ހަބަރު

ދީދީގެ އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކަށް ޖާގަ ދޭނެ: ޖޭއެސްސީ

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) އަށް ހުށަހަޅާފައިވާ މައްސަލައިގައި މާދަމާ ހެނދުނު ބާއްވާ އަޑުއެހުމަށް ޖާގަ އޮތް މިންވަރަކުން އާމުން ވައްދާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީން ބުނީ އެކޮމިޝަނުން މިހާރު ތަހުގީގު ކުރަމުންދާ ފަނޑިޔާރު ޢަބްދުالله ދީދީގެ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިފައިވާ ގޮތުގެ މަތިން ބާއްވާ ފުރަތަމަ އަޑުއެހުން މާދަމާ ހެނދު 10:00 ގައި ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އެ އަޑުއެހުމަށް، ޖާގަ އޮތްމިންވަރަކުން އާމުންނަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިކަމަށެވެ.

އެ އަޑުއެހުމަށް ހެނދުނު 8:45 އިން ފެށިގެން އާންމުންނަށް ވަދެވޭނެ ކަމަށާއި، އެކޮމިޝަނުން ކުރަމުން ގެންދަނީ ތަހުގީގަށްވާތީ، ހުރިހާ ފަރާތްތަކުންވެސް އެކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމަށާއި، އެއްވެސް ފަރާތަކުން ތަހުގީގަށް ހުރަސް އެޅޭފަދަކަމެއް ކޮއްފި ކަމަށްވާނަމަ އެފަރާތަކާއި މެދު ގާނުނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.

ފުލުހުންނާއި ސިފައިން އެއަޑުއެހުމުގެ ސެކިއުރިޓީ ބަލަހައްޓަން ކަނޑައަޅާފައިވާއިރު، ދީދީއާ ގުޅޭގޮތުން އެ ކޮމިޝަނުން ނިންމި ނިންމުންތަކާ ގުޅޭ ލިޔެކިޔުންތައް ހޯދަން އެދި ދީދީ ހުށަހަޅާފައިވާ ސިޓީތަކާމެދު ގޮތެއް ނިންމުމަށް، އެމައްސަލަތައް ތަހުގީގުކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއަށް ފޮނުވަންވެސް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުން ވަނީ ނިންމާފަ އެވެ.

ޖޭއެސްސީއިން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމީ އޭނާއާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުންދާ ރިޝްވަތުގެ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ޖޭއެސްސީގައި ވެސް އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލާގައި ތުހުމަތު ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށެވެ. ފަނޑިޔާރު ދީދީ އޭރު ހުންނެވީ ކުރިމިނަލް ކޯޓުގަ އެވެ. އެ ތުހުމަތު އަބްދުﷲ ދީދީ ދޮގު ކުރައްވާފައިވާއިރު އެ މައްސަލަ ފުލުހުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމުމުން ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައި އެ ސަސްޕެންޝަން ބާތިލް ކުރުމަށް އެދިވަޑައިގެންފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި އެންގީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިތުރު އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށެވެ. ސްޕްރީމްކޯޓުގެ އެ އަމުރު ގާނޫނާއި ހިލާފު ކަމަށް ރައްޔިތުންގެ މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ.