ޓޫރިޒަމާއި ވޯޓާސްޕޯޓްސްއަށް ހާއްސަވެފައިވާ މާފުށިން މިއަދު މެންދުރުފަހު ތިރީހަށްވުރެ ގިނަ ކައިޓް ސާފަރުން ނައްޓާލި އެވެ. އެމީހުންގެ މަންޒިލަކީ ވެރިރަށް މާލެ އެވެ. އެއް އަތޮޅު ނަމަވެސް ދުރުގައި އޮތް މި ދެ ރަށް ދެމެދު ކުރި ދަތުރަށް ފަހު މާލެއަށް ލެފުނީ ހަވީރު 4:30 ގައެވެ.
ރަސްފަންނުގައި އެތުލީޓުންނަށް މަރުހަބާ ކިޔުމުގެ ހާއްސަ ހަރަކާތެއް ބޮޑުބެރާއެކު ކުރިއަށް ދިޔައިރު އެތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި އެވެ. އަދި އެތުލީޓުންނާ ބައްދަލު ކުރައްވައި، އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމުގައި އުޅޭ ހަތަރު އެތުލީޓުންނަށް ވެސް ރައީސް ސޯލިހު މަރުހަބާ ވެސް ދެންނެވި އެވެ. ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ރާޅުގުޑީގައި ދިޔުމުގެ ނިޔަތުގައި ފެށި މި ހަރަކާތުގެ ތާރީހީ ހަތަރު އެތުލީޓުންނަކީ އާސިމް މުހައްމަދު (ސިންބެ) އާއި އަހުމަދު ހަމްދާން (ހަންބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގައި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ ޔޫރީ ޒޫން އެވެ.
މި ހަރަކާތުގައި އެންމެ އިސް ދައުރު އޮތް މާފުށީ ވޯޓާސްޕޯޓްސްގެ ސިންބެއާއެކު އޭނާގެ ފިރިހެން ދަރިފުޅު ވެސް މިއަދު ވަނީ ކައިޓް ސާފުކޮށްފަ އެވެ. ކަނޑުގައި ދެބައިފައިން ތިބީ އެކުއެކީގަ އެވެ.
ގޮއިދޫ ޓީމަށް ސާބަސް
މިއަދު މާފުށިން ހަތަރު އެޓްލީޓުން ފެށި ދަތުރުގައި ގިނަ އަދަދެއްގެ ކައިޓް ސާފަރުން ބައިވެރިވެފައިވާއިރު މިއަދުގެ އެންމެ ބޮޑު އުސްއައްޔަކީ ބ. ގޮއިދޫއިން އައި ކައިޓް ސާފަރުންނެވެ. އުމުރުން 16 އަހަރުން ދަށުގެ 10 ކައިޓް ސާފަރުން އެ ރަށުން އަ އެވެ.
އޭގެ ތެރޭގައި މިހާރު މުޅި ރާއްޖެއަށް ވެސް ނަން މަޝްހޫރު އަދި ސިލިންގްޝޮޓްގެ ހަމައެކަނި ރާއްޖޭގެ އެމްބެސެޑާ ހަސަން މާހިރު (ހަންޓެ) ވެސް ހިމެނެ އެވެ. ސިލިންގްޝޮޓަކީ މި އިވެންޓްގެ މެއިން ސްޕޮންސާ އެވެ.
މިއަދުގެ ވެސް ހަންޓެގެ ކުޅަދާނަކަން ކަނޑުމަތީގައި އާއި ރަސްފަންނު ކައިރީގައި ވެސް ވަނީ ދައްކާލާފަ އެވެ. ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރާ ހަންޓެއަކީ އާދައިގެ އެތުލީޓެއް ނޫންކަން މިއަދުގެ ދަތުރު ނިންމާލި ބައިވެރިންގެ ތެރޭގައި އޭނާ ހިމެނުމުން ވެސް އެނގެ އެވެ. އެންމެ ގިނަ މީހުންގެ ލޯތައް އަމާޒުވީ އޭނާއަށެވެ.
މިއަދުގެ ދަތުރުގައި އެންމެ ހަގު އެޓްލީޓަކަށް ވެސް ބައިވެރިވީ ގޮއިދޫގެ ކުއްޖެކެވެ. އެއީ 11 އަހަރުގެ ޝުއާއު އެވެ. ތޭރަ އަހަރުގެ ރާއިފް ވެސް އޭނާގެ ހުނަރު ދައްކާލި އެވެ. މާފުށިން މި ދެ އެޓްލީޓުން ވެސް ކައިޓް ސާފުކުރި އެވެ. މާލެއަށް އާދެވޭވަރު ނުވިނަމަވެސް އެ ދެ އެޓްލީޓުންގެ އުމުރާ ބަލާފައި ދިގު ރާސްތާއެއް ކަނޑުގައި ކަޑަތުކުރި އެވެ.
ރައީސް ސޯލިހު ވަނީ ހާއްސަކޮށް ޝުއާއު އާއި ރާއިފްއާ ބައްދަލު ކުރައްވާ ހިތްވަރު ދެއްވާފަ އެވެ. އަދި އެކަމުގައި ކުރިއަށް ދިޔުމަށް ވެސް ޝުއާއު އާއި ރާއިފްގެ ކިބައިން ރައީސް އެދިވަޑައިގަތެވެ. ގޮއިދޫއަކީ ތަފާތު އެކި ހުނަރުގެ ގިނަ ކުދިންތަކެއް އުޅޭ ރަށެކެވެ. އެގޮތުން ރާޅާ އެޅުމާއި ސްކޭޓް ކުރުމުގައި ވަރަށް ހުނަރުވެރި ކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި އަންހެން ކުދިން ވެސް ހިމެނެ އެވެ.
ދަތުރު ދެ ބައިވީ
މިދިޔަ އަންގާރަ ދުވަހު ރާޅުގުޑި އައްޑޫ ސިޓީން ދަތުރު ފެށި ނަމަވެސް ވައި ލިބިގެން ރާޅުގުޑި އުދުއްސައިލެވޭވަރުވީ މ. އަތޮޅުންނެވެ. އައްޑޫ ސިޓީއިން ފެށިގެން މ. އަތޮޅާ ހަމައަށް ގުޑި އެރުވޭވަރަށް ވައެއް ނުލިބުނެވެ.
މ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތުވަރު ކައިރިން ކައިޓްގައި މި ދަތުރުގައި ބައިވެރިވާ ހަތަރު އެޓްލީޓުން ދިޔައީ މ. މަޑުއްވަރީއަށެވެ. އެއަށްފަހު އިއްޔެ ވަނީ ވ. އަތޮޅުގެ ފިނޮޅެއް ކަމަށްވާ މަޑިއްޕުޅު ފިނޮޅުން އެ އަތޮޅު ފުލިދޫއަށް ދަތުރުކޮށްފަ އެވެ. ފުލިދޫއިން ކައިޓްގައި މާފުއްޓަށް އައީ އިއްޔެ ހަވީރު އެވެ.
ދަތުރުގެ ބައިވެރިން މިހާރު މާލޭގައި ތިބިއިރު ދެން ދަތުރު ކުރާނީ އުތުރުގެ އަތޮޅުތަކަށެވެ. މި ދަތުރު ނިންމަން ހަމަޖެހިފައިވަނީ އެންމެ އުތުރުން ތުރާކުނަށެވެ.