ހަބަރު

"މަތީ ތައުލީމުން އުގެނޭ ކޮންމެ އަކުރަކީ ގައުމު ބިނާ ކުރަން ކުރެވޭ އިންވެސްޓެއް"

މަތީ ތައުލީމުން ދަރިވަރުން އުގެނޭ ކޮންމެ އަކުރަކީ ގައުމު ބިނާ ކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ޖީސީއީ އޭލެވެލްގެ ދަރިވަރުންނަށް ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސޮކްލަޝިޕް ލިބުނުކަމުގެ ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ސްޓެލްކޯގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދަރިވަރުންނަށް މިއަދު ލިބިގެންދާ ސްކޮލާޝިޕަކީ އެކުދިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މިއަދުން ފެށިގެން ދަރިވަރުން ކުރިމަތިލާންވީ ގައުމު ބިނާކޮށް އާރާސްތު ކުރުމުގެ މަރުހަލާއަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮންމެ ދަރިވަރަކީ މިގައުމަށް ބޭނުންތެރި ކުއްޖެއް ކަމަށެވެ. އަދި އަންނަން އޮތް ޖީލަށް މިގައުމު ގެންގޮސްދޭން ތިބި ބަޔަކީ ކިޔަވާ ދަރިވަރުން ކަމަށެވެ. ގައުމަށް ބޭނުންތެރި ދިވެހި އުންމަތް އެބަޔަކަށް ފަހުރުވެރިވާފަދަ ދަރީންތަކަކަށްވުމަކީ މިގައުމުން ކުރާ އެންމެ ބޮޑު އުންމީދު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މަތީ ތައުލީމުން ތިޔަ ދަރިވަރުން އުގެނޭ ކޮންމެ އަކުރަކީ ގައުމު ބިނާ ކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ވާނެ، ސްކޮލާޝިޕްގެ ހަގީގީ މަގުސަދު ހާސިލްވެގެންދާނީ ގާބިލް ހުނަރުވެރި، ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް ކުޅެގެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމީ ތަރައްގީއަށް މި ސަރުކާރުން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާ ކުރުން ކަމަށެވެ. ރައްޔިތުން އެދޭފަދަ ކުރިއެރުން ހާސިލް ކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގާބިލް ޖީލެއް ބިނާ ކުރުން ކަމަށެވެ. މި ސަރުކާރުގެ ތައުލީމީ ސިޔާސަތު އަމާޒު ކުރެވިފައިވަނީ އެމިސްރާބަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަތީ ތައުލީމަކީ ހަމައެކަނި ޔުނިވާސިޓީގައި ކިޔަވާ މަތީ ތައުލީމު ކަމުގައި ވެގެންނުވާނެ ކަމަށެވެ. ދަރިވަރުން އުގެނެންވީ އުފައްދުންތެރި އާ ގޮތްތައް އީޖާދު ކުރުމަށް ކަމަށެވެ. ކަންކަން ކުރާނެ ރަނގަޅު އަދި މޮޅު ގޮތްތައް ދެނެގަނެ ހުނަރު ލިބިގަތުމަށް ކަމަށެވެ ކޮންމެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކުރި ނަމަވެސް ދިވެހި ގައުމަށް ހިދުމަތް ކުރުމަކީ އެންމެ އިސް ވާޖިބް ކަމަށް ހެދަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ،

ރައީސް ވަނީ މި ސަރުކާރުން މަތީ ތައުލީމުގެ ފުރުސަތުތަކަށް ގެނެސްފައިވާ ބަދަލުތަކަށް އަލި އަޅުވާލާފަ އެވެ. އެގޮތުން މިއަހަރުން ފެށިގެން ރައީސްގެ އެވޯޑްލިބޭ ދަރިވަރުންނަށް އެކުދިން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"ދެން ބަދަލު ގެނައީ ހައި އެޗީވާސް ސްކޮލާޝިިޕްގެ އުސޫލުތަކަށް، މީގެ ކުރިން ދެމުން އައީ ވަކި ދާއިރާތަކަކުން ވަރަށް މަދު ގައުމު ތަކަކުން، ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައިވަނީ އޯއީސީޑީ ގައުމުތަކުންވެސް އެދަރިވަރުންނަށް ކިޔެވޭ ގޮތަށް، މިބަދަލާ ގުޅިގެން އިތުރު 36 ގައުމަކުން ކިޔެވުމުފުރުސަތު ލިބިގެންދާނެ، އޭގެ ތެރޭގައި ޔޫރޮޕާއި އެމެރިކާ އަދި އޭޝިއާގެ ކުރިއަރާފައިވާ ގައުމުތައް، މިދެބަދަލަކީ ޒުވާން ޖީލް ބިނާ ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަތީ ތައުލީމު ހާސިލް ކުރާ އެހެން ދަރިވަރުންނަށް މީގެ ކުރިން ނެތް އެތައް ފުރުސަތެއް މިސަރުކާރުން އުފައްދާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ވަނީ ހިލޭ ޑިގްރީއަށް ރާއްޖޭގައި ކިޔެވުމާއި ސްޓޫޑަން ލޯންގެ އިންޓަރެސްޓް ކުޑަކޮށް އެލޯން ދެއްކުމުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ރައީސް ވިދާޅުވީ، މި ބަދަލުތައް ހަމައެކަނި މި ގެންނަނީ އިންތިހާބީ ވައުދުތަކަކަށް ވުމުންނެއް ނޫން ކަމަށެވެ. އަމާޒަކީ ރާއްޖެ ތަރައްގީ ކުރުން ކަމަށާއި ގައުމު ތަރައްގީ ވާނީ ވަކިވަކި ފަރުދުންނަށްލިބޭ ތަރައްގީގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.