ފަނޑިޔާރުން، ވަލު ދޮރާށިން ވަކި ކުރަން ގާނޫނު ހުއްދަ ނުކުރާ ކަމަށް މަޝްހޫރު ގާނޫނު ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ބެލުމަށް މާދަމާ މަޖިލީހުގެ އެޖެންޑާ ކުރި ހަބަރެއް ރީ ޓްވިޓު ކުރައްވާ މައުމޫން ވިދާޅުވީ ވަލު ދޮރާށިން ފަނޑިޔާރުން ވަކި ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. އެ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ނިންމުން ގާނޫނާ ހިލާފު ކަމަށާއި އެ ނިންމުމަށް ޖޭއެސްސީ އަމަލު ކުރުމަކީ ވެސް ގާނޫނާ ހިލާފުވުން ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ހުރިހާ އިދާރާއަކުން ވެސް އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުން ޖޭއެސްސީގެ މެންޑޭޓާއި ބާރުގެ ތެރެއަށް އަރައިގަތުމަކީ ވެސް އެ ކޯޓުން ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ދެ ނުބަޔަކުން އެއް ރަނގަޅެއް ނުނެރެވޭނެ ކަމަށެވެ.
"މަޖިލީހަށް ފުރިހަމަ ގާނޫނީ ބާރު ލިބިގެންވޭ ބޭނުން ފަނޑިޔާރެއް ނުވަތަ ހުރިހާ ފަނޑިޔާރެއް މަގާމުން ވަކި ކުރަން، މަޖިލީހުގެ މެންބަރުން އެ ބާރުގެ ބޭނުން ނުހިފާ އެ މެންބަރުންނަށް ނުލިބޭ ބާރު ބޭނުން ކުރަން އުޅުމުން ގެއްލުން ވާނީ އެ މެންބަރުންނަށް އެކަނި ނޫން، އެ މެންބަރުންނާ މައްސޫލިއްޔަތު ހަވާލު ކުރި ރައްޔިތުންނަށް ވެސް ގެއްލުން ވާނެ،" މައުމޫން ވިދާޅުވި އެވެ.
ފަނޑިޔާރުން ނުބައި ކަމެއްކޮށްފައި ވާނަމަ އެކަން ޖޭއެސްސީއިން ތަހުގީގު ކުރަން ޖެހޭ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އަދި އެ ފަރާތްތަކަށް މަގާމަށް ޝަރުތު ހަމަނުވާނަމަ މަޖިލީހުން އެ މީހުން ވަކި ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަންކަން ކުރަން ޖެހޭނީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.