އީގަލްސް

ދުނިޔޭގެ ރެކޯޑާ ހަމަހަމަވުމުން އަގުވަޒަން ކުރުމެއް ނެތް

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި، ކުލަބު އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހެދި އެވެ. ހެޓްރިކް ފުންޏާއެކު، ރިޒޭ އެއްވަރު ކުރީ، ދުނިޔޭގެ ރެކޯޑަކާ އެވެ.

ކްރޮއޭޝިއާގެ ސްޓޭޓް ލީގްގައި ކުޅުނު ކުޅުންތެރިޔަކު، 2016 ވަނަ އަހަރު ވަނީ ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދާފަ އެވެ. ދުނިޔޭގެ ރެކޯޑްތައް ލިސްޓްކޮށް ބަލަހައްޓާ ގިނީސް ބުކްގައި އެ ހެޓްރިކުތަކުގެ ހިސާބުތައް ލިސްޓް ރެކޯޑް ކުރެވިފައި ވެއެވެ.

އީގަލްސްގެ ރިޒޭ ވެސް ވަނީ އެ އަދަދާ އެއްވަރު ކޮށްފަ އެވެ. އެހެންނަމަވެސް ފުޓްބޯޅަ އިދާރާ އެފްއޭއެމުން އެކަން ރަސްމީ ސިފައެއްގައި ފާހަގަ ކޮށްފައެއް ނުވެ އެވެ. އިންޓަނޭޝަނަލް ރެކޯޑަކާ ރިޒޭ އެއްވަރު ކުރުމުން، މިދިޔަ އަހަރު ޓީސީގެ ކުރީގެ ރައީސް އަހްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެފްއޭއެމުން އެކަން ފާހަގަ ކުރަން ޖެހޭ ކަމަށާއި އަދި ރިޒޭގެ ވާހަކަ ގިނީސް ބުކުގައި ލިސްޓް ކުރުމަށް އެފްއޭއެމުން ހުށަހަޅަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި، އެފްއޭއެމް އެވޯޑް ހަފުލާގައި، ތަފާތު އެކި ދާއިރާތަކުން އެވޯޑް ދެވުނެވެ. ޓީމު އިވެންޓްތަކުން ހޯދި ކާމިޔާބާއި އިންޑަވިޖުއަލް ކުޅުންތެރިން ހޯދި ކާމިޔާބުތަކަށްވެސް އެވޯޑް ދެވި އަގުވަޒަން ކުރެވުނެވެ. އެހެންނަމަވެސް ރިޒޭގެ ކާމިޔާބު ފާހަގަ ކޮށް ތަރުހީބުގެ އަތްތިލަ ބަޑިއެއްވެސް، އެ ހަފުލާގައި ޖަހައި ނުލައެވެ.

ރިޒޭ ހޯދި ކާމިޔާބު، އެފްއޭއެމުން ރަސްމީކޮށް ފާހަގަ ނުކުރުމުން ކުލަބު އީގަލްސްއިން އެކަން ފާހަގަ ކުރަން ވަނީ ތައްޔާރު ވެފަ އެވެ. އެ ކުލަބުގެ އޮފިޝަލަކު ވިދާޅުވީ، ރިޒޭ ހޯދި ކާމިޔާބު ފާހަގަ ކުރަން އީގަލްސްގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

"އެފްއޭއެމުން ކުރިޔަސް އަދި ނުކުރިޔަސް އަޅުގަނޑުމެންގެ ކުލަބުން އެކަން ފާހަގަ ކުރަން ޖެހޭނެ ކަމަށް ކުލަބުގެ ބޯޑުން ދެކެނީ،" އޮފީޝަލް ވިދާޅުވި އެވެ. "ކުޅުންތެރިޔަކު ހޯދި އެވަރުގެ ބޮޑު ކާމިޔާބަކަށް އެފްއޭއެމުން އެކަމުގެ އަގުވަޒަން ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ، ވަރަށް ދެރަ ކަމެއް އެފްއޭއެމުން އެކަން ފާހަގަ ނުކުރުން އެއީ، އީގަލްސްއިން މިދަނީ އެކަން ފާހަގަ ކުރަން ތައްޔާރު ވަމުން."

މިދިޔަ އަހަރު ޕްރިމިއާ ލީގްގައި ރިޒޭ ވަނީ މިދިޔަ އަހަރު ލީގްގައި ވާދަ ކުރި ތ. ތިމަރަފުއްޓާއި ބ. ފެހެންދޫ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫ ކޮޅަށް ހެޓްރިކް ހަދާފަ އެވެ.