ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑްގެ ބީ ޓީމުގެ ކޯޗަކަށް ރައުލް

ރެއާލް މެޑްރިޑްގެ ބީ ޓީމު ނުވަތަ ރެއާލް މެޑްރިޑް ކަސްޓިޔާގެ ކޯޗް ކަމަށް، އެ ކުލަބުގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ހަމަޖައްސައިފި އެވެ.

ރެއާލް މެޑްރިޑަށް އެންމެ ގިނަ މެޗު ކުޅުނު ސްޓައިކަރަކީ، އެ ޓީމަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މިހާރު ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރެއާލްގެ އިތުރުން، ޖަރުމަންގެ ޝާލްކޭ އާއި ގަތަރުގެ އަލް ސާދު އަދި ނިއުޔޯކް ކޮސްމޯސްއަށް ކުޅުނު ސްޓައިކަރު ވަނީ، ރެއާލްގެ 15 އަހަރުން ދަށުގެ ޓީމަށްވެސް ކޯޗް ކޮށްދީފަ އެވެ. އަދި މި އަހަރު، ރެއާލްގެ 18 އަހަރުން ދަށުގެ ޓީމަށްވެސް އޭނާ ކޯޗް ކޮށްދިނެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން 18 އަހަރުން ދަށުގެ ޓީމު ވަނީ އެ އެމުރުފުރާގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މިދިޔަ ސީޒަންގައި ސްޕެއިންގެ ތިން ވަނަ ޑިވިޝަންގެ ޕްލޭއޮފްގައި ކަސްޓިޔާ ކުޅުނު ނަމަވެސް ދެ ވަނަ ޑިވިޝަނަށް އެ ޓީމު ކޮލިފައި ނުވެ އެވެ. ކަސްޓިޔާގެ ކޯޗް ކަމަށް ރައުލް ހަމަޖައެއްސުމުން ރެއާލްގެ ސީނިއާ ޓީމާ ހަމަޔަށް ދިއުމަށް ރައުލްއަށް ފުރުސަތު ލިބިގެން ދިޔައީ އެވެ.

މިހާރުގެކޯޗް ޒައިނުއްދީން ޒިދާން، ވެސް ސީނިއާ ޓީމަށް ކޯޗް ކޮށްދިނުމުގެ ކުރިން ކަސްޓިޔާއަށް ކޯޗް ކޮށްދިނެވެ. ކުރިގެ ކޯޗް ސެންތިއާގޯ ސޮލާރީ އާއި ހުލެން ލޮޕެޓެގީވެސް ވަނީ ކަސްޓިޔާ އަށް ކޯޗް ކޮށްދިފަ އެވެ.