ހަބަރު

ޕްލާސްޓިކް މަދުކުރަން ދަރިވަރުންގެ ހުށަހެޅުމެއް މަޖިލީހަށް

މާލޭގެ ސްކޫލްތަކުގެ ދަރިވަރުން އިސްނަގައިގެން، އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ ހުށަހެޅުމެއް ރައްޔިތުންގެ މަޖިލީހަށް އިލްތިމާސެއްގެ ގޮތުގައި ހުށަހަޅައިފި އެވެ.

ޣިޔާއްސުއްދީން ސްކޫލް އިން އިސް ނަގައިގެން މާލޭގެ 16 ސްކޫލެއްގެ ފަރާާތުން ދަރިވަރުންގެ މަންދޫބުންތަކެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މަޖިލިސް މެންބަރުންނާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ދަރިވަރުންގެ ފަރާތުން ވަނީ އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދުކުރަން އިލްތިމާސެއްގެ ގޮތުގައި ބައެއް ކަންކަން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފަ އެވެ. މައިގަނޑު ގޮތެއްްގައި ދަރިވަރުންގެ ހުށަހެޅުމުގައި އެދިފައި ވަނީ ޕްލާސްޓިކަށް ޓެކްސްއެއް ތައާރަފުކޮށް އެ ބޭނުން ކުރެވޭ ވަރަށް ވުރެ އަގުބޮޑުކޮށްދިނުމަށެވެ. ޕްލާސްޓިކް މަދުކުރުމުގެ ގޮތުން މަޖިލީހަށް ދެން ވެސް ކުރެވިދާނެ ކަންކަން ކުރުމަށް ދަރިވަރުންގެ ފަރާތުން ވަނީ އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ދަރިވަރުން ހުށަހެޅި ކަންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ދަރިވަރުންގެ ހުށަހެޅުންތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި ގަރާރެއްގެ ގޮތުގައި އެ ރިޕޯޓު މަޖިލީހަށް ފޮނުވުމަށެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ދަރިވަރުންގެ ހުށަހެޅުންތައް ގަރާރެއްގެ ގޮތުގައި ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ދަރިވަރުންގެ ހުށަހެޅުންތައް މަޖިލީހުގެ ތަޅުމަށް ފޮނުވި، އެޖެންޑާ ކުރުމުން މަޖިލިސް އިދާރާގެ ފަރާތުން އެ ކަމުގެ މައުލޫމާތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް އެ ހުށަހެޅުންތަކަށް މަޖިލިސް މެންބަރުން ބަހުސް ކުރައްވާ މަންޒަރު ކުދިންނަށް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އޮންނަ ތަރުތީބުތަކުގެ ތެރެއިން ދަރިވަރުން ހުށަހަޅާފައިވާ ކަންކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕްލާސްޓިކްގެ ނުރައްކަލާ ގުޅިގެން ކުދިން ހުށަހަޅާފައިވާ ޓެކްސްއެއް އިތުރުކޮށްގެން ވެސް ޕްލާސްޓިކް ބޭނުން ކުރެވޭ މިންވަރު މަދު ކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރަށް މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ވެސް ގޮތަކަށް އެއަށް ޓެކްސްއެއް އިތުރުކޮށްލައިގެން ބޭނުން ކުރާ މީހާއަށް [ޕްލާސްޓިކް] އަގުބޮޑުކުރުން. އަގުބޮޑުކުރަމުން ކުރަމުން އެ ބޭނުން ކުރިއަ ނުދިނުން. އެއީ އެއް ގޮތް. އެކަމަކު އެއިން ވެސް ޕްލާސްޓިކް ބޭނުން ކުރުން މަދުނުދެވާނެ. އަނެއް ގޮތަކީ މީހުންނަށް ކަންކަން އޮޅުން ފިލުވައިދީގެން އޭނާ އަމިއްލައަށް އެކަން ހުއްޓާލުން. އެކަމަކު އެއީ ވެސް ފެންނާނެ ތަނެއް ކަމަކަށް ނުދެކެވޭ. އެހެންވީމަ ދެ ކަންތައް ވެސް ކުރަން ޖެހޭ. އަދި އެ އުފައްދާ މިހާއަށް ވެސް ބުރައެއް ދޭން ޖެހޭ." ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ އުސޫލުތަކަށް ބަދަލެއް ގެންނަން ޖެހޭ ކަން ވެސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގުދުރަތީ ވަސީލަތްތައް ހަލާކު ކުރުމުގެ ބަދަލުގައި އެ ވަސީލަތްތައް ބޭނުންކޮށްގެން މަޝްރޫއުތައް ހިންގުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި އޮފީސްތަކުން ވަނީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުން ކުރަން ފަށައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބޭނުން ކުރެވޭނެ ބިއްލޫރި ފުޅި ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފަ އެވެ.