ހަބަރު

ނައިޓް މާކެޓް ބޭއްވޭ މުނާސަބާތަ ކަނޑައަޅައިފި

މާލެ ސިޓީގައި ހިމެނޭ ވެރިރަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ފެއާތަކާއި ނައިޓްމާކެޓާއި މަގުމަތީ ބާޒާރު ބާއްވަން ހުއްދަ ދޫކުރާ މުނާސަބު ދުވަސްތަކެއް ކަނޑައަޅައި މާލޭ ސިޓީ ކައުންސިލުން އެ ދުވަސްތައް އިއުލާން ކުރުމާއެކު ފުރުސަތު ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުގައި ފެއާ އާއި ނައިޓްމާކެޓާއި މަގުމާތީ ބާޒާރުތައް ބާއްވަން ދެން ހުއްދަ ދޭނީ ބޮޑު އީދުދުވަހާއި ކުޑަ އީދުދުވަހާއި ރާއްޖެ އިސްލާމްވީ ދުވަހާއި ކީރިތިރަސޫލާގެ ޢީދުމީލާދު ދުވަހާއި މިނިވަން ދުވަހާއި ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހާއި މީލާދީ އާއަހަރު ފަށާ ދުވަހާއި ހިޖްރީ އާއަހަރު ފަށާ ދުވަހާއި މަސައްކަތްތެރިންގެ ދުވަހާއި ނަސްރުގެ ދުވަސް އަދި ރޯދަ މަހުގެ ކުރިން އަންނަ ޝަބާން މަހުގައެވެ.

އެ އިއުލާން ބުނާ ގޮތުގައި ފެއަ އާއި ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބާއްވަން ހުއްދަ ދޫކުރާ ދުވަސްތަކުގައި ފެއާ އާއި ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ބާއްވަން ބޭނުންވާނަމަ މާލެ ސިޓީކައުންސިލަށް ހުށަހެޅުމުން ހުއްދަ ދޭނެ އެވެ.

ހުއްދައަށް އެދޭއިރު ހުށަހަޅަންޖެހޭން ލިޔުންތައް

  • ފުރިހަމަ ނަން - ވިޔަފާރި ނުވަތަ ޖަމިއްޔާގެ ރަޖިސްޓަރީގައިވާ ގޮތަށް
  • ރަޖިސްޓަރީ ނަންބަރު
  • މާކެޓް ބާއްވާ މުއްދަތު ފެށޭ ތާރީޚާއި ނިންމާ ތާރީޚް
  • މާކެޓް ބާއްވާ ތަނުގެ ނަން ނަމާއި، އެތަން އެފަރާތަކަށް ލިބިފައިވާ ކަމުގެ ލިޔުން
  • މާކެޓް އިންތިޒާމް ކުރުމާއި ޒިންމާވާ ފަރާތުގެ ނަމާއި، މިހާރު ދިރިއުޅޭ އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީ
  • ފާހަގަކުރާ މުނާސަބަތުގެ ތަފްޞީލު
  • ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލަށް އަމަލު ކުރާނެކަން ބަޔާންކޮށް ސޮއިކޮށްފައިވާ އިޤްރާރު

ފެއާ އާއި ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 ން މެންދުރު ފަހު 1:00 އަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހަށެވެ.