ސުދާންގައި އާންމުންގެ ބާރު އޮތް ސަރުކާރެއް އެކުލަވައިލުމަށް އިތިއޯޕިއާއިން ހުށަހަޅާފައިވާ ގޮތަށް އެ ގައުމުގެ މުޒާހަރާ ލީޑަރުންގެ ތާއީދު ލިބި އެގޮތަށް އެއްބަސް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިތިއޯޕިއާއިން ހުށަހަޅާފައި ވަނީ 15 ބޭފުޅުންގެ ވެރިކަން ހިންގާ ކައުންސިލެއް އެކުލަވާލާއިރު އޭގެތެރެއިން އަށް ބޭފުޅުން އާންމުންގެ ތެރެއިން ހޮވުމަށް ފަހު ބާކީ ހަތް ގޮނޑިއަށް ސުދާންގައި މިހާރު ބާރުގައި ތިއްބެވި މިލިޓަރީ ކައުންސިލްގެ ބޭފުޅުންގެ ތެރެއިން ބަޔަކު އައްޔަން ކުރެއްވުމަށް ށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އިތިއޯޕިއާގެ ހުށަހެޅުން ގަބޫލު ކުރުމުން އަޅުގަނޑުމެންގެ ލަނޑުދަނޑި ކަމަށްވާ މިނިވަންކަމާއި ސުލްހަވެރި ކަމާއި އިންސާފުވެރިކަން ހާސިލް ކުރަން މަގު ފަހިވެގެން ދާނެ. އަދި އޭގެ ސަބަބުން ގައުމަށް ރަނގަޅު ޑިމޮކްރެސީއެއް ގާއިމްކުރަން ފަސޭހަވާނެ" މުޒާހަރާގެ އިސް ލީޑަރެއް ކަމަށްވާ ބާބިކަރް ފައިސަލް އޭއެފްޕީގެ ރިޕޯޓަރުންނަށް ކުރު ގޮތަކަށް ކިޔައި ދިނެވެ.
ޖޫން ތިންވަނަ ދުވަހު ޚަރްތޫމްގައި އެތައް ދުވަހެއް ވަންދެން ކުރަމުންދިޔަ މުޒާހަރާގެ ތެރެއަށް ސުދާންގެ ސިފައިން ބަޑި ޖެހުމުން ބަޔަކު މަރުވެ އިތުރު އެތައް ސަތޭކަ ބަޔަކު ޒަހަމްވި ހާދިސާއާ ގުޅިގެން އިތިއޯޕިއާއިން ސުދާންގެ ސިޔާސީ މަޝްރަހު ހައްލު ކުރަން ފަށާފައިވާ މަސައްކަތަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްފަ އެވެ.
އެ ހަމަލާގެ ސަބަބުން 118 މިހުންނަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސުދާންގެ މުޒާހަރާއާ ގުޅިފައިވާ ޑޮކްޓަރުން ވިދާޅުވާއިރު މިލިޓަރީ ކައުންސިލުން ބުނާ ގޮތުގައި މަރުވީ 61 މީހުނެވެ. އެ ހަމަލާ ދީފައިވަނީ މިލިޓަރީއާ ގުޅުންހުރި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސް (އާރްއެސްއެފް) އިން ކަމަށް މަންޒަރު ބަލަން ތިބި މީހުން ބުނެ އެވެ.
ސުދާންގެ މިލިޓަރީ ކައުންސިލުން މިހާތަނަށް އައި އިރު އިތިއޯޕިއާގެ ހުށަހެޅުމާމެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ސުދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރްގެ 30 އަހަރުގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި މަދަނީ ސަރުކާރެއް ގާއިމް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާތާ މިހާރު ހަފުތާތަކެއް ވަނީ ފާއިތުވެފަ އެވެ.
އިތިއޯޕިއާގެ ހުށަހެޅުމުގެ ދަށުން އާންމުންގެ ތެރެއިން އައްޔަން ކުރައްވާ އަށް ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅަކު ހޮވާނީ އެލަޔަންސް ފޯ ފްރީޑަމް އެންޑް ޗޭންޖް (އޭއެފްސީ) ގެ ކޯލިޝަންގެ ތެރެއިން ކަމަށް މުޒާހަރާގެ އިސް އެހެން ބޭފުޅެއް ކަމަށްވާ އަމްޖަދު ފަރީދު އޭއެފްޕީ ނިއުސްއަށް މައުލޫމާތު ދީފައި ވެއެވެ.