ވާހަކަ

ބޭނުންވަނީ ޔާރާ

(19 ޖޫން 2019 އާ ގުޅޭ)

"އާމޯސް އަވަހަށް ކާރުގެނޭ، ޒާއަށް މިހެންވާނެ ކަމަކަށް ހިއެއް ނުކުރަން" މަންހާ ކަންބޮޑުވިވަރުން ބުނެލިއެވެ. މަގުމަތީ ތިބި މީހުންތައް ވީގޮތެއް އޮޅުންފިލުވުމަށް މަންހާގެ ގާތަށް ޖެހުނެވެ.

"ކޮއްކޯ، ކިހިނެއްވީ........" މަންހާގެ ގާތުގައި ހުއްޓިލި އުމުރުން ދުވަސްވެފައި ހުރި އަންހެނަކު އަހާލިއެވެ.

"ހޮސްޕިޓަލަށް ގެންދަންވީނު، އެމްބިއުލާންސްއަށް ގުޅަންތަ" އެހެންމީހަކު ބުނެލިއެވެ.

"ކާރު އެބައާދެ...." މަންހާއަށް ބުނެލިއެވެ. މީހުން އެއްވުމުގެ ސަބަބުން އޭނަގެ ހާސްކަން އިތުރުވެފައިވިއެވެ. ދާއިންއަށް ގުޅަން ހިތަށް އެރިއެއްކަމަކު އިމީ އާއި އޭނަ އާއި ދެމީހުންނަށް ޒާރާ ހިފަހައްޓާލެވެނީ ކިރިޔާއެވެ.

އާމޯސް ކާރުގައި އައިސް މަންހާމެން ތިބި ހިސާބުގައި މަޑުކޮއްލުމަށްފަހު ފަހަތު ސީޓުގެ ދޮރުހުޅުވާލާފައި ކާރުން ފޭބިއެވެ. އަދި އައިގޮތަށް އައިސް ޒާރާ އުފުލާލިއެވެ. ޒާރާ ގޮވައިގެން އިށީނދެގެން އިން މަންހާ ތެދުވަން އުޅުނު ހިނދު އޭނަގެ ބަނޑަށް ތޫނު ތަދެއް އިޙްސާސް ކުރެވިގެންދިޔައެވެ.

"ކޮއްކޮ ބަނޑުގަ ރިއްސަނީތަ؟" ކުރިންވެސް ސުވާލުކުރި އަންހެން މީހާ މަންހާ ތެދުވުމަށް އެހީތެރިވަމުން އަހާލިއެވެ.

"ނޫން......" މަންހާ ދޮގުހަދާލަމުން ދެއަތުން ބަނޑުގައި ހިފަހައްޓާލައިގެން ގޮސް ކާރުގެ ކުރީ ސީޓަށް އެރިއެވެ. އިމީ ޒާރާގެ ގާތުގައި ފަހަތު ސީޓުގައި އިނެވެ. އާމޯސް އަވަހަށް ކާރުދުއްވާލުމާއިއެކު މަންހާ އޭނަގެ އަތުގައި އޮތް ދަބަހުން ފޯނުނަގާ ދާއިންއަށް ގުޅިއެވެ.

"ދާއިން..........އަވަހަށް ނުކުމެބަލަ.........ޒާރާއަށް ކޮންމެވެސް ގޮތެއްވެއްޖެ...........ޒައުލް ގާތު ބުނޭ އަވަހަށް ގެއަށް އަންނާށޭ" މަންހާ ހާސްވެފައި ބުނެލިއެވެ. އޭނަގެ ބަނޑުގައި ރިއްސާކަންވެސް އޭނަ ހަނދާންނެތުނު ކަހަލައެވެ.

"މަން، ހަމަޖެހިބަލަ، ކިހިނެއްތަވީ، ކޮންތާކު ތިހުރީ" ދާއިން ކަރުގައި އޮތް ޓައި ނަގާ އެނދުމައްޗަށް އެއްލާލަމުން ބުނެލިއެވެ.

"ކާރުގަ މިދަނީ ގެއަށް، މިކައިރި ކުރަނީ......." މަންހާ ދާއިން އާއި ފޯނުން ވާހަކަދައްކަމުން ދިޔައެވެ. ހިނގި ހާދިސާ އެއްކޮށް ކިޔާދެމުންނެވެ.

ކާރުގޮސް ގެއާއި ކައިރިކޮއްލިއިރު ދާއިން ހުރީ ދޮރުމަތީއެވެ. އޭނަ ކާރުގެ ތެރޭއޮތް ޒާރާ އުފުލާލައިގެން ގޮސް ލިފްޓަށް އެރިއެވެ. މަންހާވެސް ރިއްސަމުންދިޔަ ބަނޑާއިއެކު ގޮސް ލިފްޓަށް އެރިއެވެ.

"ކިހިނެއްވީބާ ޒާރާއަށް" މަންހާ ޒާރާގެ ބޮލުގައި ފިރުމާލަމުން ދާއިންއަށް ބުނެލިއެވެ.

"ޒައުލް އެބައާދޭ........" ދާއިން ބުނެލިއެވެ. އެންމެންގެ މޫނުމަތިން ކަންބޮޑުވުން ފެންނަމުން ދިޔައެވެ. އެހެންމީހުނަށްވުރެ ބޮޑަށް މަންހާ ކަންބޮޑުވެ ހާސްވެފައި ވާހެން ހީވެއެވެ.

ދޭތެރެއަކުން ބަނޑުގައި ފިރުމާލާ މަންހާގެ ހަރަކާތްތަކެއް އެކަކުގެ ލޮލުގައިވެސް އަޅައެއް ނުގަނެއެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ޒައުލް އަންނާނެ އިރަކަށާއި ޒާރާ ހޭއަރާނެ އިރަކަށެވެ. މޫމިނާ އިރުއިރުކޮޅާ ދާއިންގެ ގާތު އަދިވެސް ޒައުލް ނާދޭތޯ އަހާލާނެއެވެ. މަންހާއަށް އިށީނދެ އިނުންވެސް އުނދަގޫވާންފެށިއެވެ. އެހެންވެ ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. އުނަގަނޑުގަ އައާއި ބަނޑުގައި ފިރުމަމުންނެވެ. ބައެއްފަހަރަށް ދަތްފިލާ ޖައްސާބާރުކޮއްލެވެނީ ހަށިގަނޑު ރޫރޫއަޅާލާފަދަ ގަދަ ތަދެއް އަރައިގެން ދާތީއެވެ.

"ދައްތާ....." ކުއްލިއަކަށް އިމީ މަންހާގެ ގައިގާ ހިފަހައްޓާލަމުން މޫމިނާއަށް ގޮވާލިއެވެ. އޭރު މަންހާގެ ހަށިގަނޑަށް ހަރުކަށިކަމެއް އިޙްސާސް ކުރެވެމުންދިޔައެވެ.

"ދަރިފުޅާ، ބަނޑުގަ ރިއްސަނީތަ......." މޫމިނާ އަވަސްފިޔަވަޅުގައި އައިސް މަންހާގެ އަތުގައި ހިފާލަމުން ބަނޑުގައި އަތްޖައްސާލިއެވެ.

"އެހާ ބޮޑަކަށް ތެދެއްނުވޭ" ހާސްވެފައިތިބި މޫމިނާ އާއި ދާއިންގެ ހާސްކަން އިތުރުވިއަ ނުދިނުމަށްޓަކައި މަންހާ ބުނެލިއެވެ. އޭރު ދާއިންވެސް ހުރީ މަންހާގެ ދާދިގާތުގައެވެ. މަންހާގެ ބަނޑަށް އެރި ރިހުންގަނޑު ކުޑަހިނދުކޮޅެއްގެ ތެރޭ ފިލައިގެންވެސް ހިނގައްޖެއެވެ. އަނެއްކާވެސް އޭގެ ދިހަވަރަކަށް މިނެޓްފަހުން މަންހާގެ ބަނޑުން ރިހުންނެގިއެވެ.

"މަންމާ....." މަންހާގެ ދުލުން ބުނެލެވުނެވެ. ރިއްސައިގަތްލެއްވަރުގަދަ ކަމުން އޭނަގެ ދެފައިކޮޅުން ވާގިދާން އުޅުނުހެންވެސް ހީވިއެވެ. ކައިރީގައި ހުރި ދާއިން އަވަސް އަވަހަށް މަންހާ ހިފެހެއްޓިއެވެ.

"ދަރިފުޅާ، ދާއިން، އަވަސް ކުރޭ، މަންހާ ހޮސްޕިޓަލަށް ގެންދަންވީ ވަގުތު ޖެހިއްޖެ" މޫމިނާއަށް މަންހާއަށް ވީގޮތްފެނި ބުނެލިއެވެ. އަދި އޭނައަށް މަންހާގެ ބަނޑުގައި އެރިއްސަނީ ވިހަންކަން އެނގުނެވެ.

"އެކަމަކު މަންމާ، ނުވަމަސް ފުރެން އަދި ދެދުވަސް އެބައޮތް، ޑޮކްޓަރު ދީފައިން ތާރީޚު އަދި ގާތްވެސް ނުވޭ" ދާއިން ކަންބޮޑުވުމާއިއެކު އަހާލިއެވެ.

"ދަރިފުޅާ ދެނެއް ނުހުއްޓުވޭނެ، އަވަސް ކުރޭ.........ތިސުވާލުތަށް ޑޮކްޓަރާއި ހަމައަށް ގޮސް ކުރާނީ، އެކަމަކު ޒާރާ އެކަނި ބާއްވާފައެއްވެސް ނުދެވޭނެ......" މޫމިނާ މަންހާގެ ގައިގާ ހިފަހައްޓާލައިގެން ހުރެބުނެލިއެވެ.

"މަންމާ، އަޅުގަނޑު މަންހާ ގޮވައިގެން ހޮސްޕިޓަލަށް ދާނަން، މަންމަ ޒާރާގެ ގާތުގަ މަޑުކުރޭ........." ދާއިން އަވަސް އަވަހަށް ބުނެލިއެވެ.

"އާމޯސް ކާރު ތައްޔާރު ކުރޭ، އަހަރުމެން މިފައިބަނީ، އިމީ އާދޭ އަހަންނާއިއެކު" ހަދާނެގޮތެއް ނޭގިފައި ހުރި އާމޯސް އަށާއި އިމީއަށް ދާއިން ބުނެލިއެވެ. ދާއިންގެ އަތުގައި ހިފާލި މަންހާ އޭނަގެ ތަދާއިއެއްވަރަށް ދާއިންގެއަތަށް ބާރުކުރަމުންދިޔައެވެ.

"ހިތްވަރުކުރޭ މަން، ދެން ގިނައިރެއްނުވާނެ......." ދާއިން ބުނެލިއެވެ. އަދި މަންހާއަށް އެޕާޓްމަންޓުން ނުކުމެ ލިފްޓަށް އަރަން އެހީތެރިވިއެވެ. ލިފްޓު ހުރިކަން ނަސީބޭ ދާއިން އެވަގުތު ހިތަށްއެރިއެވެ. އެހެންނޫނީ މަންހާ ފައިބަންޖެހޭނީ ކޮންފަދަ ވޭނެއްގަހެއްޔެވެ.

"ދާއިން، ވަގުތު ޖެހުނީތަ، ހާދަ އަވަހަކާ............." އެންމެ ތިރިއަށް އާދެވުމާއިއެކު ލިފްޓުގެ ދޮރުހުޅުވިގެން ދިޔައިރު ދޮރުމަތީ ހުރީ ޒައުލްއެވެ.

"އާން، ވަރަށް އެހެން ކަހަލަ ވަގުތެއްމީ، ޒާރާ އެބައޮތް ހަބަރުހުސްވެފަ، މަންމަ ޒާ ކައިރީ އެބައިން، އަހަރެން މިދަނީ މަންހާ ގޮވައިގެން" ދާއިން ގޭދޮރުން ނުކުންނަންދެން ޒައުލް އޭނަ އާއިއެކު އައުމުން ވާހަކަދައްކަމުން ބުނެލިއެވެ. ޒައުލް އަނެއްކާވެސް ގޭތެރެއަށް ވަނުމަށް ހިނގައިގަތީ ދާއިން އާއި މަންހާ ކާރުގެ ފަހަތަށް އެރުމުން ކާރުގެ ދޮރުފަތް ލައްޕާލަދީފައެވެ.

"ދާން........" މަންހާ ދާއިންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލިއެވެ. މިނޫނީ ދުވަހަކުވެސް އޭނަ އަދި ދާއިންއަށް ދާންގެ ނަމުން ގޮވާލާފައެއްނުވެއެވެ. އެކަން ދާއިންއަށް ފާހަގަ ކުރެވުނު ހެނެއްހިއެއްނުވެއެވެ.

"އާމޯސް، ތަންކޮޅެއް ބާރަށް ކާރު ދުއްވަބަލަ......." ހާސްވެފައި އިން ދާއިންއަށް ބުނެލެވުނެވެ. އާމޯސްއަށް ވަގުތުގެ ނާޒުކުކަން އިޙްސާސްކުރެވެއެވެ.

"ދާން......" މަންހާ މިހެން ބުނެލިއިރު ކާރުގެ ސީޓާއިއެކު އޭނަލައިގެން އިން ސްކާޓް ތެމެމުން ދިޔައެވެ.

"އޯ މަންހާ، ކުޑަކުޑަ ހިތްވަރެއް، އަދިއެއް ނޫން، އަދިއެއްނޫން......" ދާއިންއަށް އެވީ ކިހިނެއްކަން އެނގުމާއިއެކު ބުނެލެވުނީ ނުހަނު ކަންބޮޑުވުމާއިއެކު ދެލޯބޮޑުކޮއްލައިގެން އިނދެއެވެ. އަދި މަންހާގެ ނިތުގައި ބޮސްދިނެވެ. އޭސީކާރުގައިވެސް މަންހާ ދާހިތްލާ ފޯވަނީއެވެ.

ހޮސްޕިޓަލަށް ކާރު މަޑުކޮއްލިގޮތަށް ދާއިން އަވަސްވެގަތީ ފުރޮޅުލީ ގޮނޑިއެއް ހޯދުމަށެވެ. އަވަސް އަވަހަށް މަންހާ ހޮސްޕިޓަލަށް ވެއްދިއްޖެއެވެ. މަންހާގެ ހާލަތު އެނގުމާއިއެކު އަވަސް ފަރުވާދޭން ނަރުހުންނާއި ޑޮކްޓަރުން އަވަސްވެގަތެވެ. ހޮސްޕިޓަލުގައި އެވަގުތު ވަރަށް ގިނަ މީހުން ތިއްބެވެ. އެ އެންމެންގެ ނަޒަރުތައް ދާއިން އާއި އޭނަ އާއިއެކު އުޅޭ ބޭރު އަންހެން ކުއްޖާ އިމީއަށް ހުއްޓެމުންދިޔައެވެ. ވިއްސާކޮޓަރިއަށް މަންހާ ވެއްދުމާއިއެކު ދާއިން އިމީ އާއި އާމޯސް ގެއަށް ފޮނުވާލީ ބޭބީއަށް ބޭނުންވާނެ އެއްޗެހި ހިފައިގެން އައުމަށެވެ.

