ކުޅިވަރު

އައިއޯއައިޖީގެ ކުރިން މަޑަގަސްކަރައަށް ވަރުގަދަ ފެށުމެއް

އަންނަ މަހު 15 ވަނަ ދުވަހު، މޮރިޝަސްގައި ފަށާ، އިންޑިއަން އޮޝަން އައިލެންޑް ގޭމްސްގައި ވާދަ ކުރާ މަޑަގަސްކަރައިގެ ފުޓްބޯޅަ ޓީމުން އެފްރިކަން ކަޕް އޮފް ނޭޝަންގައި ގިނީ އާ އެއްވަރުކޮށް ވަރުގަދަ ފެށުމަކުން ފަށައިފި އެވެ.

ދިވެހިރާއްޖެ ފިޔަވައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަ ކުރާ އަނެއް ހަ ގައުމަކީ، އެފްރިކާ ބައްރުގެ ގައުމުތަކެވެ. އެ ހަ ގައުމުގެ ތެރެއިން އެފްރިކަން ކަޕް އޮފް ނޭޝަންއަށް ކޮލިފައިވީ މަޑަގަސްކަރަ އެކަންޏެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މަޑަގަސްކަރަ ހިމެނެނީ، ޝީޝެލްސް އާއި މޮރިޝަސް އާއެކު ގުރޫޕް އޭ ގަ އެވެ. ރާއްޖެއާއެކު ގުރޫޕް ބީގައި ހިމެނެނީ، މަޔޯޓޭ އާއި ރީޔޫނިއަންގެ އިތުރުން ކޮމޮރޯސް އެވެ.

މަޑަގަސް ކަރަ ކުޅުނު ފުރަތަމަ މެޗުގައި ގިނީން ލީޑް ނަގާފައި ވަނިކޮށް، މަޑަގަސްކަރަ ދެ ލަނޑު ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފަހުން ގިނީން ލަނޑު ޖަހައި މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. ފުރަތަމަ ލީޑް ނެގީ ގިނީންނެވެ. އެ ޓީމުގެ ސޮރީ ކަބާ، 34 ވަނަ މިނެޓްގައި ލީޑް ނަގާފައި ވަނިކޮށް، ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި މަޑަގަސްކަރައިގެ އަނީސެޓް އަބެލް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

މަޑަގަސްކަރައިގެ ދެ ވަނަ ލަނޑު 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޗާލޭސް އަަންޑަރިމާސްޓިނިއޯރާ އެވެ. ގިނީން ފަހުން ނަތިޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ފްރެންކޮއިސް ކަމާނޯ އެވެ.