ހަބަރު

އަނިޔާކުރި އޮފިސަރުން ފާހަގަވީމަ ފިޔަވަޅު އަޅާނަން: މުނާޒު

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ގައިދީންނަށް އަނިޔާ ކުރި ކަރެކްޝަން ސާވިސްގެ އޮފިސަރުން ފާހަގަ ކުރެވެމުން އެ އޮފިސަރުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވަނީ ރައްޔިތުންްގެ މަޖިލީހުގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފަ އެވެ. މާފުށީ ޖަލުގެ ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓްރީގެ ބޭފުޅުން ހާޒިރުވުމަށް އެންގި ނަމަވެސް މިނިސްޓްރީގެ އެއްވެސް ބޭފުޅަކު ހާޒިވެވަޑައިގެންފައެއް ނުވެ އެވެ.

މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގައިދީންނަށް އަނިޔާކުރި އޮފިސަރުން އަދި ފާހަގަ ކުރެވިފައިނުވާ ކަމަށާއި އަނިޔާ ކުރީ ކޮން އޮފިސަރުންތަކެއް ކަން ފާހަގަ ވުމުން ގަވާއިދުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

މުނާޒު ވިދާޅުވީ އޮޕަރޭޝަނަކަށް ކޮމާންޑަރު އަންގައިގެންދާއިރު، އަނިޔާ ކުރީ ކޮމާންޑަރު އަންގައިގެން ވިޔަސް އަދި އޭނާގެ އެންގުމަށް ނުކިޔަމަންތެރި ވެގެން އޮފިސަރުން ގައިދީންނަށް އަނިޔާ ކުރިޔަސް އެ ކަމުގެ ޒިންމާ ކޮމާންޑަރު އުފުލަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގައިދީންނަށް އަނިޔާ ކުރި އޮފިސަރުން އޭނާއަށް ވެސް ނޭނގޭ ކަމަށާއި އެހެން ކަމުން ކޮމާންޑަރު ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ.

އެއިން އޭނާއަކަށް [ކޮމާންޑަރަކަށް] އައިޑެންޓިފައިއެއް ނުކުރެވުނު ކޮން އޮފިސަރުންނެއްތޯ އަނިޔާ ކުރީ. އޭނާގެ ރިޕޯޓުގައި އޮފިސަރުންނަށް އަނިޔާ ނުކުރަން އެންގިކަން އެނގެން އޮތް ނަމަ އޭނާއާ ހަމައަކަށް ދާކަށް ނުޖެހުނީސް. ކޮން ބައެއްތޯ މިކަން ކުރީ ބެލުމަށްޓަކައި ފުރަތަމަ ކަމަކަށް ކޮމާންޑަރު އެއް ކައިރި ކުރީ. މިއަދު އިރުއޮއްސުނުއިރު އަޅުގަނޑު އޮފިސަރު ޖެނެރަލް ކައިރިން ވެސް އެހިން އައިޑެންޓިފައި ކުރެއްވިއްޖެތޯ. ވިދާޅުވި ނުވެޔޭ. ވަކި އޮފިސަރެއްގެ ނަން ވިދާޅުވިނަމަ ވަގުތުން އެއްކައިރި ކުރާ ނަން. އެ ބަޔަކު ފާހަގަވުމާއެކު އެއްކައިރި ކުރާނަން." މުނާޒު ތަފުސީލުކޮށްދެއްވި އެވެ.

މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތަފުސީލު ހާމަ ކުރައްވަމުން މުނާޒު ވިދާޅުވީ އެ ހަމަނުޖެހުން ހިނގީ މާފުށީ ޖަލުގެ ޔުނިޓް 4 ގައި މަސައްކަތް ކުރާ އޮފިސަރެއްގެ ގާތުގައި އެ ތަނުގައި ހުރި ގައިދީއަކު ޖަލަށް ވެއްދުން މަނާ ތަކެތި ގެނެސްދޭން އެދުމުން އޮފިސަރު އެކަމަށް އިންކާރުކޮށް ދެއްކި ވާހަކަތަކުގެ ތެރެއިން ކަމަށެވެ. އެ ގޮތުން އެ ތަނުގައި އުޅޭ އެހެން އޮފިސަރުން ވެސް އެފަދަ ތަކެތި ގެނެސްދޭ ކަމަށް ބުނެ ގައިދީ ނުރުހުން ފާޅު ކުރި ކަމަށާއި އޮފިސަރުގެ ބަސްމަގު ހުރި ގޮތުން އެ ކަމުގެ ނުރުހުމުގައި ހަމަލާ ދިނީ ކަމަށް ގައިދީ ބުނި ކަމަށެވެ.

މުނާޒު ވިދާޅުވި ގޮތުގައި އޮފިސަރުންގެ ތެރެއިން އަނިޔާ ލިބުނީ ގައިދީ ފުރަތަމަ ހަމަލާ ދިން އޮފިސަރަށް އެކަންޏެވެ. އެހެން އޮފިސަރަކަށް އަނިޔާއެއް ލިބިފައެއް ނެތެވެ. އޮފިސަރުގެ ވާތް ފަރާތު ކަންފަތް ކައިރިއަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އޭނާގެ އުނަގަނޑުގައި ރިއްސާތީ މުޅި ކަރުގައި ބެންޑޭޖް އަޅާފައިވާ ކަމަށް ވެސް މުނާޒު ވިދާޅުވި އެވެ.

ގައިދީންގެ ތެރެއިން އަނިޔާވީ ހަ މީހަކަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އަތަށާއި ބުރަކައްޓަށް ޒަހަމްތަކެއް ލިބިފައި ހުރި ކަމަށް މުނާޒު ވިދާޅުވި އެވެ. ބައެއް ގައިދީންގެ މޭމަތިން ނޫފަގަނެފައިވާ ކަމަށް ވެސް މުނާޒު ވިދާޅުވި އެވެ. ގައިދީންނަށް އަނިޔާވުމާ ގުޅިގެން ވަގުތުން ފަރުވާ ދިން ކަމަށާއި ބައެއް ގައިދީން އިތުރަށް ޑޮކްޓަރަށް ދައްކަން އެދިފައިވާތީ މާދަމާއިން ފެށިގެން އެ ކަންކަން ވެސް ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ގައިދީންގެ ބޯ ބޭލި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން މުނާޒު ވިދާޅުވީ ގައިދީންގެ ބޯ ބަލާފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ހެދިފައިވާ ގަވާއިދުގެ ތެރެއިން ކަމަށެވެ. އެ ގަވައިދުގައި މާފުށީ ޖަލަށް ވައްދާ ގައިދީންގެ އިސްތަށިގަނޑާއި ތުނބުޅި ވެސް ހުންނަން ޖެހޭނީ އެއް އިންޗި ދިގު މިނުގައި ކަމަށް ބަޔާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޮފިސަރުންގެ އަދަދު މަދުވުން އެ ގަވާއިދު ރަނގަޅަށް ތަންފީޒު ނުކުރެވޭއިރު މި ހާލަތުގައި އެ ގޮތަށް އަމަލު ކުރުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޖަލުގައި ތިބި ގައިދީން ބިޑި އަޅުގައި ޖިންސީ ގުނަވަނަށް ޕެޕާ ސުޕްރޭ ޖެހި ވާހަކަ މުނާޒު ދޮގު ކުރެއްވި އެވެ. އެގޮތުން މުނާޒު ވިދާޅުވީ ގައިދީން ކުރެން އެހުމުން އެހެން ކަންތައް ނުކުރާ ކަމަށް ބުނި ކަމަށެވެ. ނަމަވެސް ވަނުމުގެ ކުރިން ޕެޕަރ ސްޕްރޭ ޖެހިކަމަށް ގައިދީން ވެސް އަދި ކަރެކްޝަންސް އޮފިސަރުން ވެސް ބުނެފައިވާ ކަމަށެވެ.