ޒައުލް ޒާރާގެ ވިންދުބަލާލިއެވެ. އަދި ޒާރާގެ ލޯވެސް ޗެކްކޮއްލިއެވެ. އޭނައަށްވެސް ޖެހޭނީ ޒާރާ ހޭއަރަންދެން މަޑުކުރާށެވެ. ދާއިން ކިޔާދިން މިންވަރުން މޫމިނާ ޒާރާއަށް ދިމާވިކަންތަކުގެ ވާހަކަ ޒައުލްއަށް ކިޔާދިނެވެ.

"އެހެންވީމަ ތީ ލިބުނު ޝޮކެއްތާ" ޒައުލް މަޑުމަޑުން ވިސްނާލަން އިނދެފައި ބުނެލިއެވެ.

"އެކަމަކު އޭރުން، އޭރުން ދެން ކިހިނެއްވާނީ، ޒާރާގެ ހާލު ކުރިއަށްވުރެވެސް ގޯސްތަވާނީ" މޫމިނާ ކަންބޮޑުވިވަރުން އަހާލެވުނެވެ.

"ދާންގެ މަންމާ، ތިކަމަކަށް ނޭގެ ހަމަ އެއްޗެއް ބުނާކަށް، ޒާރާ ހޭއެރީމަ އެނގޭނީ، ރަނގަޅުވެސް ވެދާނެ، ނޫނީ ކަންތައްތައް ގޯސްވެސް ވެދާނެ" ޒައުލްވެސް އިނީ ޔަގީންކުރަން ދަތިވެފައެވެ.

ގަޑިއެއްހާއިރުވާން ކައިރިވުމާއިއެކު ޒައުލް ނިންމީ ޒާރާ އޭނަގެ ކްލިނިކަށް ގެންދިއުމަށެވެ. އިތުރު ޓެސްޓުތައް ހެދުމަށެވެ. އެހެންނަމަވެސް ހުރިހާ ކަމެއް ތައްޔާރުކޮއްލި ތަނާހެން ކުއްލިއަކަށް ޒާރާ ލޯހުޅުވާލާފައި ބާރުހަޅޭކަކާއިއެކު ތެދުވެ އިށީނދެއްޖެއެވެ.

"ޒާރާ........ޒާރާ........" ޒައުލް ޒާރާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ޒާރާގެ ނަމުން ގޮވިއެވެ. އޭރުވެސް ޒާރާ ހަޅޭލަވަނީއެވެ. އޭނައަށް ހުއްޓާލެވުނީ ވަރަށް ގިނަފަހަރުމަތިން ޒައުލް ވާހަކަދައްކައިގެންނެވެ. ޒާރާ ހީވީ ބިރުވެރިމަންޒަރެއް ފެނިގެން ހަޅޭލަވައިގަތްހެންނެވެ. ޒައުލްގެ މަސައްކަތުން އޭނަ ހަމައަކަށް އެޅުވުނަސް އަދިވެސް އޭނަ ހީވަނީ ބިރުން އިންހެންނެވެ. ޒާރާ މަޑުމަޑުން އޭނަގެ ބޮލުގައި ހިފަހައްޓާލަމުން ލޯމަރާލިއެވެ.

"ދާން، ކޮބާ ދާން......" ޒާރާ މަޑުމަޑުން ބުނެލިއެވެ.

"ދަރިފުޅާ، ދާންވީ ހޮސްޕިޓަލުގަ، މަންހާ އާއިއެކު....." މޫމިނާ އަވަހަށް ބުނެލިއެވެ. ޒާރާ އެއްޗެއް ބުނަން އުޅެފަވެސް މަޑުޖައްސާލަމުން މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. އޭނަ ހަނދާންކުރަނީއެވެ. އޭނައަށް ބަދަލުތަކެއް އަތުވެއްޖެއެވެ.

