ވާހަކަ

އީޝަލް

(20 ޖޫން 2019 އާ ގުޅޭ)

"އަހަރެން ނޭނގުނުތަ؟ ކަލޭ... ކަލޭތީ ރައުލްގެ ގާތް މީހެއް، އަހަރެން މީ ސަމިއާނާ... މީ އަހަރެން ރައުލްއަށް ދިން އެއްޗެއް، ކިހިނެއް ކަލޭގެ އަތަށް މި އެރީ، ރައުލްތަ ދިނީ" ސަމިއާނާ ވެސް ހުރީ ސުވާލު އުފެދިފައެވެ. އޭނާ އުންމީދުކުރީ އޭނާއަށް ގޮވާލީ ރައުލް ކަމަށެވެ.

"ސަމިއާނާ... ތީ ހަމަ ސަމިއާނާތަ؟ ދުވަސްކޮޅެއް ކުރީން ރައުލްއާ ކައިވެނިކުރަން މި ގަނޑުވަރަށް އައި ސަމިއާނާތަ؟" ކުރިމަތީ ފެންނަން ހުރީ ޝައިޠާނާގެ ކުޅިވަރެއްކަމާމެދު ޝައްކުވެފައި ހުރެ ރާވިން އެއްސެވެ.

"މީ އަހަރެމެންގެ ޢާއިލީ ހިލައެއް، އަހަރެންގެ އަތުން ރައުލްއަށް ދިނީ... މި ހިލަކޮޅު އޮންނާނީ ވެސް އަހަރެމެންގެ ރަސްކަމުގެ ނިޝާންޖެހި ފޮށްޓަކަށް ލައި ބަންދުކުރެވިފަ، އަހަރެން ދުށީން ރައުލްގެ އެންމެ ގާތުގައި އަބަދުވެސް ކަލޭ އުޅޭތަން، ކޮބާ ރައުލް؟... އޭނާތަ ބުނީ މި ހިލަކޮޅުގެ ވާހަކަ، އޭނާ ބުނެގެންތަ އަހަންނަށް ތި ގޮވާލީ، އަހަރެން ވަޢުދުވިން ރައުލް ގޮވާލައިފިނަމަ އަންނާނަންކަން، ކޮބާތަ އޭނާ؟... އަހަރެން ގޮސްދީބަލަ އޭނާ ގާތަށް، ނޫނީ އޭނާ ގާތު ބުނެބަލަ އަހަރެން އަތުވެއްޖެޔޭ" ސަމިއާނާގެ ހެދުމުން ބޮލުގައިވާ ބައި މައްޗަށް ޖައްސާލުމުން އޭނާގެ މޫނުން ބަޔަކާއެކު ދެ ލޯ ފާޅުވިއެވެ. އެއާއެކު އެއީ ސަމިއާނާކަން ރާވިންއަށް ވެސް ޔަގީންވެއްޖެއެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ރާވިންއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ.

"ކަލޭ ޤަބޫލުކުރާނަންތަ ރައުލް އަހަރެމެންނާ ވަކިވެއްޖޭ ބުނެފިއްޔާ" މާޔޫސްވެ ހުރެ ރާވިން ބުންޏެވެ. ސަމިއާނާ ވަގުތުން ބޯހޫރާލިއެވެ. އަދި ރާވިންއާ ގާތަށް ދެތިން ފިޔަވަޅު ކުރިއަށް ޖެހިލިއެވެ.

"ވަކިވީއޭ... ކޮންގޮތަކުން؟... މިތަން ދޫކޮށް އޭނާ ދިޔައީތަ؟ އޭނާގެ ލޯބިވެރިޔާ ގާތަށްތަ؟" ސަމިއާނާއަށް ރާވިންގެ ވާހަކައިން ނަގައިގަންނަންވީ ކޮންކަމެއްކަން ނޭނގުނެވެ.

