ހަބަރު

މުނާޒު ހާޒިރު ކުރި ކޮމިޓީ ބައްދަލުވުމުގެ ބައެއް ސިއްރުކޮށްފި

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހާޒިރުވެވަޑައިގެން ޖަވާބުދާރީ ކުރުވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ އެއްބައި ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު، ސަރުކާރު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓްރީއާ ކަރެކްޝަނަލް ސާވިސްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރު ކުރަން މިއަދު ނިންމި އެވެ.

ނަމަވެސް މިރޭގެ އެ ބައްދަލުވުމަށް ވަޑައިގަތީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އެކަންޏެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގދ. ތިނަދޫއަށް މިރޭ ވަޑައިގެންނެވިއިރު، މިނިސްޓްރީގެ ފަރާތުން އެހެން ބޭފުޅަކު ވެސް ކޮމިޓީއަށް ވަޑައިގެންފައެއް ނުވެ އެވެ.

މިރޭ ބާއްވަން ފުރަތަމަ ނިންމީ ގައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމަކަށްވީ ނަމަވެސް އެ ބައްދަލުވުމުގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ބައްދަލުވުން ކުރިއަށް ގެންދިޔައީ ދެ ކޮމިޓީ އެކުވެގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ގޮތުގަ އެވެ.

ކޮމިޓީގެ ބައްދަލުވުން ފެށުމުން މުނާޒު ވަނީ ބައެއް މައުލޫމާތުތަކަކީ ސިއްރުކޮށް ދެވެން ހުރި މައުލޫމާތުއް ކަމަށްވާތީ އެ މައުލޫމާތުތައް ދޭއިރު މީޑިއާއަށް ސިއްރުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެ ކަމާ ގުޅިގެން ދެ ކޮމިޓީގެ މެންބަރުން ނިންމެވީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ސުވާލުތައް ކުރުމުން އޭގެ ތެރެއިން މީޑިއާއަށް ހާމަކޮށްގެން ހިއްސާ ކުރެވެން އޮތް މައުލޫމާތުތައް އާންމުކުރާ ގޮތަށް ކުރިޔަށް ގެންދާށެވެ.

އެ ގޮތުން ކޮމިޓީގެ ކޮންމެ މެންބަރަކު ވަނީ ވަކިވަކިން އެ މެންބަރަކު ކުރަން ބޭނުންވާ ސުވާލުތައް ކުރައްވާފަ އެވެ. އެއިން ކޮންމެ ސުވާލަކަށް ވެސް މުނާޒު ޖަވާބު ދެއްވި އެވެ. ނަމަވެސް ބައެއް ސުވާލުތަކުގެ ޖަވާބުގައި މާ ބޮޑު ތަފުސީލުތަކެއް ހިއްސާއެއް ނުކުރެއްވި އެވެ. ވިދާޅުވީ ބައެއް ސުވާލުތަކުގެ ތަފުސީލު ދެވެން އޮތީ ސިއްރުން ކަމަށެވެ.

މުނާޒު ސުވާލުތަކަށް ޖަވާބު ދެއްވުމުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމީ ކޮމިޓީގެ ބައްދަލުވުމުގެ ކުރިއަށް އޮތް ބައި މީޑިއާއަށް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. މީޑިއާތަކަށް ނުވަދެވޭ ގޮތަށް ކޮމިޓީ ބައްދަލުވުންތައް ސިއްރު ކުރަނީ ކޮމިޓީގެ މެންބަރުންގެ ވޯޓަކުން އެ ގޮތަށް ފާސްކޮށްގެންނެވެ.

މުނާޒުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ހިނގީ ގަވާއިދު އިސްލާހުވެފައި ނެތުމުގެ ސަބަބުން ނޫން ކަމަށާއި އެ ހަމަނުޖެހުން ހިނގީ އޮފިސަރުން ގަވާއިދާ ހިލާފަށް ހާލަތާ ނުބައްދަލު ބާރު ބޭނުުން ކުރުމުގެ ސަބަބުން ކަމަށެވެ. އެ ގޮތުން ކުއްލި ހާލަތެއްގައި ކަމެއް ދިމާވުމުން އަމަލު ކުރާނެ ގޮތް ގަވާއިދުގައި ވަރަށް ރަނގަޅަށް ބަޔާން ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަނިޔާާ ލިބުނީ ހަ ގައިދީއަކަށާއި އެއް އޮފިސަރަކަށް ހާމަކުރައްވައި މުނާޒު ވިދާޅުވީ އަނިޔާ ލިބުނު އޮފިސަރުގެ ވާތް ފަރާތު ކަންފަތަށް އަނިޔާ ލިބިފައިވާ ކަމަށާއި ބައެއް ގައިދީންގެ އަތަށާއި ބުރަކަށްޓަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތައް ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ދަނީ ބަލަމުންނެވެ. މި މައްސަލައާ ގުޅިގެން މާފުށީ ޖަލުގެ އެމަޖެންސީ ސަޕޯޓް ގްރޫޕްގެ ކޮމާންޑަރު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެ ހަމަނުޖެހުން މައިތިރިކުރުމުގައި ކަރެކްޝަންސްގެ އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ބައެއް ގައިދީންނަށް ބޮޑެތި އަނިޔާ ލިބޭ ގޮތަށް އަމަލު ކުރި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.