ހަބަރު

އިމްރާން އާއި ޖަލުގެ ވެރިޔާ މިރޭ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރު ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިރޭ ހާޒިރު ކުރަން ނިންމައިފި އެވެ.

އިމްރާންއާއި މުނާޒް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމެވެ. އެ ހުށަހެޅުއްވުމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ތާއީދު ކުރެއްވި އެވެ. އެގޮތުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސް ކުރި އެވެ.

އިމްރާން އާއި މުނާޒް ހާޒިރުކޮށް އެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ބާއްވާ ކޮމިޓީގެ ބައްދަލުވުން ފަށާނީ މިރޭ 8:30 ގަ އެވެ.

މިއަދު ބޭއްވި ކޮމިޓީގައި ވާހަކަ ދައްކަވަމުން މެންބަރު ޝަހީމް ވިދާޅުވީ ޖަލުތަކުގައި ތިބޭ ގައިދީންނަށް އަނިޔާ ކުރުމަކީ ވަރަށް ކުރީއްސުރެން ވެސް އޮތް ސަގާފަތެއް ކަމަށެވެ. މީގެ ކުރިން އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމުގެ ސަބަބުން މައްސަލަތައް ތަކުރާރު ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ އަމަލުތަކަށް ޖަލުތަކުގައި ތަކުރާރުވާނަމަ އެެ ކަން ގައުމީ ސަމާލަތަށް ހުރި ބޮޑު ނުރައްކަލަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ މި މައްސަލައަކީ މިހާރުން މިހާރަށް ވެސް މަޖިލީހުގެ ކޮމިޓީތަކުން ބަލައި ދިރާސާ ކުރަން ޖެހޭ މައްސަލައެކެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ޖަލުތަކެއްގައި މިފަދަ ހަމަނުޖެހުންތައް ހިންގަން ފަށައިފިނަމަ އެއީ ވަރަށް ސީރިއަސް ކަން ބޮޑު މައްސަލައެއް ކަމަށް އަފީފް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ލަސްނުކޮށް ވީހާ ވެސް އަވަހަށް ހޯމް މިނިސްޓްރީއާއި ކަރެކްޝަންސްގެ ވެރިން ކޮމިޓީއަށް ހާޒިރުކުރުމަށް އޭނާ އެދިވަޑައިގަތެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އިން ވެސް ބަލަން ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީއަށް މިނިސްޓަރާއި ކަރެކްޝަންސްގެ ވެރިން ހާޒިރު ކުރެ އެވެ. އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޓީއަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރުން ހާޒިކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި މާފުށީ ޖަލުގައި ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ގައިދީންނަށާއި ކަރެކްޝަންސްގެ ބައެއް އޮފިސަރުންނަށް އަނިޔާވެ، ހަމަނުޖެހުން މައިތިރި ކުރަން އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި އެވެ. ހޯމް މިނިސްޓްރީން ވެސް މައްސަލަ ބަލަމުންދާއިރު މައްސަލަ ބަލައި ނިމެންދެން މާފުށީ ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕްގެ ކޮމާންޑަރު ވަނީ ސަސްޕެންޑް ކުރަން އަންގައިފަ އެވެ. އެޗްއާރުސީއެމުން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.