"އޭނާގެ އަނބިމީހާ ހުވަފަތްވެއްޖެ، އޭނާ ދިޔައީ އެނބުރި އައުމެއްނުވާ ތަނަކަށް، އޭނާ ފަނާވެއްޖެ، ސަމިއާނާ... އަހަރެންގެ އެކުވެރިޔާ މަރުވެއްޖެ" ރާވިންގެ އަޑުގައިވި ހިތްދަތިކަން ސަމިއާނާއަށް ވެސް އިޙްސާސް ކުރެވުނެވެ. ނަމަވެސް އެ ޚަބަރުވީ ސަމިއާނާގެ ނަފްސު ސިއްސުވާލި ޚަބަރަކަށެވެ.

"ނުވާނެ އެހެނެއް، އޭނާގެ މައްޗަށް ހަމައެކަނި ގަދަވެވޭނެ މީހަކަށް ހުރީ ބޭރީތު، އަނެއްކާ... އޭނާތަ؟ އޭނާ ރައުލް މަރާލީތަ؟" ޤަބޫލުނުކުރެވިފައި ހުރި ފަދައިން ސަމިއާނާ ވާހަކަދެއްކިއެވެ.

"ތިހެން ވެސް ބުނެވިދާނެ" ރާވިން އިސްޖަހާލިއެވެ.

"ތި ޚަބަރު ދޭންތަ އަހަރެން މިތަނަށް ޙާޟިރު ތިކުރީ" ސަމިއާނާގެ ޠަބީޢަތަށް ބަދަލުތަކެއް އައިކަހަލައެވެ.

"ބޭރީތު އަމިއްލަ ދަރި މަރާލަފާނޭކަމަށް ޤަބޫލުނުކުރެވުނީ ދޯ" ރާވިން ބުންޏެވެ. ސަމިއާނާ މޫނު އަނބުރާލުމާއެކު ދެއަތްއަރާލައި ދެކޮޅަށް ހިނގަންފެށިއެވެ. އެއްއަތުން އަނެއްއަތުގައި ހިފައި ބާރުކޮށްލާތީ ދޭތެރެއަކުން ފެނެއެވެ.

"ރައުލްގެ އަނތްބަކު އެބައިން، ރައުލް މިގަނޑުވަރުން ނުކުމެގެންދިޔައީ އެއްބަސްވުމެއްގެ ދަށުން، އެ އެއްބަސްވުން އުވާލީ ބޭރީތު، ބޮޑު ލަޝްކަރަކާއެކު ޒަގަން ފޮނުވީ އޭނާ، ރައުލްގެ އަނބިމީހާ ޒަގަން ބޭނުންވަނީ، ރައުލްގެ އަނތްބަކަށް އެ އަންހެންކުއްޖާ ވެއްޖެކަން އެނގިހުރެ ބޭރީތު އެ ނުބައި ޢަމަލު ހިންގުމަށް އެއްބާރުލުން ދިނީ، އަހަރެންގެ މި ދެ ލޮލުން އެ ހުރިހާ މަންޒަރެއް ދުށީ، ރައުލްގެ އެއްވެސް ކުށެއްނެތި... ސަމިއާނާ!... އެމީހުން އޭނާގެ ދުވަސް ދުއްވާލައިފި، އަހަރެންގެ..." ރާވިންގެ އަޑު ކުރެހުމާއެކު އޭނާ ވަގުތުން ވާހަކަދެއްކުން ހުއްޓާލިއެވެ. އަދި ވައަތްތިލައިން ދެ ލޯ ނިވާކޮށްލަމުން ސަމިއާނާއަށް ފުރަގަސްދިނެވެ. އެ މަންޒަރު ފެނި ސަމިއާނާއަށް ހުއްޓެވުނެވެ. އަމިއްލަ މޭގައި ކަނާއަތްތިލައިން ފިރުމާލެވުމާއެކު ސިއްރެއް ފަދައިން ރައުލްގެ ނަމުން އޭނާ ގޮވާލިއެވެ. ރާވިންގެ ޢަމަލުތަކުގައި އޮޅުވާލުމެއްނެތޭ ސަމިއާނާގެ ޟަމީރު ބުނަމުންދިޔައެވެ. އަމިއްލަ ހިތަށް ފުން އަސަރެއް ކުރީ ޤައިމު ވެސް އެހެންވެއެވެ. މަޑުމަޑުން އޭނާގެ ދެ ލޯ ވެސް ފެންކަޅިވެއްޖެ އެވެ.

