ޒުވާނަކާ ބައްދަލުވެ އަވި އައިނުގެ ފޮނި އަނގައެއް ތަޅާލަނިކޮށް އޭނާ އަށް އެންމެ ކަމުދާ ވައްތަރުތަކުގެ އަވި އައިނުތަކުން ފަށައިގަނެ އަޅި ބުރުވައިލާނެ އެވެ. މި ހުރިހައި ލިސްޓެއް ވެސް ފެށިގެން އަންނައިރު އަބަދުވެސް އެންމެ ކުރީގައި އޮންނަނީ ނުވަތަ ފެވަރިޓަކަށް ވެފައި އޮންނަނީ ރޭއި-ބަން ބްރޭންޑްގެ އެވިއޭޓާ އަވި އައިނެވެ.
"އޭތި ހަމަ މާ ބޮޑަށް ވެސް ސަޅީއޭ. އެހެން ހުރިހައި ސަންގްލާސްތަކަށް ބަލާއިރު އެންމެ ސެކްސީ އައިނަކީ އެއީ،" ދިމާވި ރައްޓެއްސަކު އެވިއޭޓާ އަވިއައިނަކަށް ތައުރީފު އޮއްސާލީ މިހެންނެވެ.
އެވިއޭޓާ އަވިއައިނަކީ މިއަދު ފެޝަން އައިކަން އެކެވެ. ޒަމާނީ ކުލަ އާއި އެއްޗެހިން ހެދުން އަޅާއިރު ކޮންމެހެން ބޭނުންވާ އެކްސެސަރީއެކެވެ. ފަހަރެއްގައި މި އައިނެއް އުފެއްދި ބޭނުން މިއަދު ގިނަ ބަޔަކު ހަނދާން ނެތިފައި ވަނީ ވެސް އޭގެ މަޝްހޫރުކަމާއި މަގްބޫލުކަން މި ވަރަށް ބޮޑުވުމުންނެވެ.
ބައެއް ފަހަރަށް ނަން ނަމާއި އެއްޗެހިތަކަކީ އޭގެ މަގްބޫލުކަމާއި މަޝްހޫރުކަން ބޮޑުވެގެން ގޮސް އެ ނަމެއް ނުވަތަ އެ އެއްޗެއްގެ އަސްލު ބޭނުމާއި މަގްސަދު ވެސް އޮޅިގެންދާ އެއްޗިއްސެވެ. ރޭއި-ބަން އާއި އެވިއޭޓާ އަކީ ވެސް އޭގެ މިސާލެކެވެ.
އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ބައުޝް އެންޑް ލޮމްބް އިން އެންމެ ފުރަތަމަ އެވިއޭޓާ ސަންގްލާސްތަކެއް އުފެއްދީ އެއްގޮތަކަށް ވެސް ފެޝަން ބްރޭންޑެއްގެ ގޮތުގައި ބާޒާރަށް ނެރުމުގެ ވިސްނުމެއްގައެއް ނޫނެވެ.
މި އަވިއައިނެއް ވުޖޫދަށް އައުމުގެ އަސްލު ގުޅިފައި ވަނީ އެމެރިކާގެ ވައިގެ ސިފައިންގެ ޕައިލެޓެއް ކަމުގައިވީ ޖޯން މެކްރީޑީއާ އެވެ. އެއީ 1920 ވަނަ އަހަރެވެ. އޭރު އެމީހުން އުދުހޭއިރު ލޯ ރައްކާތެރިކުރުމަށް ބޭނުންކުރީ ގޮގްލްސް އެވެ.
އެގޮތަށް އުދުހުނު ފަހަރެއްގައި އެކްސިޑެންޓެއް ހިނގައި މެކްރީޑީގެ ކޯ-ޕައިލެޓެއްގެ ލޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާ އަކީ ޕައިލެޓުންގެ ލޯ، ހައި އޮލްޓިޓިއުޑްގެ ގަދަ އަވިން ސަލާމަތްކުރުމަށް މެކްރީޑީ ނުކުތް ހިސާބެވެ.
