އާޖެންޓީނާ

އާޖެންޓީނާ ދިރުމާއި މަރުގެ ތުންފަތް މަތީގައި

އަނެއްކާވެސް އާޖެންޓީނާއަށް މިއޮތީ އެ ހާލަތު ކުރިމަތި ވެފަ އެވެ. މުބާރާތުގައި ކުރިއަށް ދިއުން ނުވަތަ މުބާރާތުން ވަކިވުމެވެ. މަރު ނުވަތަ ދިރުމެވެ. މާދަމާ އަކީ، ކެޕްޓަން ލިއޮނަލް މެސީގެ އުމުރުން 32 އަހަރު ފުރޭ، އުފަން ދުވަހެވެ. މިރޭގެ މެޗުން އާޖެންޓީނާއަށް މޮޅު ނުވެވިއްޖެނަމަ މެސީގެ އުފަން ދުވަސް އޭނާ ކުރިމަތިލާނީ ލަދުވެތި ކަމާއި ބޮޑު ހިތްދަތި ކަމާއެކު އެވެ.

ފުރަތަމަ މެޗުގައި، ކޮލަމްބިއާ އަތުން ބަލިވީއިރު، ދެ ވަނަ މެޗުގައި ޕެރަގުއޭ އަތް ދަށު ނުވެ އާޖެންޓީނާ ސަލާމަތް ކޮށްދިނީ ކީޕަރު ފްރެންކޯ އާމަނީ އެވެ. އާޖެންޓީނާ އޮތީ އެންމެ ޕޮއިންޓަކާއެކު ގުރޫޕް ބީ ގެ ފުލުގަ އެވެ. ގުރޫޕްގެ ފަހު މެޗުގައި މިރޭ ގަތަރާ ދެކޮޅަށް ކުޅޭ މެޗުން މެސީ އާއި އޭނާގެ އެކުވެރިންނަށް މޮޅު ނުވެވިއްޖެ ނަމަ އާޖެންޓީނާއަށް ޖެހޭނީ މުބާރާތުން ވަކިވާށެވެ.

އެހެން ވެއްޖެނަމަ އާޖެންޓީނާ އަށް ތައްޓެއް ނުހޯދި ފާއިތުވެގެންދާ 26 އަހަރަށް އިތުރު ބޮޅެއް އެކުވެގެން ދާނެ އެވެ. އެކްއެޑޯގައި 1993 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާ މުބާރާތް، ގެބްރިއަލް ބަޓިސްޓޫޓާ، ފެނާންޑޯ ރެޑެންޑޯ އަދި އެތުލެޓިކޯ މެޑްރިޑްގެ މިހާރުގެ ކޯޗް ޑިއޭގޯ ސިމިއޯނޭގެ ޖާދޫއާއެކު ހޯދި ފަހުން އާޖެންޓީނާއަށް ސީނިއާ ލެވަލްގައި އެއްވެސް ތައްޓެއް ހޯދިފައެއް ނުވެ އެވެ. ކެޕްޓަން، މެސީ އާއެކު އާޖެންޓީނާގެ ރަން ޖީލުގެ ގޮތުގައި މަޝްހޫރު ވެފައިވާ ޖީލަށް ކުރިމަތި ވެފައި ވަނީ ބަދު ނަސީބެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި މިދިޔަ ދެ ފަހަރު ކުޅުނު އިރުވެސް އާޖެންޓީނާއަށް ކުރިމަތިވީ ނާކާމިޔާބެވެ. އޭގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ފައިނަލުގައިވެސް އާޖެންޓީނާ ބަލިވީ އެކްސްޓްރާ ޓައިމްގައި ޖަރުމަން އަތުންނެނެވެ.

މެސީ އާއެކު އާޖެންޓީނާ ވަނީ އުނދަގޫ ވަގުތުގައި ސަލާމަތްތެރިކަން ހޯދާފަ އެވެ. މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑްކަޕަށް އާޖެންޓީނާ ކޮލިފައި ނުވެ ދާނެ ކަމުގެ ބިރު ކުރިމަތި ވެފައި އޮއްވައި އާޖެންޓީނާ ސަލާމަތް ކޮށްދިނީ ކޮލިފައިންގެ އެންމެ ފަހު މެޗުގައި އެކްއެޑޯ ކޮޅަށް މެސީ ހެދި ހެޓްރިކާ އެކު އެވެ.

މިރޭ، ގަތަރާ ދެކޮޅަށް ކުޅޭ މެޗަކީ، އާޖެންޓީނާގެ ކޯޗް ލިއޮނަލް ސްކޮލާނީއަށް ވެސް ބޮޑު ޓެސްޓެކެވެ. އާޖެންޓީނާގެ ކޯޗް ކަމާ މިދިޔަ އަހަރުގެ ވޯލްޑް ކަޕަަށް ފަހު އޭނާ ހަވާލުވީ ތަޖުރިބާކާރު އެތައް ކޯޗުންނަކާ ވެސް ގައުމީ ޓީމު ހަވާލުކޮށްގެން ކާމިޔާބު ނުހޯދުމުންނެވެ.

އޭނާގެ ކުރިން އާޖެންޓީނާގެ ކޯޗްގެ މަގާމުގައި ހުރީ ކޮޕާ އެމެރިކާ މުބާރާތުގައި ޗިލީއަށް ކާމިޔާބު ހޯދައިދިން، ހޯޖޭ ސަމްޕައޮލީ އެވެ. އާޖެންޓީނާގެ ކޯޗް ކަމަށް އޭނާ ގަނައުމަށް ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން އޭރު އެދުނެވެ. އެއީ އޭނާ އަކީ "ސިސްޓަމް" ކޯޗަކަށް ވާތީ އެވެ. އެހެންނަމަވެސް އޭނާ އާ ޓީމު ހަވާލުކޮށްގެންވެސް އާޖެންޓީނާއަށް ކާމިޔާބު ނުހޯދުނެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް ކޯޗް ކޮށްދިނުމުގެ ކުރިން، އެއްވެސް ޓީމެއްގެ ހެޑް ކޯޗުގެ މަގާމު ސްކޮލާނީ އަދާ ކޮށްފައެއް ނުވެ އެވެ. އޭގެ ކުރިން އޭނާ ހުރީ ސެވިއްޔާ އާއި އާޖެންޓީނާގެ އެސިސްޓެންޓެއްގެ ގޮތުގައެެވެ. ތަޖުރިބާކާރު އެތައް ކޯޗުންނަކާ ހަވާލުކޮށްގެންވެސް އާޖެންޓީނާ އަށް ހޯދައި ނުދެވުނު ކާމިޔާބު އޭނާއަށް ހޯދައި ދެވިއްޖެނަމަ އެއީ ފާހަގަ ކުރެވޭ ކަމަކަށް ވާނެ އެވެ.