ކުޅިވަރު

ސާފިން ގައުމީ ޓީމުގެ އެއްވަނަ ސްމައިލީ ހޯދައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާފިން ގައުމީ ޓީމެއް އެކުލަވާލުމަށް ބޭއްވި ރޭންކިން މުބާރާތުގެ އެއް ވަނަ އިސްމާއީލް ރަޝީދު (ސްމައިލީ) ހޯދައިފި އެވެ.

ސާފިން އެސޯސިއޭޝަނުން ނިންމާފައި ވަނީ މުބާރާތުގައި ވާދަކުރާ ރާޅާ އެޅުންތެރިންގެ ތެރެއިން ފައިނަލަށް ދާ ހަތަރު ރާޅާ އެޅުންތެރިން ގައުމީ ޓީމުގައި ހިމަނާށެވެ. އެގޮތުން ފައިނަލު އިވެންޓުގައި ސްމައިލީ ކާމިޔާބު ކުރީ މަޝްހޫރު ރާޅާ އެޅުންތެރިޔާ، ހުސައިން އަރީފް (އިބޫ) އާ ވާދަ ކޮށެވެ.

"މިއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް،" މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު "އަވަސް" އާ ވާހަކަ ދައްކަމުން ސްމައިލީ ބުންޏެވެ. "އިބޫ އަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އެންމެ މޮޅު ރާޅާ އެޅުންތެރިޔާ. އިބޫ އާ ވާދަކޮށް މި ކާމިޔާބު ލިބުނީމަ ވަރަށް ހިތްހަމަޖެހޭ,"

މިއީ ސާފިން އެސޯސިއޭޝަން މުބާރާތެއްގައި ސްމައިލީ ވާދަ ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އޭނާއަށް ލިބުނީ ތިން ވަނަ އެވެ. މިފަހަރުގެ ރޭކިން މުބާރާތުގެ ދެ ވަނަ އިބޫއަށް ލިބުނު އިރު ތިން ވަނަ ހޯދީ އަހްމަދު އާގިލް (އަންމަޑޭ) އެވެ. އަދި ހަތަރު ވަނައަށް ދިޔައީ ހުސައިން ނާސިހް (ޗިކާ) އެވެ.

ސާފިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ސޮބާހް ވިދާޅުވީ އެ ހަތަރު ރާޅާ އެންތެރިންނާއެކު އަލަށް އެކުލަވާލި ގައުމީ ޓީމުން ތައްޔާރު ވާނީ ސެޕްޓެމްބަރު މަހު ޖަޕާންގައި ބާއްވާ ވޯލްޑް ސާފިން ގޭމްސްއަށް ކަމަށެވެ.