ބާގާ އާއި ޗިޕްސް އަކީ އެއްކޮށް ކާލަން ސަޅި އެކައްޗެވެ. ކެއުމަށް ބަލައިގެން އުޅޭނަމަ ބަގާ އާއި ޗިޕްސް ގެ ބަދަލުގައި އެންމެ ރަނގަޅަށް ގުޅޭ އެކައްޗަކަށް ވަނީ އާފަލާއި ޕީނަޓް ބަޓަރެވެ. ދިވެހިންގެ ތެރޭގައިވެސް މިގޮތަށް ޖައްސާލައިގެން ކާ ބާވަތްތަކެއް ހުރެއެވެ. ފިލްމެއް ބަލަން މެޗެއް ބަލަން ނުވަތަ މަސްދަތުރު ދިޔައަސް ހަފާލާނެ އެއްޗެއް ހިފައިގެން ދަނީ ފޫހިފިލުވާލާ ހީ ސަމާސާކޮށްލާއިރު އަދި ހަފާލަން ވެސް ރަނގަޅު އެއްޗެއް ހޯދައެވެ. ހަމަ ޔަގީނުންވެސް މި ބާވަތްތަކުގެ ތެރެއިން ކޮންމެވެސް އެއް ކޮމްބިނޭޝަނަކީ ކޮންމެވެސް އިރެއްގައި ކައިފައި ހުންނާނެ ބާވަތްތަކެކެވެ.
މަހާއި ކާއްޓާ
މަހާއި ކާއްޓާ މިއީ މަސްދަތުރުގެ ހާއްސަ ބާވަތެއްގެ ގޮތުގައި މިހާރުވެސް ހިނގާ އެކައްޗެވެ. ގޭގޭގައި ކާން އާއްމުކޮށް ނަގާފައި ނެތަސް ގާޑިޔާ ތަކުގައި ޒުވާނުން މެދުގައި ވެސް މިއަށް ޑިމާންޑް އޮވެއެވެ. ކޮލެޖު ދަރިވަރުންގެ މެދުގައިވެސް އަދިވެސް މި މަގުބޫލެވެ. ކްލާސް ނިންމާލާ ގުރޫޕާއި އެކު ގާޑިޔާ ދިމާލަށް ގޮސް އެއްމެން އެއްކޮށް ކާއްޓާ މަހާ ކާލާ މަޖާކޮށްލާފައި ގެއަށް ދެބޭ ރޭރޭ ގިނަ އެވެ.
ތެލުލި ބަނބުކޭލާއި ރިހާކުރު
ތެލުލި ބަނބުކެޔޮ މިއީ ހަފާ ހަފާ ދަޅު ހުސް ނުވަނީސް ކެއުން ހުއްޓޭ އެއްޗެއްވެސް ނޫނެވެ. އަދި ރިހާކުރު ކޮޅަކާއި ޖަހަލައިގެން ކާލުމުން އަދި ވަކިން ބޮޑަށް ކެއުމުގެ ފޯރިގަދަވެ އެވެ. މި ކޮމްބިނޭޝަން އަކީ ބޮޑަށް ލުއިކާނާ އެކެވެ.
ކްރީމްކޭކަރާއި ކަޅުސައި
ދުވާލަކު އެއްފަހަރު މި ކޮމްބިނޭޝަންގައި ބައިވެރި ނުވާނަމަ ސައި ބުއިހެން ވެސް ހީނުވާ މީހުންވެސް ތިބިއެވެ. ސައިތަށި ތެރެއަށް ބިސްކޯދުލައި ފޯކޮށްލައިގެން ހެނދުނަށް ވެސް ހަވީރަށްވެސް ހަމަ ބަރާބަރެވެ.
