ދުނިޔެ

އިރާނުން އެމެރިކާގެ ޖާސޫސް ޑްރޯނެއް ވައްޓާލައިފި

އިރާނުގެ ވައިގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވި އެމެރިކާގެ ޖާސޫސް ޑްރޯނެއް އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑުން ބަޑި ޖަހާ ވައްޓާލާފައި ވާނެކަމަށް އިރާނުގެ ގައުމީ ޓީވީއިން ރިޕޯޓުކޮށްފި އެވެ.

އެމެރިކާއިން ހަދާފައިވާ ގްލޯބަލް ހޯކް ޖާސޫސް ކުރާ ޑްރޯން ވައްޓާލާފައިވަނީ އިރާނުގެ ވައިގެ ސަލާާމަތީ ބާރުތަކުން ކަމަށާއި އޭތި ވައްޓާލާފައިވަނީ ހޮރްމޮޒްގަން ޕްރޮވިންސްގައި ކަމަށް ރިވިލިއުޝަނަރީ ގާޑުން ވިދާޅުވިނަމަ ވެސް އެފަރާތުން ވައްޓާލާފައިވާ ޑްރޯންގެ ފޮޓޯއެއް ދައްކާފައެއް ނުވެއެވެ.

އެމެރިކާގެ ޑްރޯނެއް އިރާނުގެ ވައިގެ ސަރަހައްދުން ވައްޓާލާފައި ވޭތޯ އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާން ކެޕްޓަން ބިލް އާބަންއާއި އަލްޖަޒީރާއިން ސުވާލު ކުރެއްވުމުން އެފަރާތުން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ނަމަވެސް އެސޯސިއޭޓަޑް ޕްރެސް ކައިރީގައި އެ ފަރާތުން ވިދާޅުވެފައި ވަނީ އިރާނުގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ އެއްވެސް ޑްރޯނެއް ހަރަކާތްތެރިވެފައި ނުވާނެ ކަމަށެވެ.

އިރާނުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފިން ކަމަށް ބުނެފައިވަނީ 2015 ގައި އިރާނާއި އެމެރިކާއާއި ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކުން ވެފައިވާ އިރާނުގެ ނިއުކްލިއާ އެއްބަސް ވުމުން އެމެރިކާއިން އަމިއްލައަށް ވަކިވެ އިރާނާމެދު ދަތި ކުރުމުގެ ފިޔަވަޅުއަޅަން ފެށުމުގެ ސަބަބުން ވަކިވުމާއި ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.