އަލީ ސުޒޭން

އެދެވޭގޮތަށް ޓީމު ތައްޔާރު ނުކުރެވޭކަން އެއްބަސްވެއްޖެ

ފިނިޝިން އަށް އެންމެ އެދެވޭ ގޮތުގައި ގްރީން ސްޓްރީޓްގެ ޓީމު ތައްޔާރު ނުކުރެވުނު ކަމަށް، އެ ޓީމުގެ ކޯޗް އަލީ ސުޒޭން އެއްބަސް ވެއްޖެ އެވެ.

ފުރަތަމަ މެޗުގައި، މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި، ޓީމު އަތުގައި ބޯޅަ ކޮންޓްރޯލް ކުރެވި ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދުނު ކަމަށާއި މައްސަލަ ދިމާވީ ފިނިޝަންގައި ކަމަށް ސުޒޭން ބުންޏެވެ. އޭނާ ބުނީ ޓީމު ތައްޔާރު ކުރުމުގައި ފިނިޝިންއިން އަތް ދޫކޮށް ލެވުނުކަން ގަބޫލު ކުރާ ކަމަށެވެ.

"ރަނގަޅު ކުރަންޖެހޭ ކަންތައްތައް ކަމަށް އަޅުގަނޑު ފާހަގަ ކޮށްފައި ވާނީ މިސާލަކަށް ފިނިޝިން ކަހަލަ އެއްޗިއްސަކީ މުބާރާތެއް މިހާ ބޯމަތިވެފައި އޮންނައިރު ވަރަށް ގިނައިން މަސައްކަތް ކުރަންޖެހޭނެ އޭރިއާ އެއް،" މިރޭ އީގަލްސް އާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ސުޒޭން ބުންޏެވެ. "އެހެންނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން އެހާބޮޑަށް އެޓެންޑް ނުވެވި މިހުރީ، އެއީ ވަރަށް ބޮޑަށް އަތުން ނައްޓާލައިގެން ދިޔަ ކަމެއް، އެހެންނަމަވެސް ޝެޑިއުލް މިއޮންނަ ގޮތުން އަޅުގަނޑުމެން ޕްރެކްޓިސް ފަށައިގެން ވަކި ހިސާބަކުން ރޯދަ މަސް އައީމަ، ފުދޭވަރަކަށް އުނދަގޫތަކާ ދިމާވި.

ސުޒޭން ބުނީ، ގުރީން ސްޓްރީޓްގެ ކެޕްޓަން އަސްހަދު އަލީ އަށް އަނިޔާވެގެން އެކަން މީޑިއާއަށް ފާހަގަ ނުވެ ދިޔަހެން އޭނާ އަށްވެސް ކަމެއް ދޫކޮށްލެވިފައި ދެވިދާނެ ކަމަށާއި އެގޮތުން ފިނިޝިންއަށް މަސައްކަތް ކުރުންވެސް އަތުން ދޫކޮށްލެވުނީ ކަމަށް ސުޒޭން ބުންޏެވެ.

އޭނާ ބުނީ އަޑޭއަށް ނުކުޅެވުމަކީ ވަރަށް އުނދަގޫ ކުރިމަތިވި ކަމެއް ކަމަށާއި، ލެފްޓް ބެކަށް ކުޅޭ އާދިލް އަބްދު ރަހްމާން، ސެންޓްރަލް ޑިފެންސަށް ބަދަލު ކުރަން ޖެހުނީވެސް އެޑޭ ނެތުމުން އެ މަގާމު ފޫބެއްދުމަށް ކަމަށެވެ.

"އާދިލް އަކީ ލެފްޓް ބެކެއް، ރައިޓް ބެކެއް، ކޮންމެ ފަރާތަކަށްވެސް ކުޅެވޭނެ، އެކަމަކު ސެންޓްރަލް ޑިފެންސަށް އާދިލް ލާން މަޖުބޫރު ވީ އަޑޭވެސް ނެތުމާއި ދެން ބޭރު ކުޅުންތެރިޔާއަށްވެސް ނުކުޅެވުމުން އެންމެ ބޮޑު މައްސަލައަކީ، އަޑެ ހުރިނަމަ އަޑޭ ސެންޓްރަލް ޑިފެންސަށް ލެވޭނެ،" ސުޒޭން ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް ސެންޓްރަލް ޑިފެންސްގައި އާދިލްވެސް ވަރަށް ޕްރޮފިޝަނަލްކޮށް ރަނގަޅަށް ކުޅުނު."

ސުޒޭން ވަނީ، ގުރީން ސްޓްރީޓްގެ ޒުވާން ފޯވަޑް، އަބްދުﷲ ޔާމީން ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ޔާމީން ފުރުސަތު ދިނުމުން އޭނާގެ ނުފޫޒު އެޓޭކުގައި ވަރުގަދަކަން ދައްކައިދޭ ކަމަށެވެ. އަދި ޔާމީންއަކީ ކޮންމެ މެޗެއްގައިވެސް ފުރަތަމަ 11 ގައި ކުޅުމުގެ ފެންވަރު ހުރި ކުޅުންތެރިޔެއްކަން ސުޒޭން ފާހަގަ ކުރި އެވެ.