ހަބަރު

ޗައިނާގެ ވިޔަފާރިތަކަށް ލަފާދޭ ކޮމިޓީއަށް ސައީދު އިންތިހާބުވެއްޖެ

ޗައިނާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލަފާދޭ ކޮމިޓީގެ އިންޓަނޭޝަނަލް އެޑްވައިޒަރީ މެންބަރަކަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިންތިހާބުވެއްޖެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލަފާ ދޭ ބޯޑުގެ މެންބަރަކަށް ސައީދު އިންތިހާބު ކުރީ އެކަމާ ގުޅޭ ގޮތުން ބޭއްވި ވޯލްޑް އެސްއެމްއީ ފޯރަމްގަ އެވެ. އެ މަގާމްގެ މުއްދަތަކީ ތިން އަހަރެވެ. ސައީދު އިންތިހާބުވުމަށް ފަހު އެ ފޯރަމްގައި ތަގުރީރުވެސް ކުރެއްވި އެވެ. މިއީ އެ ފޯރަމްގައި ދިވެއްސަކު ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ކުރީގެ ސަރުކާރުން ޗައިނާއާއެކު ވަަރަށް ބޮޑަށް ގުޅުން ބަދަހި ކުރި، އިކޮނޮމިކް މިނިސްޓަރު ކަަމުގެ މަގާމްގައި ހުންނެވި ސައީދު ވެސް ވަނީ އެ ގައުމުގެ ވިޔަފާރިތަކާ ގާތް ގުޅުމެއް ބާއްވާފަ އެވެ.

މާދަމާގެ ނިޔަލަށް ކުރިޔަށްދާ މި ކޮންފަރެންސްގައި 50 ގައުމަކުން 2000 މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.