ވިކްޓަރީ

ޒުވާން ޓީމާމެދު އުންމީދު އެބައޮތް: މުހައްމަދު އާދަމް

ވިކްޓަރީގެ ޒުވާން ކުޅުންތެރިންގެ ޑިވެލޮޕްމެންޓްގައި ބޮޑު އުންމީދެއް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު އާދަމް ބުނެފި އެވެ.

އޭނާ ބުނީ، ލީގް ބްރޭކަށް ފަހު އަލުން ފަށާއިރު ޓީމުގެ ފެންވަރު މަތި ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. ވިކްޓަރީއަކީ އޭނާ ކޯޗް ކޮށްދޭ ފުރަތަމަ ޓީމެވެ. އޭނާ ބުނީ ވިކްޓަރީގެ ތިބި ޒުވާން ކުޅުންތެރިންނަކީ ކުރިއަށް އޮތްތަނުގައި ގައުމީ ފެންވަރުގައި ކުޅެވޭނެ ކުޅުންތެރިންނަށް ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. މިއަދު ދަ ގްރޭންޑޭ އާ ދެކޮޅަށް ކުޅޭ މެޗުގައި، ކުރިން ދެ މެޗަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް މުހައްމަދު ބުންޏެވެ.

އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް ކުޅުނު މެޗުގައި، ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އެމެޗުގައި ގިނަ ގޯލްތައް ޖާހަފައި ހުރީ ސެޓްޕީސްތަކުން ލިބުނު ބޯޅަތަކުން ކަމަށް ވުމުން ޑިފެންސްގެ މައްސަލައަކުން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އޭނާ ބުނީ، ވިކްޓަރީގެ ޒުވާން ޓީމާ އެނާ ހަވާލުމުން ބައެއް މީހުން އޭނާއަށް ފާޑު ކީ ކަމަށެވެ. އަދި އެވަރުގެ ޓީމަކާ ހަވާލުވީ ކީއްވެގެންތޯ ބުނެ ބައެއް މީހުން ސުވާލު ވެސް އުފެއްދި ކަމަށެވެ.

"ކޯޗިން ދާއިރާގައި ކޮބައިތޯ އިންޓަރެސްޓަކީ އެއްވެސް ރިސްކެތް ނެތި، ހުސް މޮޅެތި ކުޅުންތެރިން ލައިގެން ނިކުމެ އޭނާ [ކޯޗް] ގެ މޮޅުކަން ކިހިނެއްތޯ ދައްކާނީ،" އޭނާ ބުންޏެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ކޯޗެއްގެ ޒިންމާއަކީ ކުޅުންތެރިން ޑިވްލަޕްކޮށް ދިނުން އެގޮތުން އަޅުގަނޑު މި ޒުވާން ކުޅުންތެރިނާ ހަވާލުވީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ކެލިބާ ހުރިވަރަކުން އަޅުގަނޑު ދައްކައި ދޭނަން."