ދިވެހި ޕްރެމިއާ ލީގް

ގުރީން ސްޓްރީޓަށް މާޒިޔާ ހިފަހައްޓައެއް ނުލެވުނު

މާޒިޔާ އާއި ގްރީން ސްޓްރީޓްގެ ކުރިމަތި ލުމުގައި، ގުރީންއަށް މާޒިޔާ ހިފަހައްޓާ ނުލެވި، މާޒިޔާ އަތުން ގުރީން 3-1 ން ބަލިވެއްޖެ އެވެ.

މި އަހަރަށް ސްކޮޑު ވަރުގަދަ ކުރުމަށް ޓްރާންސްފާގައި އެންމެ ހަރަކާތްތެރިކޮށް ފެނުނު ދެ ޓީމަކީ، މާޒިޔާ އާއި ގްރީން ސްޓްރީޓެވެ. ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެންމެ ކުރިން ޕްރެކްޓިސް ފަށައި، މާޒިޔާއިން ވަނީ ރާއްޖެ އާއި ރާއްޖެ ބޭރުންވެސް ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ.

ނިމިދިޔަ ރޯދަ މަހުގެ ކުރިން، މާޒިޔާއިން ވަނީ އދ. މހިބަދޫ ޓާފް ދަނޑުގައި 10 ދުވަހަށް ޓްރެއިނިން ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން ރޯދަ މި މަހު ކުރީ ކޮޅު އެފްއޭއެމުން ދިން ދަތުރެއްގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ.

މާޒިޔާގެ ޓީމުން އެ ތަފާތު ފެނުނެވެ. ހަތް މަސް ދުވަހު ވާދަ ވެރި މެޗެއް ނުކުޅެ ތިބެން ޖެހުމުން، އެހެން ޓީމުތަކަށް އޭގެ ނޭދެވޭ އަސަރު ކުރި އެވެ. މާޒިޔާއިން އެކަމަށް ތައްޔާރުވެ އެކަން ވަނީ ކުޑަ ކޮށްފަ އެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ނާއިޒު ހަސަން، ދާދު އެވެ. މެޗުގައި ފެނިގެން ދިޔަ އަނެއް ތިން ލަނޑު ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހަމްޒާ މުހައްމަދެވެ.

އޭގެ ހަތަރު މިނެޓް ފަހުން، ގުރީން ސްޓްރީޓްގެ ޑިފެންޑަރު މުހައްމަދު ސާއިފް ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އިބްރާހިމް މަހްދީ ހުސައިން އެވެ.