"ރައުލް ހަމަ ވަކިވެގެންދިޔައީތަ؟" މަޑުމަޑުން ސަމިއާނާއަށް އަހާލެވުނެވެ. ހިމޭންވެފައި ހުރި ރާވިން އެނބުރިލިއެވެ. އަދި ސަމިއާނާއާ ނަޒަރު ސީދާކޮށްލައި ބޯޖަހާލީ އޭނާ ކުރި ސުވާލުގެ ޖަވާބު ދިނުމަށެވެ.

"ކަލެއަށް ވަގުތު އޮތިއްޔާ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފާނަންތަ؟" ސަމިއާނާ އެދުނެވެ.

"ކަލޭގެ ނުފެނިގެން ކަލޭގެ އަހުލުން ނުހޯދާނޭތަ؟" ރާވިން އެއްސެވެ.

"އަހަރެންގެ އެންމެ އިސް ފާރަވެރިޔާއާއި ބާނދީއަށް އެނގޭނެ އަހަރެން މި އައީ ރައުލް ގޮވާލައިގެންކަން، ޚަބަރު އޮޅުންފިލުވައިފައި އަހަރެން އެނބުރި އަންނާނަންކަން ބުނިން، މި ހިލަކޮޅަކީ ހަމައެކަނި އަހަރެން ރައުލްއަށް ދިން އެއްޗެއް، ދެމެދުގައި ޚާއްޞަ ގުޅުމެއް ބޭއްވުމުގެ ގަސްދުގައި... ހާސްނުވޭ، މިވަގުތު މިތަނަށް މީހަކު ނާންނަހާ ހިނދަކު އަހަރެން ހުރިކަމެއް ނޭނގޭނެ، ނޫނީ މިތަނަށްވުރެ އަހަރެމެން ވާހަކަދައްކާލަން ރައްކާތެރިތަނެއްވާނަމަ ބުނޭ" ސަމިއާނާ ބުންޏެވެ.

"މީ އަހަރެންގެ ނިދާކޮޓަރި، މިތަނަށް އަހަރެންގެ ހުއްދަނެތި އެކަކު ވެސް ނުވަންނާނެ، ބައްޕަ ވެސް މިވަގުތު އެހާ އަވަހަކަށް ހިޔެއްނުވޭ އަންނާނޭހެން... އިށީންނަންވީނު" އެނދު ދައްކާލަމުން ރާވިން ބުންޏެވެ. ސަމިއާނާ ބޯޖަހާލާފައި އައިސް އެނދުގައި އިށީނެވެ. އެތަނުގައި ހުރި ގޮނޑިއެއް ހިފައިގެން ރާވިން އައިސް އެނދު ކައިރީ ބެހެއްޓިއެވެ. އެތަނުގައި އޭނާ އިށީނެވެ.

ރާވިން ވާހަކަދައްކަން ފެށުމުން ސަމިއާނާ އޭނާ ހުއްޓުވިއެވެ. އަދި އެދުނީ އޭނާއާއި ރައުލްގެ ކައިވެނި ނުކުރާ ގޮތަށް ހަމަޖެހި ގަނޑުވަރުން ސަމިއާނާ އެނބުރި ދިޔަފަހުން ދެން ކަންތައް ހިނގި ގޮތުން ފެށިގެން ކިޔައިދިނުމަށެވެ. އެފަދައިން ރާވިން ކަންތައް ކުރިއެވެ. ހުރިހާކަމެއް ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ސަމިއާނާއަށް ރާވިން އޮޅުންފިލުވައިދިނެވެ. އޭނާގެ އަމިއްލަ އިޙްސާސްތައް ވެސް ހާމަކުރުމާއެކުއެވެ.

