ވާހަކަ

އީޝަލް

(16 ޖޫން 2019 އާ ގުޅޭ)

ހިމޭން ރުއިމަކުން ރައުލްގެ ހިތް ރޮމުން ދިޔައެވެ. އޭނާގެ މަންމައަކީ ކާކުކަން ރައުލްއަށް އެނގިއްޖެއެވެ. އަދި އޭނާގެ މަންމަގެ ސޫރަ ނުފެންނަކަމުގައި ހީކުރެވުނު ހީކުރުން ގޯސްވެއްޖެކަމުގައި ރައުލްގެ ޟަމީރު ބުންޏެވެ.

މޫނާއި ބޮލުގައި ތަކުރާރުކޮށް އެތައްފަހަރަކު ރައުލްއަށް ދެއަތްތިލަ ހިންގާލެވުނެވެ. ދެފަރާތަށް ބޯހޫރާލެވުނެވެ. އިވުނު ހުރިހާ ވާހަކަތަކުން ކޮންމެ ޖުމްލައެއް ވަކިވަކިން ކަންފަތް ދޮށުގައި ތަކުރާރުވަމުންދާ ފަދަ އެވެ. މޫނުގައި ދެއަތްއެޅި ގޮތަށް އިސްޖެހިފައި ރައުލް އިނެވެ. ގަނޑުވަރުގެ އުތުރުބަޔަށް ވަދެވުނު ދުވަހު އެތަނުން ފެނުނު ރަނުން ހަދާފައި ހުރި ބުދަކީ ޖިލައްޔާގެ ސޫރަކަން ރައުލްއަށް ޔަގީންވެއްޖެއެވެ. ގަނޑުވަރުގެ އެ ދިމާއަށް ގިއްނޯސްފަދަ ދިރިދުންތަކުގެ އައިންގަނޑެއް ޖަމާވެފައި ނޯންނައިރެއް ރައުލް ހަނދާނެއް ނުހުރެއެވެ. އެއީ ކީއްވެކަން މިއަދު ޒޮރައިދާގެ ވާހަކަތަކުން ރައުލްއަށް އެނގިއްޖެއެވެ.

"އީޝަލް" ކޮށްފައިވާ އަސަރާއެކު އެ ޖަޒުބާތުތައް ތަޙައްމަލު ކުރާނޭގޮތެއް ނޭނގި ރައުލްއަށް ގޮވާލެވުނީ އޭނާގެ ހަޔާތުގެ ބައިވެރިޔާއަށެވެ. މިވަގުތު އޭނާ އެންމެބޮޑަށް ބޭނުންވެފައިވަނީ އީޝަލްއަށެވެ. މުޅިއުމުރުގައި ވެސް ރައުލްގެ ވިސްނުމާއި ހިތާއި ނަފްސު އެމީހެއްގެ ގާތުގައި ހުޅުވާލި މީހަކީ ހަމައެކަނި އީޝަލްއެވެ. ރައުލްގެ ވަށައިގެން ތިބި އެންމެންނަށް ވެސް އެކަން ދެނެގަނެވުނެވެ.

"ދަރިފުޅާ، މިތަނުގައި ކަލޭ ނިމިގެންދިއުމަކަށް ނޭދެން، ޒަގަން އެނބުރި އަންނާނީ ކޮންވަގުތަކުކަމެއް ނޭނގޭ، އޭގެ ކުރިން ކަލޭ ތައްޔާރުވެ ހުންނަން އެބަޖެހޭ" ޒޮރައިދާ ބުންޏެވެ.