"ކޮބާ ޑޮކްޓަރ ޒޭން.......މަންމާ، އަޅުގަނޑުގެ ބޮލުގަ ވަރަށް ރިއްސާއެބަ" ޒާރާ އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

"ޑޮކްޓަރ ޒޭންއެއް ނޫނޭ މިހާރު ޒާރާ ބަލަނީ، އަޅުގަނޑެއް ނޭގުނުތަ؟........." ޒައުލް އަހާލީ ވަރަށްވެސް ފުންނަޒަރަކުން ޒާރާއަށް ބަލަންއިނދެއެވެ.

"ޒައުލް......." މޫމިނާ ޒައުލްއަށް އެއްޗެއް ބުނަން އުޅުމުން ޒައުލް އަތުގެ އިޝާރާތުން އެކަން މަނާކުރިއެވެ.

"ޒާރާ، އެންމެންފަހުން ހަނދާން ހުރީ ކޮންކަމެއް" ޒައުލް ސުވާލުކުރިއެވެ. އަދި އޭނަގެ ސޫޓުކޭސް އިން ނެގި ފޮތެއްގައި ޒާރާ ދައްކާ ވާހަކަ ނޯޓު ކުރަން ތައްޔާރުވެލިއެވެ.

"ޒައުލް..........އިންޖެކްޝަން.......ދާން ފުރެންޑް މަންހާ، ކޮން ބުދެއްތަ އެއީ........ނޭގެ ބުނެދޭކަށް، ބޯފަޅައިގެން ހިނގައިދާނެހެން ހީވަނީ" ޒާރާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

"ނިދާލަނިކޮށް ރަނގަޅުވެދާނެ، ދާން މަންމާ، ފެންތައްޓެއް ގެނެސްދީ" ޒައުލް ޒާރާއަށް ބުނެލަމުން މޫމިނާގެ ގާތުން އެދުނެވެ. އަދި މޫމިނާ ފެންތަށި ގެނެސްދިނުމުން ބޭސްގުޅައެއް ނަގާ ޒާރާގެ އަތަށް ލާދީފައި ފެންތަށި ދިއްކޮއްލިއެވެ. ޒާރާ ބޭސްގުޅަ ކާލައިގެން އޮށޯވެ ލޯމަރާލިއެވެ. ޒައުލް މޫމިނާ އާއިއެކު ޒާރާގެ ކޮޓަރިން ނުކުތެވެ.

"ޒާރާގެ އުޅުން ތަފާތުވެއްޖެ" މޫމިނާއަށް ބުނެލެވުނެވެ.

"ހޫމް، އަސްލު ޒާރާއަށް ކުދިން ނުލިބޭނެ ކަމުގަ ޑޮކްޓަރުން ބުނަމުން ދިޔަ ބުނުމުން އޭނަ ޝޮކެއް ޖެހުނީ، އެޝޮކުން އޭނަ ނުކުތުމަށް މިދިމާވި ހާދިސާ އެހީތެރިވެދިނީ.......ޒާރާގެ ނަސީބު އިތުރަށް ގޯސްނުވެ ރަނގަޅުވާން ދިމާވިކަން، އެކަމަކު އަދިވެސް އޭނަ ވިސްނާނެ ވަރަށް ބޮޑަށް............." ޒައުލް ބުނެލިއެވެ.

"ޒާރާ ހަނދާންނެތުނީތަ އޭނަ މީގެ ކުރިން އުޅުނުގޮތް" މޫމިނާ ހައިރާންވެފައި ހުރެ އަހާލިއެވެ.