"ސަމިއާނާ!... އަހަރެންނަށް އެހީވެދީބަލަ، ރައުލްއަށް ޓަކައި ވިޔަސް އެހީވެދީބަލަ" ރޮމުންދިޔަ ސަމިއާނާއަށް ބަލަން އިރުކޮޅަކު އިނދެފައި ރާވިން އާދޭސްކޮށްލިއެވެ.

"އަހަރެން ކިހިނެއް ކަލެއަށް އެހީވާނީ، ރައުލް އެނބުރި ގެންނާނީ ކިހިނެއް" ސަމިއާނާ ބުންޏެވެ.

"ކަލޭ އަހަރެންގެ ގާތަށް ތިއައި ގޮތަށް ނިކަން މިތަނުން އަހަރެން ގެންގޮސްދީބަލަ، އަހަރެންގެ އަނބިމީހާގެ ގާތަށް ގެންގޮސްދީބަލަ، އެމީހުން އަހަރެން ދިޔަކަނުދޭނެ، އެކަމަކު ކަލެއަށް މިކަންވެދާނެއެއްނު" ރާވިން ކުރިއަށް ޖެހިލައި ސަމިއާނާއާ ހަތަރުކަޅި ހަމަކޮށްލައި ބަލަން އިނީ އާދޭހުން ފުރިގެންވީ ބެލުމަކުންނެވެ.

"ރައުލް... ރައުލްއަށް ޓަކައި ކޮށްދޭނަން، އޭނާ އެހާ ލޯބިވި އަންހެނާއާ އަހަރެން ވެސް ބައްދަލުކުރަން ބޭނުން، އަހަރެން ކަލެއަށް އެހީވާނަން، ސަލާމަތުން އެމީހުންގެ ގާތަށް ގެންގޮސްދޭނަން، ޔަގީނުން ވެސް ބޭރީތައް އަހަރެމެންގެ ރަސްކަމަކާ ނުކުޅެވޭނެ، ކާފަ އެއަށްވުރެ މާ ހުސިޔާރުވާނެ" ސަމިއާނާ އެނދުން ތެދުވެ ފުންކޮށް ވިސްނާލާފަދައިން އޭނާގެ އަތުގައި އޮތް ހިލަކޮޅަށް ބަލަން ފެށިއެވެ.

"އަހަރެން ކިހިނެއް ހަދަންވީ؟" ރާވިން އެއްސެވެ.

"ކަލެއަށް ކެރޭނެތަ އަހަރެން މި ހިލަކޮޅަށް ވަނީމަ ދިރުވައިލަން" ސަމިއާނާ ހިލަކޮޅު ރާވިންއަށް ދިއްކޮށްލިއެވެ. އޭގައި ހިފަމުން ރާވިން ބޯޖަހާލިއެވެ. ކޮންމެ ގޮތަކުން ވެސް އޭނާ ހުރީ އެތަނުން ސަލާމަތްވެ ޔާފިއާއާއި އީޝަލްމެންގެ ގާތަށް ދާން ނުހަނު ބޭނުންވެފައެވެ.

"ކަލެއަށް ލިބިފައިވާ އެއްވެސް ބާރެއްގެ ބޭނުންނުކުރާތި، އަހަރެން ވެސް މިކަން ކުރަން މިއުޅެނީ ފުރަތަމަ ފަހަރަށް.... އަހަރެންގެ ބާރާމެދު އިތުބާރުކުރޭ، ކަލެއަށް ގެއްލުމެއް ލިބުނަ ނުދޭނަން" ހިލަކޮޅަށް ބަލަން ހުރި ރާވިންއަށް ސަމިއާނާ އިތުރު ޔަގީންކަން ދިނެވެ.