"އަހަރެންނަށް މަންމަ ހުންނަގޮތް ނޭނގުނުނަމަވެސް މަންމައާ ބެހޭ ވާހަކަތައް އަޑުއެހިން، ބައްޕަގެ ހުރިހާ އަނބިންގެ ތެރެއިން އެންމެ ލޯބިވީ އަހަރެންގެ މަންމަދެކެކަން އެނގޭ، އެކަމަކު ދުވަހަކުވެސް މަންމަ އަހަރެމެންނާއެކު އުޅެން ބޭނުންނުވާކަން އަހަރެން އަޑުއެހިން، މަންމަގެ ގޮތް ނޭނގި ހުރެ އެ މަންމަދެކެ އަހަރެން ފޫހިވީ އެހެންވެ، ބޭރީތުގެ ފުށުން އަހަރެންނަށް ފެންނަ ކަމުނުދާ ސިފަތަކުގެ އަސްލަކީ މަންމަގެ ސަބަބުން ފެންނަ ކަންތައްތަކަމުގަ ހީކުރިން، މަންމަ ހުރިނަމަ އަހަރެންގެ ދިރިއުޅުން ވެސް ރަނގަޅުވީހޭ ކިތަންމެ ފަހަރަކު ހިތަށް އަރާ.... އަހަރެންނަށް އެނގޭ ލާވީއަށް އަހަރެންގެ މަންމައާ ބެހޭ ގޮތުން ވަރަށް ގިނަ ކަންތައްތައް އެނގޭކަން، އޭނާއަކީ ބޭރީތަށް ވަފާތެރި އެކުވެރިއެއް... ހުރިހާކަމެއް އޭނާ ވެސް ހުރީ ސިއްރުކޮށްގެން، ހަޤީޤަތް އޮޅިފައި ހުރި ވަރު މި އެނގުނީ އަދިކިރިޔާ" ރައުލް ވާހަކަދެއްކިއެވެ. އޭނާގެ ފުށުން ފާޅުވަނީ އިންތިހާ ދަރަޖައިގެ މާޔޫސްކަމެވެ. ކަންތައްކުރަންވީ ގޮތެއް އޭނާގެ ބުއްދިއަށް ވިސްނައިގަންނަން ނުކުޅެދެވިފައިވާ ފަދައެވެ.

"ޖިލައްޔާއަށް ބޭރީތު ބަލައިނުގަނެވުނީ... އެނގޭ އޭނާ ޖިލައްޔާދެކެ އިންތިހާއަށް ލޯބިވިކަން، އެހެންނަމަވެސް ޖިލައްޔާ ހާސިލުކުރުމަށް ބޭރީތު ޚިޔާރުކުރި މަގު ގޯހީ، އޭނާގެ އެ ރަޙުމެއްނެތް އަނިޔާވެރިކަން ޖިލައްޔާގެ ހިތުގައި އަބަދަށް ޓަކައި ނުފިލާނޭ ލަކުނެއް ލެވުނު، އޭނާގެ ކުރިމަތީ އޭނާގެ ލޯބިވާ މީހުން ޤަތުލުކުރި ޤާތިލު ބަލައިގަންނާނީ ކިހިނެއް... ރައުލް!... ކަލޭ މިތަނަށް ގެނައުމުގެ މާނައަކީ ކަލޭގެ މަރު ގާތްވެއްޖެކަން، އެމީހުން ކަލޭގެ ދުވަސް ދުއްވާލަން ގަސްދުކޮށްފި" ޒޮރައިދާގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

"އެނގޭ... ޒަގަން ބޭނުންވަނީ އަހަރެންގެ އަނބިމީހާ، އެކަން ބޭރީތަށް ވެސް އެނގޭ، މިހުރިހާކަމެއް މިހެންމިވީ މިތަނަށް އީޝަލް ގެނައުމުން، މިކަންކަން ކުރިން އެނގުނުނަމަ ބައްޕައެއްކަމަކު އޭނާގެ ކުރިމައްޗަށް އީޝަލްއެއް ނުގެންނާނަން، އަހަރެން ދިޔައީ ސުލްހަވެރިކަމާއެކު، މިތަނުގައިވި އެކަކަށް ވެސް ގެއްލުމެއްނުދެން، އެކަމަކު... އެމީހުން އަހަރެންނަށް ގެއްލުންދީފި، އަހަރެންގެ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެއްޖެ" އީޝަލްއާ ވަކިވި ވަގުތުގެ މަންޒަރުތައް ރައުލްގެ ލޯ ކުރިމަތިން ސިފަވަމުންދިޔަ ކަހަލައެވެ. އީޝަލްގެ ވޭނީ ހަޅޭކުގެ އަޑު އިވުނު ހިނދު ރައުލްގެ މުޅި ނަފްސު ވެސް ރޫރޫ އަޅާލިއެވެ. އޭނާގެ ފުރާނައަށް ދަހިވެތިވެފައިވާ ދުޝްމިނަކު ގާތުގައި ހުއްޓާ ވެސް އޭނާއަށް ފުރަގަސްދެވުނީ އެހެންވެއެވެ.

