ވިޔަފާރި

ޕޮލެންޑުން ރާއްޖެ އަށް ޗާޓަރު ފްލައިޓު ތަކެއް ފަށައިފި

Jun 20, 2019

ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަނާ ދިމާކޮށް، ޕޮލެންޑުން ރާއްޖެއަށް ޗާޓަރު ފްލައިޓު ތަކެއް ފަށައިފި އެވެ.

ޕޮލެންޑުގެ އެއާލައިނެއް ކަމަށްވާ "ބްލޫ ޕެނަރޯމާ" އިން ރާއްޖެއަށް މިއަދު ފެށި ޗާޓަރު ފްލައިޓުތައް އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅާ ހަމައަށް ކުރިއަށް ދާނެ އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ސަރަހައްދެއް ކަމަށްވާ މެދުތެރޭ ޔޫރަޕުން ރާއްޖެއަށް މި ފްލައިޓުގެ ފެށުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ސަން އޯޝަން ކުންފުނިން ރާއްޖެއަށް ޗާޓަރު ކުރަން ފެށި މި ފްލައިޓާބެހޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ މި ފްލައިޓް ރާއްޖެއަށް ފެށުނީ ގިނަ ބައެއްގެ އެއްބާރުލުމާއެކުގައި ކަމަށެވެ.

"ހަފުތާއަކު އެއް ފްލައިޓް މި ބާއްވަނީ. ޕޮލެންޑުގެ އިތުރުން އެހެން ގައުމު ތަކުން ވެސް މީހުން ގެންނަން މި ދަނީ މަސައްކަތް ކުރަމުން،" އަބްދުﷲ ވިދާޅުވި އެވެ.

ޕޮލެންޑުން ރާއްޖެ އަށް އައި މި ފްލައިޓުން 264 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ މައި އެއާޕޯޓް ބޭނުން ކުރާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށާ، މި ފަދަ ކޮންމެ ފްލައިޓެއްގެ ސަބަބުން ރާއްޖެ އަށް ފައިދާ ކުރާނެ ކަމަށެވެ.

"ނިމިދިޔަ ދެ އަހަރަށް ބަލާއިރު ގާތްގަނޑަކަށް ފަސް މިލިއަން މީހުން ވަނީ އެއާޕޯޓު ބޭނުންކޮށްފަ. ކާގޯގެ އަދަދު ވެސް 70 ޕަސެންޓު ވަނީ އިތުރުވެފައި،" ސޯލިހު ވިދާޅުވި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ޗާޓަރު ފްލައިޓުތަކުން ޓޫރިޒަމް އިންޑަސްޓްރީ އަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ޕޮލެންޑަކީ އަހަރަކު 19 މިލިއަން މީހުން ގައުމުން ބޭރަށް ދަތުރު ކުރާ ބޮޑު މާކެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޯލެންޑުން އަހަރަކު 19 މިލިއަން މީހުން ބޭރަށް ދަތުރުކުރޭ. އެކަމަކު މިދިޔަ އަހަރުތަކުގައި އެ ގައުމުން ރާއްޖެއަށް މި އައީ 12،000 މީހުން، މިއީ ވަރަށް މަދު އަދަދެއް. އެހެންވެ އިތުރު މަސައްކަތް ތަކެއް ކޮށްގެން ގިނަ ޓޫރިސްޓުން ގެނެވި ދާނެ،" ތޮއްޔިބު ވިދާޅުވި އެވެ.

ރާއްޖެއަށް ޗާޓަރު ދަތުރުތައް ފެށި ބްލޫ ޕެނަރޯމާ އިން ދުނިޔޭގެ އެކި ހިސާބު ތަކުން 34 މަންޒިލަކަށް ޝެޑިއުލް އަދި ޗާޓަރު ދަތުރުތައް ކުރެ އެވެ.