ހިލަކޮޅަށް އޭނާ އެއްކޮށް ވަނުމުން ދެން ރާވިން އޭތި ދިރުވާލުމަށް ބުނެފައި ސަމިއާނާ ޣައިބުވެއްޖެއެވެ. ރޮއްޖެއްހާ ހިމަ އެ ދުންކޮޅު ހިލަކޮޅުގެ ތެރެއަށް މުޅިން އޮބުނެވެ. އެއާއެކު އޭގެ ވިދުން ގަދަވި ހެން ހީވިއެވެ. ޖެހިލުންވެފައި ހުރެ ވެސް ރާވިން ހިލަކޮޅު އަނގަޔަށް ލައި ދިރުވާލައިފިއެވެ. އޭތި އޭނާގެ ކަރުގައި ތާށިވީއެވެ. އެއަށްވުރެ އަޑިއަކަށް ނުދިޔައެވެ. އިސާހިތަކު ރާވިންގެ މުޅި ހަށިގަނޑަށް ބާރުގަނޑެއް އަރަންފެށިއެވެ. ހަށިގަނޑުގެ ހަކަތަ ދަމާލާ ފަދަ އިޙްސާސެކެވެ. ދެން ހީވީ ކަނުއަނދިރީގެ ތެރޭގައި ގަދަކަމުން އޭނާ ގެންދާހެނެވެ. ހަމައެއާއެކު ކެކިއަރާ އަލިފާނުގެ ތެރެއިން ދާފަދަ ގަދަ ހޫނެއް ވަމުންދިޔައެވެ. އޭނާއަށް ވާނުވާ އެނގުނު ހިނދު ހުރެވުނީ ތަނަވަސް ބޮޑު ކޮޓަރިއެއްގައެވެ. ލޮލަށް ތަންތަން ސާފުވާން ފެށި ހިސާބުން އަރިއަޅައިލައިގެން ރާވިން ވެއްޓުނެވެ. އަދި އެތެރެހަށި ނުފުށުން ޖެހޭ ފަދަ އިޙްސާސަކާއެކު އޯކަށް ދެމި ރާވިންގެ އަނގައިން ހިލަކޮޅު ބޭރުވިއެވެ. އެ ހިލަކޮޅު ތަޅުމުގައި ޖެހުމާއެކު ސަމިއާނާ އެއިން ނުކުމެއްޖެއެވެ. އޭނާ މާނޭވާލަމުންދިޔައެވެ. އެތަނުގައި ފިރިހެނަކާއި އަންހެނަކު ތިއްބެވެ. އެ މީހުން ސަމިއާނާގެ ގާތަށް އަވަސްވެލި ގޮތުން އެއީ ސަމިއާނާ ބުނި ދެ ޚާދިމުންކަން އެނގުނެވެ.

"މީ އަހަރެންގެ ކޮޓަރި، މިތަނުން އަހަރެންގެ މީހުން ކަލެއަށް އެހީވާނެ، ކަލެއަށް ކަމުދާނޭ ކާއެއްޗެހި އެމީހުން ގެނެސްދޭނެ، ފެންވަރާ ތައްޔާރުވެގެން ހުރޭ، އަހަރެން އަންނާނަން ހުރިހާކަމެއް ހަމަޖައްސާފައި، އަންނަންދެން ކަލޭ އަރާމުކުރޭ" ވަރުބަލިކަމާއެކު ސަމިއާނާ ބުންޏެވެ.

"ސަމިއާނާގެ ޢާއިލާ މީހުންނަށް މިކަން އެނގި، ބޭރީތަށް ޚަބަރު ދާކަށް ނޭދެން، މިތަނުގައި ގިނަ ދުވަހު ހުރެވޭކަށް ވެސް ނެތް" ކުޑަކަކޫ މައްޗަށް ތެދުވެލައި ރާވިން ބުންޏެވެ.

