގޮތުން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން އެގައުމުގެ ޑިފެންސް މިނިސްޓަރު ސަރުގެއި ޝޮއިގޫއާއެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޝްވަރާކުރައްވައިފި އެވެ.
ރަޝިޔާގައި ބޭއްވުނު 10 ވަނަ އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިންގް އޮފިޝަލްސް ރެސްޕޮންސިބަލް ފޮ ސެކިއުރިޓީގައި ބައިވެރިވެވަޑައިގެންނެވުމަށް މާރިޔާ އެގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުވެސް އަދާކުރައްވައި ޝޮއިގޫއާ ބައްދަލުކުރެއްވީ ހުކުރު ދުވަހު އެވެ.
އެ ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އަސްކަރީ އަދި ސަލާމަތީ ގޮތުން އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ ރަޝިޔާއަށް ކުރެއްވި ޒިޔާރަތުން ދިވެހިރާއްޖެއިން ރަޝިޔާއާއެކު ސިޔާސީ ގުޅުން ބަދަހިކޮށް ސިޔާސީ މަޝްވަރާ ކުރަން ބޭނުންވާ މިންވަރު ސާފުވެގެން ގޮސްފި ކަމަށް ވިދާޅުވެފަ އެވެ. ވަކިން ހާއްސަކޮށް ދެ ގައުމުގެ އަސްކަރީ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން ރާއްޖޭގައި އޮތް ކަން ސާފުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، އަންނަ އަހަރު އެޕްރީލް މަހު ރަޝިއާގެ ވެރިރަށް މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ސެކިޔުރިޓީ ކޮންފަރަންސްގައި ބައިވެރުވުމަށް ޝޮއިގޫ ވަނީ ރާއްޖެއަށް ދައުވަތު އަރުވައިފަ އެވެ.
އޭގެ އިތުރުން، އަންނަ އަންގާރަ ދުވަހު ފެށިގެން ފަސް ދުވަހަށް ރަޝިއާގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އިންޓަނޭޝަނަލް މިލިޓަރީ އެންޑް ޓެކްނިކަލް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ރަޝިއާގެ ޑިފެންސް މިނިސްޓަރު ވަނީ ދިވެހި ސަރުކާރަށާއި އަސްކަރިއްޔާއަށް ދައުވަތު އަރުވައިފަ އެވެ. އަދި އަންނަ އޮގަސްޓު މަހު އެ ގައުމުގައި އޮންނަ އިންޓަނޭޝަނަލް އާމީ ގޭމްސްގައި ބައިވެރިވުމުގެ ދައުވަތު ވެސް ރަޝިޔާގެ ޑިފެންސް މިނިސްޓަރު ދެއްވި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތަކުގެ މައްޗަށާއި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުންނެވެ. ވަކިން ހާއްސަކޮށް ދެ ގައުމުގެ ދެމެދު އަސްކަރީ ގުޅުން ކުރިއަށް އޮތް ތަނުގައި ބަދަހިކޮށް ފުޅާ ކުރުމުގެ ޝައުގުވެރިކަން މިނިސްޓަރު މާރިޔާ ފާޅު ކުރެއްވި އެވެ.
އަދި ދެގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިކުއިޕްމަންޓް ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓަރު މާރިޔާ ވެސް ވަނީ އެ ބައްދަލުވުމުގައި ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މާރިޔާ ވަނީ ރަޝިއާގެ ސެކިޔުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލާއި ޕަޓްރޫޝޭވް އާ ވެސް ބައްދަލުކުރައްވައިފަ އެވެ.