ހަބަރު

ޑީޑީގެ ވަކީލުންގެ ޓީމްގައި ޑރ. ޖަމީލާއި ރޭނިސް ސަލީމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަަލާގައި މިއަދު ފެށި ތަހުގީގުގައި ދީދީގެ ވަކީލުންގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޖޭއެސްސީގެ ކުރީގެ މެންބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ހިމަނައިފި އެވެ.

އާންމުކޮށް ހުޅުވަލައިގެން ބާއްވާ ތަހުގީގު ބައްދަލުވުން މިއަދު ހެނދުނު ދަރުބާރުގައި ފެށިއިރު، ފަނޑިޔާރު ދީދީގެ ދިފާއުގައި ވަކީލުންގެ ގޮތުގައި ތަރު ބޭފުޅަކު ވަޑައިގަތެވެ. އެ ޓީމްގައި ހިމެނި ވަޑައިގަންނަވަނީ ޑރ. ޖަމީލާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ޖޭއެސްސީގައި ކުރިން އިންނެވި މެންބަރު ސަލީމްގެ އިތުރުން ރައީސް ޔާމީންގެ ގާނޫނީ ވަކީލް އާދަމް އާސިފާއި އަދި ވަކީލް އާދަމް ޝަމީމެވެ.

ފަނޑިޔާރު ދީދީގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލު މިއަދު ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގެންނެވިއިރު، ޖަމީލު ވަނީ މީގެ ކުރިން ވެސް ދީދީގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެ ގޮތުން ފަނޑިޔާރު ދީދީ ޖަވާބުދާރީ ކުރުމެއް ނެތި އޭނާއާ މެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު އަދި މި ސަރުކާރު ގެންނަން ގަބޫލު ކުރި މައިގަނޑު އަސާސްތަކާ ވެސް ހިލާފު ކަމެއް ކަމަށް ޖަމީލު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ދީދީގެ ސުލޫކީ ފަސް މައްސަލައެއް ޖޭއެސްސީ އިން ބަލަމުން އެބަ ދެ އެވެ. އެ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ޖޭއެސްސީ އިން ނިންމާފައި ވަނީ، އެގޮތަށް ދީދީގެ ފަރާތުން ވެސް އެދިވަޑައިގަތުމުންނެވެ. ދަރުބާރުގޭގައި އެ މައްސަލަ ކުރިޔަށް ދާއިރު ސަލާމަތީ ކަންކަން ބަލަމުން އަންނަނީ އެމްއެމްޑީއެފް އިންނެވެ. އެގޮތުންް އެމްއެންޑީއެފް އިން ދަރުބާރުގެއަށް ވަނުމަށް ވެސް ވަނީ މެޓަލް ޑިޓެކްޓާތައް ބަހައްޓައިފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ ދީދީގެ މައްސަލަ ބަލަން ޖޭއެސްސީއިން ނިންމި ނިންމުން ބާތިލުކޮށް އަމުރެއް ނެރެފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އެ މައްސަލަތައް ކުރިޔަށް ގެންދިޔުމަށާއި އެކަމަށް ހުރަސް ނޭޅުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަން ވެސް ފާސްކޮށްފަ އެވެ.