އީގަލްސް

ކޯޗިން ކޯހަށް މޯހަން ޖަޕާނުގައި، އީގަލްސްއަށް ނިމާ

ކޯޗިން އެޑިއުކޭޝަންގެ އެންމެ މަތީ ލައިސެންސް ކަމަށްވާ، ޕްރޯ ލައިސެންސް ކޯހުގައި އީގަލްސްގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ޖަޕާނަށް ދިއުމުން ކުލަބު އީގަލްސް ޓީމަށް އިރުޝާދު ދޭން ޓީމުގެ އޮފިޝަލް އަހްމަދު ނިމާދު (ނިމާ) އާ ހަވާލު ކޮށްފި އެވެ.

މިދިޔަ އީގަލްސްގެ ސީނިއާ އެސިސްޓެންޓް ކޯޗުގެ މަގާމު އަދާ ކުރި، ނިމާ ވަނީ ހެޑް ކޯޗު ބެންޗުގައި ހުންނައިރު ވެސް، ޓަޗްލައިނަށް ނިކުމެ ބައެއް ހާލަތުގައި ޓީމަށް އިރުޝާދު ދީފަ އެވެ. ކުރިން އީގަލްސްގައި މަސައއްކަތް ކުރި މިހާރު ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗް އަލީ ނިސްތާރު މުހައްމަދު ފާހަގަ ކުރާ ގޮތުގައި ނިމާ އަކީ އިދިކޮޅު ޓީމުގެ މެޗު އެނަލިސް ކުރުމުގައި ހުނަރުވެރި ކޯޗެކެވެ.

މިރޭ ގުރީން ސްޓްރީޓާ ދެކޮޅަށް އީގަލްސް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފރެންސަށް ހާޒިރުވި، ކުލަބުގެ މެނޭޖަރު އަހްމަދު އިނާން އަލީ ވިދާޅުވީ، ކުރިއަށް އޮތް ތިން މެޗުގައި ވެސް މޯހަން ނުފެންނާނެ ކަމަށެވެ. އެހެންވެ ޓެކްނިކަލީ ޓީމު ލީޑް ކުރަން ނިމާ އާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އިނާން ބުނީ، ޖަޕާނުގައި މޯހަން ހުރި ނަމަވެސް މެޗަށް ޓީމު ތައްޔާރު ކުރުމަށް އޭނާގެ އިރުޝާދު ލިބެމުން ދާ ކަމަށެވެ. އަދި މެޗު ކުޅެމުންދާއިރު ޖަޕާނުގައި ހުރެގެން ވެސް މޯހަން މެޗު ބަލަމުން ދާނެ ކަމަށެވެ. ލީގްގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ނިކުތީ ޓީސީއާ ދެކޮޅަށެވެ. އީގަލްސް ލީޑް ނަގާފައި ވަނިކޮށް، އެ މެޗުން އެ ޓީމަށް ގެއްލުނީ ޓީސީން މެޗުގެ އެންމެ ފަހު މިނެޓްގައި ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ.

"އީގަލްސްގެ އޮތް ކޯޗިން ޓީމުން، ޓީމު މެޗަށް ތައްޔާރު ކުރަނީ ދެން މީގެ ބޮޑުކޮށް ހުންނާނީ ނިމާ، ކޯޗިން ޓީމުގެ ބެލުމުގެ ދަށުން މެޗަށް ތައްޔާރު ވަމުން މި ދަނީ،" އިނާން ބުންޏެވެ. "ކުރީ މެޗުގައި ވެސް ކުދިކުދި މިސްޓޭކުތަކެއް ހެދިފައި ހުރީ، އެކަންކަން ރަނގަޅުކޮށް ގުރީން ސްޓްރީޓާ ދެކޮޅަށް ތައްޔާރު ވަމުން މިދަނީ، ކުޅުންތެރިންގެ ގޮތުން ބަލާއިރު ގުރީން ސްޓްރީޓަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް."

އޭއެފްސީ ޕްރޯ ލައިސެންސް ކޯސް މޯހަން ފެށީ، މި އަހަރު މާޗް މަހު އެވެ. ކޯސް ކުރިއަށް ގެންދަނީ ބައިބަޔަށެވެ. މިހާރު ޖަޕާންގައި ކުރިއަށް އެގެންދަނީ ކޯހުގެ ދެ ވަނަ ބައެވެ. އޭއެފްސީ ޕްރޯ ލައިސެންސް ކޯސް މިހާތަނަށް ހާސިލު ކުރި ދިވެހި ކޯޗަކީ، 15 އަހަރުން ދަށުގެ ގައުމީ ޓީމު ހެޑް ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. ލައިސެންސް އެއްކޮށް އޭނާ ފުރިހަމަ ކުރީ މި އަހަރު އެވެ.