"ކަލޭ ނެތްކަން އެނގިއްޖެނަމަ އެމީހުން ކަނޑުގައި އަތްފުނާ އަޅަން ފަށާނެ، އަހަރެމެންގެ ސަވާރީއެއްގައި ދާން ނިންމީ އެހެންވެ، ކަންބޮޑުނުވޭ، ކަލޭ މިތަނުގައި ގިނަ ދުވަހު ބެހެއްޓުމުގެ ގަސްދެއް އަހަރެންގެ ވެސް ނެތް، ކަލޭ އެދޭ ކަންތައް އަހަރެން ފަސޭހަކޮށްދޭނަން، ކަލޭގެ މަންޒިލަށް ގެންގޮސްދޭނަން" ސަމިއާނާ ބުންޏެވެ. އަދި އޭނާގެ އެންމެ އިސް ހަށިފާރަވެރިޔާގެ ގާތުގައި ރާވިންއަށް އެހީވާން އަމުރުކުރިއެވެ. އޭގެ އިތުރުން ރާވިން އެގަނޑުވަރުގައި އުޅޭކަމުގެ ޚަބަރު އިތުރު ޖިންނިއަކަށް އެނގިގެންނުވާނޭކަން ވެސް ސަމިއާނާ ހާމަކުރިއެވެ.

* * * * *

ރައުލްއާ ވަކިވި ފަހުން އީޝަލް ވަރަށް ބޮޑަށް އެކަހެރިވެއްޖެއެވެ. މީހަކަށް ދޭނާ ލަފައެއް އޭނާގެ ނެތެވެ. ދެން ކަންތައްކުރަންވީ ކިހިނެއްކަމެއް ވެސް ޚުދު އޭނާއަކަށް ނޭނގުނެވެ. ދަރިފުޅަށް އަންނަ ހުރިހާ ބަދަލެއް ގާތުން މީކާޢިލް ދުށްޓެވެ. އޭނާގެ ހިތް އެ ދަރިފުޅުގެ އެކަނިވެރިކަމާމެދު ރޮމުން ދިޔައެވެ. ޒިޔަޒެލް މަސައްކަތް ކުރަމުން ދިޔައީ ބޭރީތާ ދެކޮޅަށް ކުރެވެން ހުރި ކަމެއްވިއްޔާ އެކަމެއް ދެނެގަތުމަށެވެ. ބަޚުރުގެ އަޑިއަކީ އެ މީހުންނާ ބީރައްޓެހި ތަނެކެވެ. ހަމައެއާއެކު އެ މީހުންގެ ބާރު ކަނޑުވާލާ ތަނެކެވެ. އެފަދަ ތަނަކަށް ދިއުމަކީ އަމިއްލަ ނަފްސު މަރަށް ހުށަހެޅުން ފަދަ ކަމެއްކަން ޒިޔަޒެލްއަށް އެނގެއެވެ.

ސުފުރާ ދޮށުގައި އެންމެން ކެއުމަށް އިންސާފު ކުރަމުންދިޔައެވެ. އަރުތެރެއިން އެއްޗެއް ނުދިރިގެން އީޝަލް އުޅުނެވެ. އެހެންވިޔަސް އޭނާ ގަދަކަމުން ކާއެއްޗެހި އެތެރެކުރިއެވެ. އެ މަންޒަރު މޭޒުދޮށުގައި ތިބި އެންމެނަށް ވެސް ފެނެއެވެ. ހަމްދަރުދީވުން ފިޔަވައި އިތުރު އަސަރެއް ފާޅެއްނުވެއެވެ. އީޝަލް ހިތްހަމަޖައްސައިދިނުމަށް ބުނާނޭ އެއްޗެއް އެމީހުންގެ އަތުގައި ވެސް ނެތީއެވެ. ދިރިހުންނާނަންކަމަށް ރައުލްއަށް ވީ ވަޢުދުގެ މަތީ އީޝަލް ހުންނަން މަސައްކަތްކުރަނީއެވެ. ނަމަވެސް ހިތަށްކުރާ އަސަރާއި ނަފްސަށް ވެރިވެފައިވާ މަޖުބޫރުކަމުގައި އޭނާގެ ދެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނިކަން އަވަހަށް ދެ ކޯތާފަތް ފުހެލައި ކެއުމާގެން ކުރިއަށް ދާން މަސައްކަތް ކުރިއެވެ. އެ މަންޒަރު ބަލަން ހިތަށް ކުޅަދާނަ ނުވެގެން އީޝަލްއަށް މީކާޢިލް ގޮވާލިއެވެ. އެހިނދު ނިކަން އަވަހަށް އެންމެންގެ ގާތުން މަޢާފަށް އެދިފައި ކައި ނިމިއްޖެކަމަށް ބުނެލިއެވެ. އަދި ހަލުވިކޮށް ފެންޑާ ހުރަސްކޮށް ގެއިން ބޭރަށް ނުކުތެވެ. އޭނާގެ ފަހަތުން ލުގަލްބަންދާ ނުކުތެވެ.

