ހަބަރު

ބިދޭސީން ކޮންޓްރޯލް ވާނީ ވިސާ ދޭ އަދަދު ކަނޑައަޅައިގެން: ކޮންޓްރޯލާ

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރެވޭނީ ބިދޭސީންނަށް ވޯކް ވިސާ ދޭ އަދަދު ކަނޑައަޅައިގެން ކަމަށް ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ކޮންޓްރޯލާ މިހެން ވިދާޅުވީ ރާއްޖޭގައި ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެ، އެމީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ސާމާލުވުމަށް އެދި ވަޑައިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިއަ އަންގާރަ ދުވަހު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ދެއްކެވި ވާހަކަފުޅު ތާއީދު ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ހަނަފީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ. އެކަން ހައްލު ކުރެވޭނީ ގައުމީ ނިސްބަތުން ވޯކް ވިސާގެ ދޭނެ އަދަދު ކަނޑައަޅައިގެން ކަމަށެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލިން އޮފިސާ ހަނފީ މުހައްމަދުގެ ޓްވީޓް

އިތުރުން އޭނާ ވިދާޅުވީ ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަ މަހު ވަރަށް މުހިއްމު މަސައްކަތެއް ފެނިގެން ދާނެ ކަމަށެވެ. އެއީ ކޮން މަސައްކަތެއް ކަމެއް ތަފުސީލްކޮށް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ބިދޭސީންގެ މިފަދަ މައްސަލަތައް ހައްލު ކުުރުމުގައި ގައުމީ ފެންވަރުގެ މަސައްކަތްތައް ކުރެވި ނަތީޖާ ނެެރެވެން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ޕާޓްނާޝިޕް ފޯރަމްގައި ފުލުސް ކޮމިޝަނާ ވިދާޅުވެފައި ވަނީ ބިދޭންސީގެ އަދަދު ރާއްޖޭގައި އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެމީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ ކަމަށާއި ބިދޭސީންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާ މައްސަލަ ރަނގަޅަށް މެނޭޖުކުރަން ޖެހިފައިވާ ކަމަށެވެ.