މޫނުގައި ދެއަތްތިލަ ހިންގާލައި ކަރުނައިން ތެމިފައިވާ ކޯތާފަތާއި ދެ ލޯ ރައުލް ފުހެލިއެވެ. މުޅިން ފަސޭހަނުވެ ހުރި ޒަޚަމްގައި ބޭސްގަނޑު މަތިން ރައުލް އަތްތިލަ ޖައްސާލައި ބަލާލިއެވެ. ޒޮރައިދާ ބުނި ފަދައިން އެތަނުން ނުކުންނަން ރައުލް ވިސްނިއެވެ.

"ސިއްތާ، މިތަނަށް ވަދެވުނު ގޮތް ހަނދާން އެބަހުރިތަ؟" ރައުލް އެއްސެވެ.

"މި ހިސާބުގައި ފާރަވެރީންނެއްނެތް، އެކަމަކު ދުރަށް ދިއުމަށް ޠަލަބްވަނީ މަނާކޮށްފައި، ރައުލް ހޭނާރާތީ ޠަލަބް ބޭނުންވީ އިހަށް މިތަނުގައި މަޑުކުރަން" ސިއްތާ ބުންޏެވެ.

"ތެދެއް، މީ އަނދިރި ބިންގަރާހެއް، މިތަނުގެ ދޮރުކައިރީ އަހަރެމެން ފޯރިމަރަމުން މިދަނީ... ވަދެގެން އައިއިރު އަހަރެން ދުށީން އިފުރީތެއް، އޭނާ ގާތު ޒަގަން އެދުނު މަޑުކުރުމަށް... މިތަނުގެ ހަޤީޤަތް އަހަރެމެންނަށް ނޭނގޭތީ ތަންތަން ހޯދަން ދިއުން ބުއްދިވެރިކަމަކަށްނުވާނޭކަން އެނގޭ، މީ ރައުލްގެ ގެއެއްނު، މިތަނުގައި ދަތުރުކުރާނޭގޮތް އެންމެ ރަނގަޅަށް އެނގޭނީ ކަލެއަށް" ޠަލަބްގެ ޚިޔާލު ފާޅުކުރިއެވެ.

* * * * *

ހިމޭންވެފައި އިނެއްކަމަކު ރާވިން އިނީ ޚިޔާލަކަށް ގެއްލިފައެވެ. އޭނާގެ ކޮޓަރީގައި ހުރި ކުޑަދޮރެއްގެ ދާރަ މަތީ އެއްފައި އަރުވާލައިގެން އިށީނދެ އިނެވެ. ވައަތުގެ ދެ އިނގިލިން ހިލަކޮޅު ހިފަހައްޓާލައިގެން އެއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާ ވިސްނަމުންދިޔައީ އެ ހިލަކޮޅު ނެގި ފޮށީގައިވާ ނިޝާނަށެވެ. އެ ނިޝާން އޭނާއަށް ކުރިން ފެނިފައިވާކަން ޔަގީނެވެ.