"ނޫނޭ ދާން މަންމާ، ކުއްލިއަކަށް އެހުރިހާ ކަމެއް ވިސްނައިގަންނަންވީމަ އޭނައަށް އުނދަގޫވީ، އޭނައަށް އެއީ ހަގީގަތްކަން ގަބޫލުކުރަން ކުޑަވަގުތުކޮޅެއް ނަގާނެ، ބައެއްފަހަރު ހަފްތާއެއްވަރުވެސް ނަގާ މީހާ މުޅީން ހަމަޖެހެން، އިރާދަކުރެއްވިއްޔާ ދާންގެ ޒާރާ އަނބުރާ ލިބިއްޖެ، ޒާރާ ނިދާލާފަ ހޭލީމަ އަޅުގަނޑަށް ގުޅާލާ، މިހާރު މިދަނީ ހޮސްޕިޓަލަށް ދާންގެ ކައިރިއަށް، ޚަބަރު އޮޅުން ފިލުވާލަން.........އެންމެ ރަނގަޅުތޯ އަޅުގަނޑު ގޮސްލިޔަސް" ޒައުލް ހިނިތުންވެލަމުން ބުނެލިއެވެ.

"އެންމެ ރަނގަޅު، ދާން ކައިރީ ބުނާތި މަންމައަށްވެސް ޚަބަރު ފޮނުވައްޗޭ، މަންހާ އާއި ކުއްޖާގެ ހާލު މަންމައަށް އަންގަންވާނެއޭ...........މިއަދުމީ އުފާވެރި ދުވަހެއް، އަހަރެންގެ ދޮށީ ޅީދަރިފުޅުގެ ބަލި ފަސޭހަވެ އަދި ހަގުޅީދަރިފުޅު އަހަރެންގެ ދެވަނަ ދަރިފުޅުގެ ފުރަތަމަ ދަރިފުޅު އުފަން ކުރާ ދުވަސް، އުފަލުގެ ކޮޅެއްނެއް" މޫމިނާ ހިނިތުންވެލަމުން ބުނެލިއެވެ.

ޒައުލް ހޮސްޕިޓަލަށް ދާއިންގެ ގާތަށް ދެވުނު އިރު އެތަނުގައި މަންހާގެ އާއިލާގެ މެންބަރުންވެސް ތިއްބެވެ. ޒައުލް ފެނުމުން ސަޢީދު ހިނިތުންވެލިއެވެ. އެހެންނަމަވެސް އެންމެންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.

"މަންހާގެ މަންމައެއް ނާދޭތަ؟" ޒައުލް ދާއިން އާއިއެކު އެއްފަރާތްވެލަމުން ސިއްރު ސިއްރުން އަހާލިއެވެ.

"ހޫމް، ނާދޭ، ބައްޕަ ގާތު އެހުމުން ބުނީ ކުޑަކޮށް ބަލިވެއުޅޭވާހަކަ، އަހަންނަށް ހީވަނީ އަދިވެސް ހިތްހަމަ ނުޖެހިފަ ހުރީ ކަންނޭގެ" ދާއިންވެސް ބުނެލީ ވަރަށް މަޑުންނެވެ.

އެމީހުންގެ ތެރޭގައި ޖެނީ އާއި ވިޝާލްވެސް ހުއްޓެވެ. ވިޝާލް ހަޝަމްބަނދެލައިގެން އެއްފަރާތުގައި ހުރިއިރު އެނާގެ ސިކުނޑީގައި ވަރަށް ގިނަ ހިޔާލުތައް އެނބުރެމުންދިޔައެވެ. މަންހާއަށްޓަކައި ގައިމުވެސް އޭނަ އުފާވާނެއެވެ. އެހެންނަމަވެސް މަންހާގެ ލޯބީގައި ކުރިލާ މާއަޅާ އެމާފޮޅުނީއެވެ. ގަހުގައި ކާނާ އެޅީއެވެ. އެހެންނަމަވެސް ވިޝާލްއަށް ޖެހެނީ ދުރުގައި ހުރެ ބަލާލައިގެން ހިތްހަމަޖައްސާލާށެވެ. ހާލަތާއި ތަގުދީރު އޭނައަށް އެހެންހެދުމަށް މަޖުބޫރުކުރުވީއެވެ. ވިއްސާކޮޓަރިން ނުކުތް ނަރުސްކުއްޖަކު ދާއިންގެ ނަމުން ގޮވާލިއެވެ. އެހިނދު ދާއިން ކުރިއަށް ޖެހިލިއެވެ.

"މަންހާ ވިހައިފި، އަންހެން ކުއްޖެއް.....ކުޑައިރުކޮޅަކު ދެމައިންވެސް ނެރޭނެ، ދެމައިންގެ ހާލުވެސް ރަނގަޅު" ނަރުސްކުއްޖާ މިހެން ބުނެލުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ. ދާއިންއަށް ލިބުނު އުފަލެއްގެ ބޮޑުކަން ފާޅުކުރަން އޭނައަށް އުނދަގޫވިއެވެ. ދާއިން ސަޢީދުއަށާއި މަންހާގެ އާއިލާއަށް ބާލާލިއެވެ.

"ބައްޕާ، އަންހެން ކުއްޖެއް...........ދެމައިންގެ ހާލުވެސް ރަނގަޅު" ހިނިއައިސްފައިހުރެ ދާއިން ސަޢީދު ގާތު ބުނެލީ އެހެން މީހުންނަށްވެސް އަޑުއިވޭވަރަށެވެ.

މޫމިނާއަށް މަންހާ ވިހޭ ޚަބަރު ލިބުމާއިއެކު ހަމްދުއެޅިއެވެ. އަދި މާމަ ދަރިފުޅު ދެކިލާހިތުން ހިތްއަވަސްވިއެވެ. ދާއިން މޫމިނާ އާއި މިއުފާވެރި ޚިއްޞާކުރުމަށްފަހު ފޯނުބޭއްވިއެވެ. ޒައުލް ދާއިންގެ ކޮނޑުގައި ޖަހާލީ މަރުޚަބާކިޔާލުމުގެ ގޮތުންނެވެ.

"ޒައްލޭ، އަހަރެން ބައްޕައަކަށް ވެއްޖެ..........." ދާއިންއަށް ލިބިފައިވާ އުފާވެރިކަމާއިއެކު ބުނެލެވުނެވެ.

ނަރުސްކުއްޖާ ބުނިހެން ގިނައިރުތަކެއްނުވެ އެންމެ ފުރަތަމަވެސް ނެރުނީ ދަރިފުޅެވެ. އަދި މިނެޓެއްހާއިރުވެސް ނުވެ މަންހާވެސް ނެރެއްޖެއެވެ. ދަރިފުޅު އެންމެ ފުރަތަމަ އުރާލީ އެދަރިފުޅުގެ ބައްޕައެވެ. ދާއިންއެވެ. ކުޑަކުޑަ ދަރިފުޅުގެ މޫނުގައި ބޮސްދެމުން ލުއިގޮތަކަށް ދާއިން ހީލިއެވެ. އަދި އޭނަގެ ދެލޯ ކަރުނުން ފުރުނެވެ. އުމުރުން ސާޅީސް އަހަރުވީފަހުން އޭނައަށް ދަރިއަކުދެއްވި މަތިވެރި ކަލާނގެއަށް ޝުކުރުކުރިއެވެ.

"ތެންކިއު....." މަންހާގެ ބޮލުގައި ފިރުމާލަމުން ވައިއަޑުން ދާއިން ބުނެލިއެވެ. ވަރުބަލިކަން އިޙްސާސްވިއެއްކަމަކު އެމަންޒަރު ބަލަން އޮތް މަންހާގެ ލޮލުންވެސް ކަރުނަ އަތުވެއްޖެއެވެ. ސަޢީދުގެ އަތަށް ކުޑަދަރިފުޅު ލާދިނީ ދާއިންއެވެ. އެއާއިއެކު މަންހާ ވޯޑަށް ގެންދިއުމަށް އޭނަބާއްވާފައި އޮތް އެނދާއިއެކު އެންމެން ހިނގައިގަތެވެ.

"އަހަރެން އަންނާނަން މިވަގުތުން ވަގުތަށް ރޫމެއް ހަމަޖެހޭތޯ ބަލާފަ" ޒައުލް ދާއިންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

(ނުނިމޭ)