ދުނިޔެ

އެމެރިކާއިން އިރާނަށް ސައިބާ ހަމަލައެއް

އިރާނުން އެމެރިކާގެ ޑްރޯނެއް ވައްޓާލުމާއި ގުޅިގެން ރައްދުގައި ދޭން އުޅުނު ހަމަލާ އެންމެ ފަހު ވަގުތު ހުއްޓާލުމަށް ފަހު އެމެރިކާއިން އިރާނުގެ ހަތިޔާރު ސިސްޓަމްގެ ކޮމްޕިއުޓަރުތަކަށް ސައިބާ ހަމަލައެއް ދީފައި ވާނެ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓުތަކުން ބުނެފި އެވެ.

ވޮޝިންގްޓަން ޕޯސްޓް ނޫހުގައިވާާ ރިޕޯޓެއްގައިވާ ގޮތުން އިރާނުގެ ކޮމްޕިއުޓަރުތަކަށް ދިން އެ ހަމަލާާގެ ސަބަބުން އިރާނުގެ ހަތިޔާާރު ސިސްޓަމްގެ ރޮކެޓާއި މިސައިލް ފޮނުވާ ލޯންޗަރުތައް މަސައްކަތް ކުރުން ހުއްޓޭނެ އެވެ. އަދި ނިއުޔޯކް ޓައިމްސް ނޫހުގެ އެ ރިޕޯޓްގައިވާ ގޮތުން އެއީ އިރާނުން އެމެރިކާގެ ޑްރޯން ވައްޓާލުމާއި އެމެރިކާއިން ތުހުމަތުކުރާ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމުގެ ރައްދެކެވެ.

ވޮޝިންގްޓަން ޕޯސްޓާއި އޭޕީ ނިއުސް އެޖެންސީއިން ސައިބާ އެ ހަމަލާތަކުގެ ސަބަބުން އިރާންގެ ހަތިޔާރު ސިސްޓަމް މަސައްކަތް ކުރުން ހުއްޓިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވީނަމަ ވެސް ޓައިމްސް ނޫސް ބުނާ ގޮތުން އެ ހަމަލާގެ ބޭނުމަކީ އިރާނުގެ ހަތިޔާރު ސިސްޓަމް ވަގުތު ކޮޅަކަށް މަސައްކަތް ކުރުން ހުއްޓުވާލުމެވެ.

އޭގެ އިތުރުން އެމެރިކާއިން އިރާނަށް ދަތިކުރުމުގެ އިތުރު "ވަރަށް ބޮޑެތި" ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ވެސް އެ ރިޕޯޓުތަކުގައި ބުނެއެވެ.

ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާފައިވަނީ އިރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން ހުރަސް އެޅުމަށް ކަމަށް ބުނެފައިވާއިރު އިރާނުން ރާގު ބަދަލު ކުރަންދެން އެ ފިއްތުންތައް ކުރިމަތި ކުރުބާނެ ކަމަށް ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައި ވެއެވެ.

އެމެރިކާއިން ވަކިވެފައިވާ އިރާނުގެ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގައިވާ މިންގަނޑުތަކާއި ހިލާފުވާނެ ކަމަށް މީގެ ހަފުތާއެއް ކުރިން އިރާނުން ވަނީ ބުނެފަ އެވެ. އިރާނުން އެހެން ބުނުމާއި ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އިރާނާއި ހަނގުރާމަ ކުރަން ބޭނުން ނުވިނަމަ ވެސް ހަނގުރާާމައަކާ ހަމައަށް ގޮސްފިނަމަ އިރާނު "ވުޖޫދުން ނައްތާލާނެކަމަށް" ށެވެ.

އެމެރިކާއިން އިރާނުގެ ހަތިޔާރު ސިސްޓަމްގެ ކޮމްޕިއުޓަރުތަކަށް ސައިބާ ހަމަލާއެއް ދިނުމަށް ރާވާފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ. ސައިބާ ހަމަލާ ދީފައިވަނީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ ޑްރޯން ވައްޓާލުމަށް ބޭނުން ކޮށްފައިވާ ހަތިޔާރު ސިސްޓަމް އަށެވެ.

އިރާނުގެ އައިއާރްޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފަ އެވެ. އަދި އައިއާރްޖީސީއާއި އެއްވެސް މުއާމަލާތެއް ކުރާ ބަޔަކާމެދު ވެސް ފިޔަވަޅު އަޅާނެކަމަށް އެމެރިކާއިން ވަނީ އިންޒާރުކޮށްފަ އެވެ.