"ރަސްކަމުގެ ނިޝާނެއް... މީ އާދައިގެ ހިލަކޮޅެއްނޫން، ބޭނުމެއްނެތް އެއްޗެއްނަމަ ރައުލްގެ އެންމެ ސިއްރު އެއްޗެހި ފޮރުވާތަނުން އެ ފޮށްޓެއް ނުފެނުނީސް" ރާވިން ވިސްނަން އިނދެ ބުންޏެވެ. އަދި ހިލަކޮޅު ގެނެސް ނޭފަތާ ކައިރިކޮށްލާ އެއިން ވަސްބަލާލިއެވެ. ތަފާތު ވަހެއް އެއިން ނުދުވައެވެ. ފެންނަފެނުމަށް ފަރުބަދަތަކުން ފެންނަ ފަދަ އަލިފާންކުލަ އަރާ އަގީދެއް ފަދައެވެ. އިރުކޮޅަކު ހިލަކޮޅަށް ބަލަން އިނދެފައި ރާވިންގެ ވައަތުގެ މުށުތެރެއަށް އެ ލައި މުއްބާރުކޮށްލިއެވެ. އެ ހިލަކޮޅަށް އޭނާ ހޫނުކޮށްލިއެވެ. މުށުގެ ތެރެއިން އާވި އަރާތަން ފެނުނެވެ. މުށްހުޅުވާލައި ރާވިން ބަލާލިއެވެ. އެ ހިލަކޮޅަށް އެއްވެސް ބަދަލެއް ނައެވެ.

"ހޫނުވެގެން މިއަށް ބަދަލެއް ނާދޭ" އަމިއްލަ ނަފްސާ މުޚާޠިބުކުރި ފަދައިން ރާވިން ބުނެލިއެވެ. އަދި އިންތަނުން އޭނާ ތެދުވިއެވެ. އެ ހިލަކޮޅު މުށުތެރޭ ފޮރުވާލައިގެން ހުރެ އޭނާ އައީ ޙަކީމުންގެ މަސައްކަތްތައް ކުރިއަށްދާ ބަޔަށެވެ. އެތަނުގައި ހުރި ކުތުބުޚާނާއަށް ވަނުމަށެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ މަޑުޖެހިލީ އެ ހިލަކޮޅުގެ ހަޤީޤަތް އެނގިގެން ރައުލް އެނބުރި ނާންނާނޭކަން ހަނދާންވީމައެވެ. ޒަގަންގެ ވާހަކަ ހުރި ގޮތުން ރައުލްގެ މައްޗަށް އޭނާ ބޭނުންވި ފަދަ ކާމިޔާބެއް ލިބިއްޖެކަން ރާވިންއަށް ވެސް ޤަބޫލުކުރެވެއެވެ. ހަމައެއާއެކު ސުވާލު އުފެދުނެވެ. ރައުލް މަރާލެވުނު އިރު އީޝަލް އޭނާއާއެކު ނުގެނައީ ކީއްވެބާއެވެ. ޒިޔަޒެލްއާއި މީކާޢިލްމެންގެ ގާތުން އީޝަލް ގެންދިއުން ޒަގަންއަށް ފަސޭހަކަމަކަށް ނުވީ ބާއެވެ. ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށް ރާވިން އަވަސްވެގަތީ ދެނެވެ. އީޝަލްއާމެދު ޒަގަން ކަންތައްކުރަން ރާވާފައި އޮތްގޮތެއް އެނގެން އޭނާ ބޭނުމެވެ. އަދި އެނބުރި ޔާފިއާގެ ގާތަށް ދާނޭ ގޮތެއް ހޯދަން ވެއްޖެކަމުގައި ރާވިން ނިންމިއެވެ.

ބޭރީތުގެ ޚިދުމަތުން އަވަދިވެ ލާވީ އުޅޭ ބަޔަށް އައިސް ވަނެވެ. އޭރު އޭނާގެ ކޮޓަރި ދޮރުމަތީ ރާވިން މަޑުކޮށްލައިގެން ހުރިތަން ފެނިއްޖެއެވެ. ބުނާނޭ ވަކިއެއްޗެއް ލާވީއަށް ނޭނގުނެއްކަމަކު ދަރިފުޅު ފެނުމުން އޭނާ މަޑުކޮށްލިއެވެ.

