ހަބަރު

ޝައިމްގެ މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު ޝައިމް އަބްދުﷲގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޓީން މާދަމާ ބައްވާ ބައްދަލުވުމަށް އެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ. އެ ބައްދަލުވުން އޮތީ މާދަމާ މެންދުރު 12:00 ގަ އެވެ.

މިދިޔަ އަންގާރަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންްދާ ޝައިމް އަކީ ގެއްލިފައިވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެސެސްމެންޓެއް ހަދަން ގެންގޮސް އުޅުނިކޮށް އެ ތަނުންނެވެ. ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ޝައިމް އަކީ ކުށުގެ ވެށިން ގެނެސްފައިވާ ކުއްޖެއް ކަމަށާއި އޭނާއަކީ ހިޔާގައި ދަފުތަރުކޮށްފައިވާ ކުއްޖެއް ނޫނެވެ.

ޝައިމް ގެއްލިގެން ހޯދަން އިއުލާން ކުރިއިރު، އޭނާއަކީ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ހާމައެއް ނުކުރެ އެވެ. އެކަން ހާމަވީ ސޯޝަލް މީޑިއާގައި ދައުރުވި ޖުވެނައިލް ކޯޓުގެ އަމުރެއްގައި ގެއްލިގެން ހޯދަމުން ދަނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެއް ކަމަށް އޮތުމުންނެވެ. ޝައިމަކީ މިދިޔަ އަންގާރަ ދުވަހު ހިޔާއިން ފިލައިގެން ގޮސްފައިވާ ކުއްޖެއް ކަމަށް ވެސް އެ އަމުރުގައި އޮވެ އެވެ.

ޝައިމްއާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން ރަސްމީ ބަހެއް ބުނީ، ޖުވެނައިލް ކޯޓުގެ އަމުރާ ގުޅޭ ގޮތުން ނޫސްވެރިން އެ މިނިސްޓްރީގެ ގްރޫޕްގައި ސުވާލުތައް އަމާޒުކުރުމުންނެވެ.

އޭގެފަހުން ފުލުހުން ވެސް ވަނީ އެ މައްސަލާގައި ވާހަކަ ދައްކާފަ އެވެ. ފުލުހުން އޭނާ ހޯދުމަށް ތިން ގެއެއް ބަލާ ފާސްކޮށް ސީސީޓީވީ ފްޓޭޖްތައް ވެސް ބަލަމުންދާ ކަމަށް ބުންޏެވެ.