ހަބަރު

ޓްވިޓާ އެކައުންޓްތަކަށް ފޮނުވާ ޑައިރެކްޓް މެސެޖްތަކަށް ސަމާލުވާން އެދެފި

Dec 31, 2014

ޓްވިޓާ އެކައުންޓްތަކަށް ފޮނުވާ ޑައިރެކްޓް މެސެޖްތަކަށް ސަމާލުވާން ފުލުހުން އެދެފި އެވެ.

މިރޭ ފުލުހުން ބުނީ ފަހަކަށް އައިސް ޓްވިޓާ އެކައުންޓްތަކުގެ ޕާސްވޯޑް ރީސެޓް ކުރަން ޑައިރެކްޓް މެސެޖްތަކާއި ބައެއް އެސްއެމްއެސްތައް ފޮނުވަމުންދާ ކަމަށެވެ.

އަދި އެހެން ފޮނުވާ ލިންކް ހުޅުވުމުން  ޓްވިޓާގެ ވެބްސައިޓާ ވައްތަރުގެ އެހެން ވެބްސައިޓަކަށް ރީޑިރެކްޓްވެ އެ ވެބްސައިޓްގައި ލިޔާ މައުލޫމާތު ތަކާއި ޕާސްވޯޑް އެހެން ފަރާތަކަށް ލިބި އެކައުންޓް ތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ކުރަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މިދެންނެވިފަދަ މެސެޖްތަކުގެ އެހީގައި، ޓްވިޓާ އެކައުންޓުގެ ޕާސްވޯޑާއި އެހެނިހެން މައުލޫމާތު ނެގުމަށްފަހު އެ އެކައުންޓަކުން ޓްވީޓް ކޮށް އެކައުންޓުގެ ވެރިފަރާތަށް ނޭނގި އޭނާގެ ނަމުގައި ޑައިރެކްޓް މެސެޖްތައް ދަނީ ފޮނުވަމުންނެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

ފުލުހުން މި މައުލޫމާތު ހާމަ ކުރި އިރު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ޓްވީޓާ އެކައުންޓް އެގޮތަށް ބަދަލުކޮށް ބަޔަކު ވަނީ އެ އެ ކައުންޓުން ޓްވީޓް ކުރަން ފަށާފަ އެވެ.