އިމްޕޯޓް ޑިއުޓީ އުނި ކޮށްފައިވާ ޑީސަލް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ހުޅުވާލުމުގެ ތައްޔާރީތައް ސަރުކާރުން ވާން ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ޑީސަލުން ނަގާ ޑިއުޓީ ކަނޑާލަން ސަރުކާރުން ނިންމާފައި ވާތީ އެ ކަން ތަންފީޒު ކުރަން އެކުލަވާލަފައިވާ އުސޫލެއް މިހާރު އާންމުކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށް އެކަނި ކަމަށް ވެސް އެ އިއުލާންގައި ބުނެ އެވެ.
ޑީސަލް ޕްރޮގްރާމްގައި މަސްވެރިންނަށް ބައިވެރިވެވޭނީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މިނިސްޓްރީން ބުނީ ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ގުޅިގެން އެ އެޕްލިކޭޝަން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި ޓެސްޓް ކުރުމަށްފަހު ޑިއުޓީ އުނިކޮށް ޑީސަލް މަސްވެރި އުޅަނދުތަކަށް ދޫކުރުމުގެ ޕްރޮގްރާމް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން، މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން ލައިސަންސް ނެތް އުޅަނދުތަކުން މަސްވެރިކަމުގެ ލައިސަންސް ނަގަން މިނިސްޓްރީ އެދެ އެވެ. އެޕްލިކޭޝަނާއި ލައިސަންސަށް އެދޭ ފޯމް މިނިސްޓްރީން ލިބެ އެވެ.