ބޮޑު ތުނޑީގެ ކޮޅުގައި މޫދާ ދިމާއަށް ބަލަހައްޓައިގެން އީޝަލް ހުއްޓެވެ. ލުގަލްބަންދާގެ ހިލަންވުމުން ދެ ލޮލާއި ކޯތާފަތް އީޝަލް ފުހެލައި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އެއްގަމާ ދިމާއަށް އައިސް އެ ތަނުގައި ހުރި ބޮޑު ދިއްގާގަހެއްގެ ދޮށުގައި އިށީނެވެ. އޭނާގެ ގާތުގައި ލުގަލްބަންދާ ބަނޑުޖަހައި ހަމަޖެހިލިއެވެ.

"އަހަރެން ވަރަށް ބަލިކަށިވެއްޖެ ދޯ... ރޯން ބޭނުންނުވިޔަސް ރޮވެނީ... ލުގަލް!... އަހަރެން ދެން ކިހިނެއް ހަދާނީ، މި ހިތްދަތިކަމަށް ކެތްކުރާނޭ ގޮތެއް އަހަރެންނަކަށް ނޭނގޭ" ލުގަލްބަންދާގެ ކަނދުރާމަތިން އެލިފައި އޮތް ބޯކެހެރިގަނޑުގެ ތެރޭ އީޝަލް މޫނު ފޮރުވާލިއެވެ. އޭނާއަށް ލުގަލްބަންދާއާ ވާހަކަދެއްކުނީ އެހެން މީހުންނަށް އަޑު ނީވޭނޭހެން ސިއްރުންކަމެއް ވެސް އީޝަލްއަކަށް ނޭނގެއެވެ.

ގޭތެރެއިން ނުކުމެގެން އައި މީކާޢިލްއަށް ލުގަލްބަންދާ ފެނުމުން ހުއްޓެވުނެވެ. އެ ސޮރުގެ ހިމާޔަތުގައި އޮވެ ރޮމުންދިޔަ އީޝަލް ފެނުމުން އޭނާގެ ދެ ލޯ ވެސް ފެންކަޅި ވެއްޖެއެވެ. އީޝަލްގެ ގިސްގެ އަޑު ހިމޭންވަންދެން މީކާޢިލް ހުއްޓެވެ. އޭނާ މަޑުމަޑުން ކުރިއަށް އައީ ދެނެވެ. އޭރު ލުގަލްބަންދާގެ ގައިގާ ލައްވެލައިގެން އޮވެ ރޮއިރޮއި އީޝަލްއަށް އޮތީ ނިދިފައެވެ. މަޑުމަޑުން އީޝަލް ނަގައި އަތްދަނޑި މައްޗަށް އުފުލައިލައި މީކާޢިލް އެނބުރި ވަގުތު ލުގަލްބަންދާ ފުންމައިގެން ތެދުވިއެވެ. އޭނާގެ ހަރާކާތްތައް ފެނި މީކާޢިލް ވެސް ސިހުނެވެ.

"ބަޔަކު އެބާދޭ" ލުގަލްބަންދާ ސީދާ މީކާޢިލްއާ ވާހަކަދެއްކިއެވެ.

(ނުނިމޭ)