ބިލަމަގާއި ނޫޑުލް ސޫޕް
ހުތް ބާވަތްތަށް ކަމުދާ މީހުންނަށް މި ވަރެއް ނޯންނާނެ ކަން ޔަގީނެވެ. ބިލަމަގުގެ އެ ހުންނަ ތޫނު ހުތްކަން ބެލެންސްކޮށް ދޭ އެއްޗަކަށް ވެފައި މި އޮންނަނީ ނޫޑުލް ސޫޕްގެ ލޮނު ކަމެވެ. މި ކާއިރު އަނގަޔަށާއި މޫނަށް ގޮތްގޮތް ހެދިކަމުގައި ވިއަސް މި ކޮމްބިނޭޝަނަކީ މަޖާ އަދި ދަތުރުގޮސް ކާލަން އެއްވަނަ އެވެ.
ގޯނބިއްޔާއި ރިހާކުރު
އަނބާއި ރިހާކުރު މީ އެންމެންގެ ފެވަރިޓެކެވެ. މި ބާއްވާފައި މިފަހަރު ގޯނބިލި އާއި ރިހާކުރު ކޮމްބިނޭޝަން ބަލާލަން ހިނގާށެވެ. އަނބަށްވުރެ ގޯނބިލި އަދި ހޯދަން ވެސް އުނދަގޫ ވެދާނެ އެވެ. ހުތް ރަހަ ގަދަ މި މޭވާ ރިހާކުރާއި އެކު ޖައްސާލައިގެން ކެއުން މިއީ ބޮޑު މަޖާގަނޑެކެވެ.
އައްޑޫ ގުޅަ އައި ސައި
ކުދިގުޅަ ހަފާލާއިރު ހެފުން ފުރިހަމަ ކޮށްދެނީ ހަމަ ފޮނި ހެޔޮވަރު ކޮށްފައި ހުންނަ ކަޅުސައި ތައްޓަކާއި އެކުއެވެ. ސައިފަތަށް ހުވަނދުމާ ލައިގެން ހުވަނދުމާ ރަހަވެސް ލައްވައިގެން ހަދާ ސައިތަށި ވެސް އައްޑޫގުޅައާއެކު ހަމަ ބަރާބަރެވެ. މި ކޮމްބިނޭޝަން ބޮޑަށް ކަމުދަނީ ހަވީރު ސަޔަށެވެ.
އަލައާއި ހަކުރާއި
ކެލޮރީގެ ވާހަކަ އެއްކައިރި ކޮށްލާފިއްޔާ ހަމަ ގައިމުވެސް މި ކޮމްބިނޭޝަން ވެސް ރަނގަޅެވެ. އަލަފޮތި ބޯތަށިތެރެއަށް ލާ އެއިން ހަކުރު ނަގައި އަނގައަށް ލާ ހަނދާން އެބަހުރި ހެއްޔެވެ؟ މި ކޮމްބިނޭޝަން މިހާރު ސިއްހަތަށް ބަލައި ޑައިޓްކުރާތީ އެހާ އާއްމު ނުވެދާނެ އެވެ. އެހެން ނަމަވެސް ކުޑައިރު މިއީވެސް ކޮށްފައިވާ ކަމަކަށް ވާނެ އެވެ.
ރޮއްޓާއި ގެރިކިރު
މިއީ މިހާރުގެ ކުދިންގެ މެދުގައި ނަޓެއްލާ އާއި ރޮށި މަގުބޫލުވާ ގޮތަށް އޭރު އަހަރުމެންގެ ތެރޭގައި އޮތް އެއްޗެވެ. ރޮއްޓާއި ގެރިކިރު ޖައްސާލައިގެން އެއްފަހަރު ސައިގަޑިވެސް ނިންމާލާ ފަހަރުވެސް އެބަދެއެވެ. އޭރުގެ ކޮމްބިނޭޝަންތަށް އަދިވެސް އަހަރުމެންނަށް ކަމުދެއެވެ. މިތަނުން އެންމެ ފެވަރިޓް ކޮމްބިނޭޝަން އަކީ ކޮބާ؟