ހަބަރު

މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނީޔާ ކުރި ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ނަސީމް "އަވަސް"އަށް މިރޭ ވިދާޅުވީ ގައިދީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކަރެކްޝަންގެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށާއި އެ އޮފިސަރަށް ވަގުތުން ފަރުވާ ދީފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނާއި އެޗްއާރްސީއެމް އިން ބަލަމުން އަންނަ ކަމަށް ނަސީމް ވިދާޅުވި އެވެ. އެ މައްސަލާގައި ގައިދީއަކަށް އަނިޔާވިތޯ ސުވާލު ކުރުމުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޖަލުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ބައެއް ގައިދީންނަށް އަނިޔާކޮށްފައިވާ ކަމަށް ސޯޝާލް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި ބައެއް ގައިދީންގެ ބޯ ބާލުވާ އެ މީހުން ގަޔަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް ވެސް ބުނެ އެވެ. ނަމަވެސް ކަރެކްޝަނުން އެ ވާހަކަތައް ކަރެކްޝަނުން ދޮގު ކުރެ އެވެ. ނަމަވެސް އެޗްއާރްސީއެމް އިން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން "އަވަސް"އަށް ކަށަވަރުކޮށްދެ އެވެ.

"އިއްޔެ ހިނގި ހަމަނުޖެހުމެއް މިއީ. އެއްވެސް ގައިދީއެއްގެ ބޯ ބާލުވާފަ އެއް ނުވާނެ" ނަސީމް ވިދާޅުވި އެވެ.