އެހެންވީމަ އެންމެ ފުރަތަމަ އެވިއޭޓާ އަވިއައިނެއް އުފެއްދީ ސީދާ އެމެރިކާގެ ވައިގެ ސިފައިންގެ ޕައިލެޓުންގެ ލޮލަށް ހާއްސަކޮށްގެންނެވެ. ފަހުން މި އައިނެއް ބާޒާރަށް ނެރުމަށް ބޭނުންކުރި "ރޭއި-ބަން" ބްރޭންޑް ވެސް އުފެދިގެން އައީ މި ސިލްސިލާއެއްގެ ތެރެއިންނެވެ.
ޕައިލެޓްގެ ލޮލަށް ލިބުނު އަނިޔާ އަށް ފަހު މެކްރީޑީ ބައުޝް އެންޑް ލޮމްބް ކުންފުނީގެ ވެރިންނާ ބައްދަލުކޮށް "އެވިއޭޓާ" ޑިޒައިންކުރީ އެވެ.
މި އައިނު ރަސްމީކޮށް ބާޒާރަށް ނެރުނީ 1937 ވަނަ އަހަރު އެވެ. ޖެހިގެން އައި އަހަރަކީ ރޭއި-ބަން އެވިއޭޓާގެ ގޮތުގައި މި އައިނު ވިއްކަން ފެށި އަހަރެވެ.
މި އަވިއައިނު ދުނިޔެ އަށް މަޝްހޫރުވީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރެއިންނޭ ބުނެވިދާނެ އެވެ. އޭރު އެމެރިކާގެ ވައިގެ ސިފައިންގެ މެދުގައި މިއީ ވަރަށް ވެސް މަގްބޫލު އައިނެކެވެ.
އެމެރިކާ ސިފައިންގެ ޖެނެރަލުންގެ ތެރެއިން ޑަގްލަސް މެކްއާތާ އަކީ ރޭއި-ބަން އެވިއޭޓާގެ މަޝްހޫރުކަމާ ގުޅިފައިވާ ނަމެކެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފިލިޕީންސަށް ވަޑައިގެން ބޯޓުން ފައިބާ ވަޑައިގެންނެވިއިރު އަޅުއްވައިގެން ހުންނެވި ރޭއި-ބަން އެވިއޭޓާ އައިނުވީ އޭރުގެ މީޑިއާތަކަށް ވަރަށް މަޝްހޫރު މަންޒަރަކަށެވެ.
ރޭއި-ބަން އެވިއޭޓާ އަށް އިތުރު މަގްބޫލުކަމެއް ލިބިގެން ދިޔައީ ސިފައިންގެ ޖެނެރަލުންނާއި ޕައިލެޓުންނާ ހަމައިން ހޮލީވުޑްގެ އެންމެ މަޝްހޫރު ސެލެބްރިޓީންގެ ލޮލަށް މި އައިނުގެ ހިޔަނި އެޅުނު ހިސާބުންނެވެ.
އޭރު އެވިއޭޓާ ވިއްކި ރޭއި-ބަން ބެނާގެ ދަށުން ވަނީ މި ވައްތަރުގެ އެކި ކަހަލަ އަވިއައިނުތައް ބާޒާރަށް ނެރެ ހޮލީވުޑްގެ މަޝްހޫރު މޫނުތަކާއި ޕްރޮޑިއުސަރުންނާ ގުޅިގެން މި ބްރޭންޑް ވިއްކުމުގެ އާ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. އެގޮތުން 1976 ވަނަ އަހަރުގެ މަޝްހޫރު ފިލްމު "ޓެކްސީ ޑްރައިވާ" ގައި ރޮބަޓް ޑި ނީރޯ ރޭއި-ބަންގެ އެވިއޭޓާ ސިލްސިލާގެ އައިނެއް އަޅައިގެން އުޅުން ވެސް ވީ މި ބްރޭންޑަށް ލިބުނު އިތުރު ޕްރޮމޯޝަނަކަށެވެ.
ދެން މާ ގިނަ ދުވަސްތަކެއް ނުވެ ރޭއި-ބަންގެ އަވިއައިނުތައް ހޮލީވުޑްގެ އޭ ލިސްޓް ސެލެބްރިޓީންގެ ފެވަރިޓަކަށް ވެއްޖެ އެވެ. ޕޮޕް ރަސްގެފާނުގެ ގޮތުގައި މިއުޒިކްގެ ދުނިޔެ ފަތަހަކުރި މައިކަލް ޖެކްސަން، 1984 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ހަފުލާ އަށް ދިޔައީ ވެސް ރޭއި-ބަން އެވިއޭޓާ ބްރޭންޑްގެ އަވިއައިނެއް އަޅައިގެންނެވެ.
ހޮލީވުޑްގެ މަޝްހޫރު ފިލްމު "ޓޮޕް ގަން" ގައި ޓޮމް ކްރޫޒް މި އައިނު ބޭނުންކުރުން ވެސްވީ މި އައިނުގެ މަޝްހޫރުކަން ބޮޑުވި ކަމަކަށެވެ.
މި ދުވަސްތައް އައިއިރު މި އަވިއައިނެއްގެ އަސްލު ބޭނުން ކެނޑި އޭތި އޮތީ ފެޝަން އައިކަންއެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފަ އެވެ.
ރޭއި-ބަން އެވިއޭޓާ އަކީ ޔަގީނަށް ވެސް ގިނަ ދިވެހިންގެ ފެވަރިޓެކެވެ. އަދި ރޭއި-ބަން ސިލްސިލާގެ އެހެން ޑިޒައިންތަކުގެ އަވިއައިނުތަކަށް ވެސް ހަމަ މަރެކެވެ.
ނަމަވެސް މި ދުވަސްކޮޅު މާލެ ތެރޭގައި ޖެހޭ ފެޝަންގެ ރޯޅިތަކަށް ބަލާއިރު އެންމެ ހިންގާލައިގެން އުޅެނީ ރޭއި-ބަން އެވިއޭޓާއެއް އަދި މި ސިލްސިލާގެ އެހެން ވައްތަރެއްގެ އަވި އައިނެއް ވެސް ނޫނެވެ.
ސްޕައި އޮޕްޓިކް ބްރޭންޑްގެ އަވިއައިނުތަކަކީ މި ދުވަސްކޮޅު ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލުކަން ހޯދާފައިވާ އައިނެކެވެ. މީގެ އިތުރުން ރޭއި-ބަންގެ ވޭފްރާ ސިލްސިލާގެ އައިނުތަކަކީ ވެސް ޒުވާނުންގެ މެދުގައި މަގްބޫލު ފެޝަނެކެވެ.
ރޭއި-ބަން އެވިއޭޓާގެ އޮރިޖިނަލްއެއް އަދި އެހެން ވައްތަރެއްގެ އައިނެއްގެ އޮރިޖިނަލް ވެސް މާލެއިން ހޯދުން އެއީ ފަސޭހަކަމަކަށް ނުވާނެ އެވެ. އެވިއޭޓާގެ "އޮރިޖިނަލްއާ ގާތް ކުރާ" ވައްތަރުތަކެއްގެ އައިނުތަކެއް ރޮމްބަސް ފިހާރަތަކުން 1550ރ. އަށް ވިއްކާއިރު ރޭއި-ބަން އެވިއޭޓާގެ އައިނުތަކެއް އެމީހުން 450ރ. އަށް ވެސް ވިއްކަ އެވެ.
ސްޕައި އޮޕްޓިކް އައިނުތަކުގެ އެންމެ މަޝްހޫރު ވައްތަރުތައް މާލެއިން 2000ރ. އަށް ލިބެން ހުރި ބައެއް ފިހާރަތަކުން ހަމަ މި ވައްތަރުގެ އައިނުތައް 250ރ. ނުވަތަ 850ރ. އަށް ވެސް ވިއްކަ އެވެ. ޔަގީނަށް ވެސް އަގުހެވީ "ފޭކު" އައިނުތަކުގެ އެވެ.