ދިވެހި ޕްރެމިއާ ލީގް

ފަހު ވަގުތު ޓީސީން އީގަލްސް ހުއްޓުވައިފި

އަލީ ފާސިރު (ސެންޓޭ) އީގަލްސްއަށް ލީޑް ނަގައިދިފައި ވަނިކޮށް މެޗުގެ އެންމެ ފަހު މިނެޓްގައި ޓީސީން ލަނޑެއް ކާމިޔާބުކޮށް 1-1 ން ހަމަހަމަ ކޮށް އީގަލްސް ހުއްޓުވައިފި އެވެ.

މިދިޔަ ދެ އަހަރަށް ބަލާއިރު ވެސް އީގަލްސް އާއި ޓީސީގެ ކުރިމަތިލުން ތަކަކީ އެންމެ ވާދަވެރި ކުރިމަތިލުންތަކެވެ. މިދިޔަ އަހަރުގެ ލީގް ޗެމްޕިއަންކަން ޓީސީ ހޯދިއިރު އެ ޓީމަށް އެންމެ ވަރުގަދަ ފައިޓެއް ދިނީ ވެސް އީގަލްސްއިންނެވެ.

ދެ ޓީމުގެ ކުޅުމަށް ބަލާއިރު އެއްގޮތް ކަންތައްކެއް ހުރެ އެވެ. ނަމަވެސް މެޗުގައި ޓީސީގެ ހަމަލާތަކަށް ވުރެ އީީގަލްސްގެ ހަމަލާތައް ފެނުނީ ނުރައްކާ ކޮށެވެ. ހާއްސަކޮށް އީގަލްސްގެ ސެންޓޭގެ ފަރާތުން ޓީސީގެ ޑިފެންސަށް ނުރައްކާ ކުރިމަތިވި އެވެ.

ދެ ވަނަ ހާފުގެ ފަހު ކޮޅުގައި އީގަލްސްގެ ފަރާތުން ފުލުފުލުގައި ޓީސިގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. އީގަލްސްގެ ލަނޑު ސެންޓޭ ކާމިޔާބު ކުރީ ޓީސީގެ ޑިފެންޑަރުން އޭނާއަށް ސާމާލު ނުވެ ތިއްބައި އީގަލްސްއިން ތަނަވަސްކުރި ބޯޅައިންނެވެ.

މެޗުގެ 82 ވަނަ މިނެޓްގައި އުފެއްދި ފުރުސަތުން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، އެ ބޯޅަ ފޮނުވާލީ، ޓީސީގެ ކީޕަރު އިމްރާން މުހައްމަދަށް ވެސް ފުރުސަތު ނުދީ އެވެ. ލަނޑަށް ފަހުވެސް ޓީސީން އެ ޓީމުގެ ގޭމް ކުޅެން މަސައްކަތް ކުރި އެވެ. ޓީސީގެ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ނޭޕާލްގެ ފޯވަޑް ބިމާލް މަގަރު ކާމިޔާބު ކުރީ ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ.