ދުނިޔެ

އަނެއްކާވެސް ލަންކާ މަސްރަހު ގޯސްވުމުގެ ބިރުހީވެފައި

ސްރީލަންކާގެ މުސްލިމުންނަށް އަނިޔާވެރިވާން އެ ގައުމުގެ ބުޑިސްޓް އިސް ހާމުދުރުންތަކެއް ގޮވާލި މައްސަލަ ހޫނުވެފައިވާއިރު ލަންކާގައި ދިރިއުޅޭ މުސްލިމުންގެ ހިތްތަކަށް ބިރުވެރިކަން އިތުރުވެފައި ވާކަމަށް ލަންކާގެ މުސްލިމުން ބުނެފި އެވެ.

ބުޑިސްޓް އިސް ހާމުދުރުންގެ ތެރޭގައި ހިމެނޭ އެކަކު އިސްވެ މުސްލިމުންގެ ގައިގައި ގަލުންތަޅައި އަނިޔާވެރިވާން ގޮވާާލާފައިވަނީ ލަންކާގެ މުސްލިމު ޑަކްޓަރަކު ބުޑިސްޓް އަންހެނުންތަކަށް ދަރިން ނުލިބޭ ގޮތް ހަދާފައިވާ ކަމަށް ތުހުމަތުތައް ކުރުމަށްފަހު އެވެ.

ލަންކާގެ "ބުޑިސްޓް ބައިގަނޑެއް" އެކުވެ މުސްލިމުންގެ އެތައް ބައިވަރު ގެއަކާއި ވިޔަފާރިތަކަށް ހަމަލާތަކެއް ދިންފަހުން ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެކަންކަން ހަމައަކަށް އެޅެމުން ދަނިކޮށް ހާމުދުރު ވަރަކަގޯޑާ ސިރީ ގަނަރަތަނާ ތެރޯ މުސްލިމުންނަށް އަނިޔާ ކުރަން ގޮވާލުމުން އަނެއްކާވެސް ލަންކާގެ މަސްރަހު ވަނީ ހަލަބޮލިވެފަ އެވެ.

ސްރީލަންކާގެ މަސްރަހު ދިރާސާ ކުރާ އެނަލިސްޓުް ބުނާ ގޮތުގައި މި ހާމުދުރުގެ ގޮވާލުންތަކުގެ ސަބަބުން ހަމަނުޖެހުންތައް އިތުރުވެ ދާނެ އެވެ. އަދި އެހެން މެދުވެރިވެދާނެ ކަމަށް ލަންކާގެ މުސްލިމު ސިޔާސީ ބޭފުޅުންނާއި އެކްޓިވިސްޓުން ވެސް ގަބޫލު ކުރެ އެވެ.

ލަންކާގެ ބުޑިސްޓް، އަސްގިރިޔާގެ އިސް މީހެއްގެ ގޮތުގައި ހުންނަ ގަނަރަތަނާ ބުނަމުން ދަނީ މުސްލިމުންގެ ރެސްޓޯރަންޓުތަކުން ކެއުން ހުއްޓާލައި މުސްލިމުންގެ ފިހާރަތަކުން ވިޔަފާރި ވެސް ނުކުރުމަށެވެ. އަދި ރެސްޓޯރަންޓުތަކުން ބުޑިސްޓް މީހުންނަށް ކާންދެނީ ދަރިމައިވުމަށް ހުރަސް އަޅާ ބޭސް އަޅާފައި ހުންނަ ކާތަކެތިކަމަށް ވެސް އޭނަ ބުނެއެވެ. ލަންކާގެ މައި ވިޔަފާރި އާއި ކާބޯތަކަތީގެ ސަޕްލައިގައި ލީޑް ކުރަނީ މުސްލިމް މުއްސަނދީންނެވެ.

"އެ ތަންތަނުން ކާކަށް ނުވާނެ. އެތަންތަނުން ކައިގެން އުޅޭ މީހުންނަށް ދަރިންނެއް ނުލިބޭނެ،" އޭނާ މި ގޮތަށް ވާހަކަ ދައްކާފައި ކެންޑީގެ ބުދުފައްޅިއެއްގަ އެވެ.

އަލްޖަޒީރާއިން ބުނެފައި ވަނީ ހާމުދުރުންގެ އެފަދަ ހަގީގަތެއް ނެތް ވާާހަކަތަކުގެ ސަބަބުން މިދިޔަ އަހަރު ވެސް އެ ސަރަހައްދުގައި މުސްލިމުންނާއި ދެކޮޅަށް އެތައް ބައިވަރު ޖަރީމާއެއް ވަނީ ހިންގާފައިވާއިރު އެކަން ކަމާ އަޅައިނުލެވި އޮތް ކަމަށެވެ.

ގަނަރަތަނާގެ އެ ވާހަކައިގެ ސަބަބުން ބޮޑު ސިހުމެއް ލިބިފައިވާ ކަމަށް ވެރިރަށް ރަށް ކޮލަމްބޯގެ މުސްލިމް ނޫސްވެރިއަކާ ހަވާލާދީ އަލްޖަޒީރާގައި ވެއެވެ. އަދި ކެންޑީގެ ވިޔަފާރިވެރިއަކު ބުނި ގޮތުގައި ހާމުދުރުންގެ ވާހަކަތަކުގެ ސަބަބުން އޭނާގެ އެކުވެރިންނާއި އާއިލާ މީހުން މަސައްކަތު ދާން ނުކުންނަނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެ އެވެ.

ބުޑިސްޓުން މަތީ މަގާމެއް ދީފައިވާ އެ ހާމުދުރު އެފަދައިން ވާހަކަ ދެއްކުމުގެ ސަބަބުން މުސްލިމުންނަށް އަމާޒުކޮށް މީގެ ކުރިން ވެސް ހަމަލާތައް އައިސްފައި ވެއެވެ. އަދި ގާނޫނު ކިޔަވަމުން އަންނަ އުމުރުން 29 އަހަރުގެ ޝަންމާސް ޣައުސް ބުނި ގޮތުގައި މިފަހަރު ވެސް އެ ހާލަތު ތަކުރާރު ވެދާނެ އެވެ.

ހާމުދުރުންގެ ވާހަކަތަކާ ހެދި ކަންބޮޑުވުން ފާޅުކޮށް އެކަމަށް ފިޔަވަޅު އަޅަން ލަންކާގެ އެކްޓިވިސްޓުންނާއި ސިޔާސީ ބޭފުޅުން ވަނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަށް ގޮވާލާފަ އެވެ. އަދި މިހާތަނަށް ފިޔަވަޅެއް އަޅުއްވާފައި ނުވާތީ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާއަށް ވަނީ ފާޑު ކިއުންތައް އަމާޒުވެފަ އެވެ.