ހަބަރު

ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ހދ. ނޮޅިވަރަންފަރުގައި ގާއިމްކުރަން ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. ގްރީން ކްލައިމެޓް ފަންޑްގެ ހިލޭ އެހީގެ ދަށުން ކުރާ އެ މަސައްކަތް ފައްޓަވާ ދެއްވީ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ ގާއިމް ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑް އިންނެވެ. ގްރީން ފަންޑުން ހަރަދު ކުރާ 31.8 މިލިއަން ރުފިޔާގެ މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު 1 ގައެވެ.

މި މަޝްރޫއުގެ ދަށުން ނޮޅިވަރަންފަރުގައި ބޯ ހޯލް ހެދުމާއި، ވޯޓާ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމްކުރުމާއި، އާރްއޯ ޕްލާންޓް ޔުނިޓް ގާއިމް ކުރުން ހިމެނެ އެވެ. އަދި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ފެން މީޓަރު ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ނޮޅިވަރަންފަރުގެ އިތުރުން ބ. ދަރަވަންދޫއާ، ރ. މަޑުއްވަރީ އަދި ށ. ފޯކައިދޫގައިވެސް ފެނުގެ ނިޒާމް ގާއިމް ކުރާނެ އެވެ. އޭގެ އިތުރުން 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަން ހަމަޖެހިފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީ އިން ބުނެ އެވެ. އެ މަޝްރޫއުތަކަށް 23.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ލިބިފަ އެވެ. އެ ފައިސާ 2017 ވަނަ އަހަރުގެ ތެރޭގައި ވަނީ ސަރުކާރަށް ލިބިފަ އެވެ.