"ވާހަކައެއްދައްކާލަން" އިރުކޮޅަކު ހިމޭނުން ހުރެފައި ލާވީ އެއްޗެއް ނުބުނާނޭކަން ޔަގީންވުމުން ރާވިން ބުންޏެވެ. އެއާއެކު ލާވީ އިޝާރާތްކޮއްލީ އޭނާއާއެކު އެތެރެއަށް ވަނުމަށެވެ. އިށީންނަން ލާވި އެދުމުން މިފަހަރު ނުކިޔަމަންތެރިކަން ނުދައްކާ ރާވިން އޭނާގެ ބައްޕައާ ކުރިމަތިވާނޭހެން އިށީނދެއްޖެއެވެ.

"އަޑުއަހަން މިއިނީ" ލާވީ ބުންޏެވެ.

"ޔާފިއާއަކީ އަހަރެންގެ އަންހެނުން، އޭނާއާ ދުރުގައެއް ނުހުރެވޭނެ" ރާވިން ބުންޏެވެ.

"ރާވިން، ބައްޕައަށް އިތުބާރުކޮށްބަލަ، ތި ދެކުދީން ދުރުގައި ބައިތިއްބުމުގެ ގަސްދެއް މި ބައްޕަގެ ނެތް، ގިނަދުވަހެއްނުވެ ރާވިންގެ އަނބިމީހާއާ ބައްދަލުވެދާނެ" ލާވީ ބުންޏެވެ.

"ކިހިނެއް؟" ލިބުނު ހައިރާންކަމުގައި ރާވިންއަށް އަހާލެވުނެވެ.

"އެމީހުންގެ ބާރު ކެނޑިއްޖެ، ކަލެއާއި ޔާފިއާގެ މައްޗަށް ބޭރީތުގެ ހިމާޔަތްވޭ، ބޭރީތު ގަސްދުކުރަނީ އެ މީހުންގެ ތެރެއަށް ބަޔަކު ފޮނުވަން..." ލާވީގެ ވާހަކަ ރާވިން މެދުކަނޑާލިއެވެ.

"އަދިވެސް ކުރެވުނު ކަންތައް ކުޑައީތަ؟ އީޝަލްއާ އޭނާގެ މީހުންގެ ފަރާތުން އަހަރެމެންނަށް ލިބުނީ ކޮންގެއްލުމެއް، ޒަގަންގެ އެދުންތައް ފުއްދައިދޭން ބޭރީތު އެއްބާރުލުންދޭއިރު ރައުލްއަކީ ވެސް އޭނާގެ ދަރިއެއްނު، އީޝަލްއަކީ ރައުލްގެ އަނތްބެއް، ދެން ކީއްވެ ޒަގަންއަށް އީޝަލް ހޯދައިދޭން ބޭރީތު އެ މަސައްކަތްކުރަނީ، އެއީތަ ބޭރީތައް ބައްޕަ އަރުވާ ލަފައަކީ، ކުށެއްނެތް ބައެއްގެ މައްޗަށް އަނިޔާވެރިވުންތަ؟ މިތަނަށް ޔާފިއާ ގެންނާކަށް އަހަރެން ނޭދެން، އޭގެ ބަދަލުގައި އަހަރެން ބޭނުންވަނީ ޔާފިއާއެކު އެ މީހުންގެ ތެރޭގައި ދިރިއުޅެން" ނުރުހިފައި އިނދެ ރާވިން ވާހަކަދެއްކިއެވެ.

