ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓްގެ މައްސަލަ މަޖިލީހަށް މިހާރު ފޮނުވިފައިވާ ކަމަށެވެ. އޭނާ މިހާރު ސަސްޕެންޑް ކޮށްފައިވާއިރު އެނާ މަގާމުން ވަކި ކުރަނީ އަހުލާގީ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް ނުދެ އެވެ.
މެޖިސްޓްރޭޓް އިބްރާހިމް ސަސްޕެންޑް ކުރީ މެއި 30، 2016 ގަ އެވެ. އޭގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައި ވެސް ވެ އެވެ. ނަމަވެސް ހައި ކޯޓުގެ އަމުރަކުން އޭނާ ފަހުން ދޫކޮށްލީ އެވެ.
ފަހަކަށް އައިސް ޖޭއެސްސީން ގެންދަނީ ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ ކޮމިޝަނުން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. ނަމަވެސް އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރުގެ ސަސްޕެންޝަން ދަމަހައްޓާފަ އެވެ. އަދި ފަނޑިޔާރު ދީދީ ގެންދަވަނީ ޖޭއެސްސީގެ ނިންމުމާ ހިލާފަށް ވަޒީފާއަށް ނުކުންނަވަމުންނެވެ.