ހަބަރު

ތިނަދޫ މެޖިސްޓްރޭޓްގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ އިތުރަށް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރުމުގެ މައްސަލާގައި ބަހުސް ކުރެއްވި މެންބަރުންގެ ތެރޭގައި ދެ ވިސްނުމެއް އުޅުނެވެ. އެ ގޮތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވީ ފަނޑިޔާރު ވަކިކުރަން ނިންމުމުގެ ކުރިން ޖޭއެސްސީން އޭނާގެ މައްސަލަ އަމަލު ކުރި ގޮތް ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމަށެވެ. އެކަމަކު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފަނޑިޔާރު ވަކިކުރަން މިއަދު ފާސްކުރަން ތާއީދު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

އަސްލަމްގެ ހުށަހެޅުއްވުމާ އެއް ގޮތަށް ފަނޑިޔާރުގެ މައްސަލާގައި ޖޭއެސްސީން އަމަލު ކުރި ގޮތުން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާގުންނެވެ.

މެޖިސްޓްރޭޓް އިބްރާހިމްގެ މައްސަލަ ވޯޓަށް އެހިއިރު މިއަދު ވެސް ސިސްޓަމަށް މައްސަލަ ދިމާވުމާ ގުޅިގެން އެ ވޯޓު ނެގީ ފެންނަ ކަމަށް ފެނިވަޑައިގަންނަވާ މެންބަރުން ކޮޅަށް ތެދުވަވަޑައިގަންނަވާ ގޮތަށް ކަމަށެވެ. އިއްޔެގެ ޖަލްސާގައި ވެސް ސިސްޓަމަށް މައްސަލަ ދިމާވުމާ ގުޅިގެން އެ ގޮތަށް ވޯޓު ނެގި އެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ 25 އޭޕްރިލް 2013 ގަ އެވެ. އެއީ އަންހެނަކާ ދިމާލަށް މަގުމަތީގައި ހުރެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަޑި ހުތުރު އެއްޗެހިތަކެއް ގޮވި މައްސަލަ އެވެ. އެ މައްސަލައާ ޖޭއެސްސީން މެޖިސްޓްރޭޓް ސަސްޕެންޑް ކުރީ މެއި 30، 2016 ގަ އެވެ.

މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަަތަމަ ފަހަރެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން އެއް ވެސް ފަނޑިޔާރަކު އެއްވެސް ތަނެއްގައި އެ ފަނޑިޔާރެއްގެ އަބުރާއި ކަރާމަތާއި އިހުތިރާމް ކެނޑޭ ފަދަ އެއްވެސް ގޮތަކަށް އަމަލުކޮށްގެނެއް ނުވާނެ އެވެ.