"މި ހުރިހާ ދުވަހު ރާވިން ދިރިއުޅުނުތަނަކީ މީ، ޔާފިއާ އައުމުން ހުރިހާ ކަމެއް އަލުން އިހު އޮތް ގޮތަށް ބަދަލުވެދާނެ، އަހަރެންނާ ދުރުގައި ހުރުމުގެ ހުއްދައެއް ނުދޭނަން... މިތަނުން ދާން މަސައްކަތްކޮށްފިނަމަ ހުރަސް އަޅާނަން، ހައްޔަރުކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނަން، ހުރިހާކަމެއްވަނީ ހަމަޖެހިނިމިފައި... މިއިން އެއްވެސް ކަމެއް ދެން ބަދަލެއްނުވާނެ، ރާވިންއަށް މިފަހަރު ޖެހޭނީ އަހަރެންގެ ބަސްޤަބޫލުކުރަން، ޒަގަންއާ ކުރިމަތިލިޔަސް ކަލެއަށް އޭނާގެ ކިބައިން ސަލާމަތެއް ނުވެވޭނެ، ޔާފިޔާ ހުވަތްވާން ނޭދޭނަމަ، އޭނާ ގެންނަންދެން ބަސް ޤަބޫލުކޮށްގެން މަޑުން ހުރޭ" ލާވީ މިހެން ބުނެ ތެދުވެގެން ހިނގައްޖެއެވެ.

ރާވިން އެ ކޮޓަރިން ނުކުތީ އިންތިހާއަށް ކަންބޮޑުވެފައި ހުރެ އެވެ. އީޝަލްމެންގެ ތެރެއަށް ދެވަނަ ފަހަރަށް އަރައިގަތުމަށް ރާވާކަން އެނގުމުންނެވެ. ހަލުވިކޮށް އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ރުޅިވެރިކަމާއެކު ކޮޓަރީގެ ބިތުގައި މުއްކަވާލެވިފައި އޮތް އަތުން ޖެހިއެވެ. އޭނާ ގެންގުޅުނު ހިލަކޮޅު އަތުގައި އޮތުމުން އެވެސް ތަޅުންމައްޗަށް ހޫރާލައިފިއެވެ. ކައިރީގައި ހުރި ފެންކަވާރު ފެނުމުން އެވެސް ހޫރާލީއެވެ. ހައްޔަރުނުކުރި ނަމަވެސް ރާވިންއަށް އިޙްސާސް ކުރެވެނީ އޭނާ އެތަނުގައި ބަންދުވެފައި ވާފަދައިންނެވެ. އޭނާގެ ހަރަކާތްތަކަށް ފާރަލާނޭ ބަޔަކު ތިބޭނޭކަން އޭނާ ދަނެއެވެ. ގަނޑުވަރުން ބޭރަށް ނުނިކުމެވޭނީ އެހެންވެއެވެ. އެހެންވިޔަސް ދެއަތްއުރާލައިގެން ހުރުން އެއީ ހައްލެއްކަމަށް ރާވިން ނުދެކެއެވެ. އޭނާ ގަނޑުވަރުގެ ތެރެއިން ބޭރަށް ނުކުމެވޭނޭ ސިއްރު ދޮރުތައް ހޯދަން ނިންމިއެވެ. އެ ޚިޔާލުގައި ހުރި ރާވިންގެ ސަމާލުކަން އަތުލީ ތަޅައިގެން ދިޔަ ފެންކަންވާރުން ފޭބި ފެންތަކުގެ ކުލަ ގަދަ ރަތްކުލައަކަށް ބަދަލުވެފައިވާތަން ފެނިފައެވެ. ވީގޮތެއް ބެލުމަށް އޭނާ އުޅުނު ހިނދު ފެންގަނޑުގެ ތެރޭ އޮތް އޭނާ އެއްލާލި ހިލަކޮޅު އަޅައިގަތެވެ. އެއަށް އޮތީ އެއްކޮށް ކަޅުކުލަ އަރާފައެވެ. ފެންގަނޑުގައި ރާވިން އަތްތިލިއެވެ. ތަފާތުކަމެއް ފާހަގައެއް ނުވިއެވެ. ދެން އެ ހިލަކޮޅު ނަގައި ބަލާލިއެވެ. ހިލަކޮޅުގެ ހަރުކަމަށް ބަދަލެއް ނަޔަސް އޭގެ ކުލަ މުޅިން ބަދަލުވީއެވެ. ރާވިން އެއަށް ބަލަން އިންދާ މަޑުމަޑުން އޭގައި އިހު ހުރި ރަތްކަން އަރައި ކަޅުކުލައާ މަސްހުނިވާން ފެށިތަން ފެނުނެވެ. ހައިރާންވެ އަޖައިބުވެފައި އިނދެފައި އޭނާ ތަޅުމުގައިވި ފެންތަކަށް ބަލާލިއެވެ. ފެނުގައި ހުރި ރަތްކަން ވެސް ކެނޑުނީއެވެ. އެހެންވެ ފެނުނު ކަންތައްތައް އިތުރަށް ޔަގީންކުރުމަށް ރާވިން އެ ހިލަކޮޅު ތަޅުމުގައިވި ފެންތަކުގެ ތެރެއަށް ވައްޓާލިއެވެ. ގިނައިރެއްނުވެ އެއަށް ބަދަލު އައެވެ. އަވަހަށް ހިލަކޮޅު ހިފައިގެން އޭނާ އައިސް އެނދުގައި އިށީނެވެ.

