ހަބަރު

ލަންކާގައި ގޭސް ޓާމިނަލެއް އަޅައި ރާއްޖެއަށް ގޭސް ފޯރުކޮށްދެނީ

Jun 24, 2019
3

ރާއްޖެއަށް ސަޕްލައި ކުރެވޭ ގޮތަށް، ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގޭސް ޓާމިނަލެއް ލަންކާގައި ހަދަން ބޭނުންވާ ދިރާސާ ކުރަން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އެ ގައުމަށް އެހީއެއް ދީފި އެވެ.

ސްރީލަންކާ ނޫސްތަކުގައިވާ ގޮތުން، އެ ގައުމުން އޭޑީބީއަށް ހުށަހެޅި ޕްރޮޕޯސަލްއަކާ ގުޅިގެން ދީފައިވަނީ 225،000 ޑޮލަރު (3.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ އެކެވެ.

އޭޑީބީއާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން މި ދިރާސާގައި ސްރީލަންކާގައި ގޭހުގެ މައި ހަބެއް ގާއިމް ކުރުމަށްފަހު ރާއްޖެ އަށް ގޭސް ފޯރުކޮށް ދެވޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައި ތޯ ބަލާނެ އެވެ. އެންމެ ރަނގަޅުވާނީ ކަނޑުން ރާއްޖެއަށް ހޮޅިއެއް އަޅައިގެން ގޭސް ފޯރުކޮށް ދިނުންތޯ ނުވަތަ ބޯޓުގައި ގޭސް ސަޕްލައި ކުރުންތޯ މި ދިރާސާއިން ޔަގީން ކުރާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމު ތަކަށް ވެސް ގޭސް ފޯރުކޮށް ދެވިދާނެތޯ ދިރާސާގައި ބަލާނެ އެވެ.

އޭޑީބީ އިން ބުނެފައިވާ ގޮތުގައި އެ ޓާމިނަލް އަޅައި ދެ ގައުމަށް ގޭސް ފޯރުކޮށް ދެއްވިއްޖެ ނަމަ ދެ ގައުމުން ހަކަތަ އުފައްދަން ކުރާ ހޭދަ ކުޑަކުރެވިގެންދާނެ އެވެ.

އެލްއެންޖީ ގޭހަކީ ކަރަންޓު އުފެއްދުމުގައި ބޭނުން ކުރާ ގޭހެކެވެ. މި ގޭސް އާއްމު ގޮތެއްގައި ބޭނުން ކުރަނީ ހޮޅި އަޅައިގެން ގުދުރަތީ ގޭސް ފޯރުކޮށްދޭން ދަތިވާ ސަރަހައްދު ތަކަށް ގޭސް ފޯރުކޮށް ދޭށެވެ. ނަމަވެސް ރާއްޖެ އާއި ސްރީލަންކާއަކީ ވެސް ކަރަންޓު އުފައްދަން އެލްއެންޖީ ބޭނުން ކުރާ ދެ ގައުމެއް ނޫނެވެ. ރާއްޖޭގައި ކަރަންޓު އުފައްދަނީ ޑީސަލް އަންދައިގެނެވެ.

ރާއްޖޭގައި މިވަގުތު ހުރީ އެލްޕީޖީ ގޭހުގެ ދެ ޓާމިނަލެވެ. މޯލްޑިވް ގޭހާއި ވިލާ ގޭހުން ތިލަފުށީގައި ހިންގާ މި ޓާމިނަލްތަކުން މުޅިރާއްޖެ އަށް ބޭނުންވާ މެޑިކަލް ގޭހާއި ކައްކާ ގޭސް ގޭސް ފޯރުކޮށްދެ އެވެ.