ހަބަރު

ހޭނެތިފައި އޮއްވާ ފެނުނު މީހާ މަރުވެއްޖެ

މާލޭގެ ޕޭ ޓޮއިލެޓެއްގެ ތެރޭގައި ހޭނެތިފައި އޮތް މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ލިބުނު މައުލޫމާތަކާ ގުޅިގެން ކުރަނގި ގޯޅީގައި ހުންނަ ޕޭ ޓޮއިލެޓަށް ގޮސް ބެލި އިރު އެ ތާނގެ ފާހާނާ ގޮޅިއެއްގެ ތެރެއަށް މީހަކު ވެއްޓިފައިވާ އޮތް ކަމަށާއި އެމީހާ ނަގައި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އިތުރަށް ހަމައެކަނި ބުނީ އެއީ 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި ޕޭ ޓޮއިލެޓެއްގެ ތެރެއަށް ވެއްޓިފައި އޮތް އެ މީހާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ ހޭނެތިފަ އެވެ. އަދި އެމީހާ މިހާރު މަރުވެފައިވާ ކަމަށެވެ. އޭނާއާބެހޭ އެހެން އެއްވެސް މައުލޫމާތެއް ނުދެ އެވެ.

މާލޭގެ އާންމު ފާހާނާތަކާއި ޕޭޓޮއިލެޓްތަކަކީ އާންމު ގޮތެއްގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން ވަދެ އުޅޭ ތަންތަނަށް ވެފައި ވެއެވެ. މީގެ ކުރިން މާލޭގެ އާންމު ބައެއް ފާހާނާތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް އޯވަޑޯޒްވެފައިވާ މައްސަލަތައް އައިސްފައި ވެއެވެ.