"މީ ކީއްކުރާ ހިލަކޮޅެއްތަ؟" ރާވިން ބުނެލިއެވެ. ގިނައިރެއްނުވެ އޭނާގެ އަތަށް ހޫނުވާންފެށިއެވެ. ހިލަކޮޅުން އަރާ ހޫނެއްކަން ޔަގީންވުމުން ދުރުގައި އެ ހިލަކޮޅު ރާވިން ބޭއްވިއެވެ.

"ރައުލް" އިވިގެންދިޔައީ އަންހެނެއްގެ އަޑެވެ. ރާވިން ސިހިފައި އެދުން ތެދުވެ ދުރަށް ޖެހުނެވެ. އަޑު އައީ ހިލަކޮޅުގެ ތެރެއިންނެވެ. ކަންބޮޑުވެފައި ހުއްޓާ ދެން ފެނުނީ ހިލަކޮޅުގެ ތެރެއިން ނުކުތް ދުމުގެ ރޮދިފަށެވެ. އެ ދުންކޮޅުގެ ތެރެއިން ޖިންނިއެއް ފާޅުވިއެވެ. ބޮލާއެކު ނިވާކޮށްފައި ހުރި ބޮޑު ހެދުމުގައި އެއީ ކާކުކަމެއް ރާވިންއަކަށް ނޭނގުނެވެ.

"ކޮބާ ރައުލް، މީތި ކަލެއަށް ލިބުނީ ކިހިނެއް؟" ހިލަކޮޅު ނަގައި އެއަށް ބަލާލުމަށްފަހު އެ މީހަކު ރާވިންއަށް ބަލާލައި ސުވާލުކުރިއެވެ. މިފަހަރު ވެސް އިވުނީ އަންހެނެއްގެ އަޑުކަން ރާވިންއަށް ޔަގީންވެއެވެ.

"ތީ ކާކު؟" ރާވިން އެއްސެވެ.

"އަހަރެން ނޭނގުނުތަ؟ ކަލޭ... ކަލޭތީ ރައުލްގެ ގާތް މީހެއް، އަހަރެން މީ ސަމިއާނާ... މީ އަހަރެން ރައުލްއަށް ދިން އެއްޗެއް، ކިހިނެއް ކަލޭގެ އަތަށް މި އެރީ، ރައުލްތަ ދިނީ" ސަމިއާނާ ވެސް ހުރީ ސުވާލު އުފެދިފައެވެ. އޭނާ އުންމީދުކުރީ އޭނާއަށް ގޮވާލީ ރައުލް ކަމަށެވެ.

(ނުނިމޭ)